އައްޑޫގައި އެންސްޕާއާއި އާސަންދައިގެ އޮފީހެއް ހުޅުވައިފި، މިއަހަރު ނިމެންވާއިރަށް ހުރިހާ ޚިދުމަތެއް ލިބޭނެ

އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި އާސަންދައިގެ އޮފީހެއް މިއަދު ހުޅުވައިފިއެވެ. އެ އޮފީސް ރަސްމީކޮށް ހުޅުވި ހަފްލާގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މިއަހަރުގެ ނިޔަލަށް އެ އޮފީހުން، އެންސްޕާއާއި އާސްންދައިން ދޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށެވެ. ހީނާ ވިދާޅުވީ، އައްޑޫ ސިޓީގައި އެފަދަ އޮފީހެއް ހުޅުވުމަކީ ރާއްޖޭގެ ދެކުނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެންސްޕާއާއި އާސަންދައިގެ ޚިދުމަތަކީ ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިފައިވާ ޚިދުމަތެއް ނަމަވެސް، ސިޓީތަކުގައި އެ ކުންފުނިތަކުގެ މުއައްޒަފުން ހަރަކާތްތެރިވާން ޖެހޭކަން ހީނާ ފާހަގަކުރެއްވިއެވެ. ހީނާ ވިދާޅުވީ ކުރީގެ ސަރުކާރަކުން މިފަދަ ކަމެއް ކުރުމުގެ ވިސްނުން ގެންގުޅެފައި ނުވާކަމަށެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، މިފަދަ ކަމަކަށް އިރުޝާދު ދެއްވީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ހާލު ދެނެގަތުމަށް ގެންގުޅުއްވާ އަހަންމިއްޔަތުގެ ސަބަބުން ކަމަށް ހީނާ ވިދާޅުވިއެވެ. އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި އާސްންދަ އޮފީސް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންސްޕާ ހީނާ ވަނީ ކުރިއަށް އޮތް ތަނުގައި އައްޑޫގައި ހުޅުވި އޮފީހުން އެންސްޕާއާއި އާސަންދައިން ދޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. މިހާރު މި އޮފީހުން ފޯމު ބަލައިގަތުމާއި، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިން ކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި މި އޮފީހަކީ އެންސްޕާ އަދި އާސަންދައިން ދެވޭ ހުރިހާ ޚިދުމަތެއް ދެވޭ ތަނަކަށް ބަދަލުވެގެންދާނެ. މި އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން އެ ޓާގެޓަށް ވާސިލްވާނެ. ވާސިލްވުމަށްޓަކައި ކުރާ މަސައްކަތް ކާމިޔާބުވާނެ, އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާމިނަތު ޒީނިއާ ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ އޮފީހަކީ ރައްޔިތުން ވަރަށް ބޭނުންވެފައި ތިބި، އަދި މުހިންމު މަގުސަދެއް ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހުޅުވިގެންދިޔަ އޮފީހެއް ކަމަށެވެ. ޒީނިޔާ ވަނީ އާސަންދައާއި އެންސްޕާގެ ޚިދުމަތް ފަސޭހަކަމާއެކު އައްޑޫ ސިޓީގެ ރައްޔިތުންނަށް ހޯދޭނެ ގޮތް ފަހިކޮށްދީ ހަމަޖައްސައިދިނީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރުދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ