ވެމްކޯގެ މަސައްކަތު މާހައުލުގެ އަވަސް ތަހުގީގެއް އެޗްއާރުސީއެމުން ހިންގަނީ

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، އެ ކަމުގެ އަވަސް ތަހުގީގެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރޭ ނިންމައިފި އެވެ.
ވީކިހިނެއް؟ - މާލޭގެ ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފަކު އެ ތަނުގެ ވެހިކަލެއް ތެރެއަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނީ، ހާލު ސީރިއަސް ވެގެން ވެންޓިލޭޓަރުގަ އެވެ.
ތަފްސީލް - މީގެ ކުރިން ވެސް ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ހާދިސާތަކެއް ހިނގިއިރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ބުނެފައިވާ ގޮތުގައި ވެމްކޯ ސައިޓުތަކުގައި އެއްވެސް ރައްކާތެރިކަމެއް ނެތްއިރު މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ވެސް ނޯވެ އެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ވެސް ސުވާލުކުރަމުން ދަނިކޮށް އެޗްއާރުސީއެމުން މިއަދު ހެނދުނު ބުނީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އަވަސް ތަހުގީގެއް ހިންގަން ނިންމީ ރޭ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ - ވެމްކޯ ސައިޓުގައި ހިނގީ ކޮން ކަހަލަ ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ވެމްކޯއިން ވެސް މިހާތަނަށް ރަސްމީކޮށް މިކަމާ ގުޅިގެން އެއްޗެއް ނުބުނެ އެވެ.
ފުލުހުންނާއި އެޗްއާރުސީއެމުން ވެސް މީގައި ބަހެއް ބުނީ މިކަމާ ގުޅޭ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ، އެކަމާ ގުޅިގެން މީޑިއާ ގްރޫޕުތަކުގައި ނޫސްވެރިން ސުވާލު ކުރަން ފެށުމުންނެވެ.
ސޯޝަލް މީޑިއާގައި އެ މީހާގެ ފޮޓޯއާ އެކު ދައުރުވަމުންދާ ޕޯސްޓެއްގައިވާ ގޮތުން:
މުވައްޒަފު ވެއްޓިފައިވަނީ ވެމްކޯގެ އުޅަނދެއްގެ ރޭމްޕް މަތިން ކޮންޓެއިނަރެއް މައްޗަށް
ރޭމްޕާއި ކޮންޓެއިނަރާ ދެމެދު 12 ނުވަތަ 13 ފޫޓުގެ އުސްމިން ހުންނާނެ
މިދިޔަ އާދީއްތަ ދުވަހުގެ ދަންވަރު 3 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އެ ކުންފުނީގެ ޑްރައިވަރަކަށް
މި ހާދިސާ ހިނގުމާ އެކު، އެ ވަގުތު އެ ތަނުގައި ތިބި މުވައްޒަފުންނަށް، މިކަން ސިއްރު ކުރުމަށް އަންގާފައިވޭ
މައްސަލަ ފުލުހުންނަށް ހުށަހެޅީ މުވައްޒަފުގެ އާއިލާގެ ފަރާތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ