ހިބަޅިދޫ ހަތިޔާރު މައްސަލައިގެ ދައުވާ ސާފު ނުވާ ކަމަށް އަދީބާއި ޕާޕާ ވިދާޅުވެއްޖެ

ބ. ހިބަޅިދޫ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން ދައުވާ ސާފު ނުވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ވިދާޅުވެއްޖެ އެވެ. އެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އަދީބާއި ޕާޕާގެ އިތުން ދެން ދައުވާ އުފުލާފައި ވަނީ އެފްއޭއެމްގެ ނޮމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީގެ މައްޗަށެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަދީބާއި ޕާޕާ ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށެވެ. އަދި ދައުވާގައި ބޮޑެތި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ޕާޕާ ވަނީ ވިދާޅުވެފަ އެވެ. ދައުލަތުން ވަނީ ތަކުރާރުކޮށް ދައުވާ އިއްވައި ދައުވާ ސާފުކޮށްދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ދައުވާ ސާފު ނުވާކަ މަށް ވިދާޅުވެ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް ޕާޕާ އަދި އަދީބު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. ގާޒީ ވިދާޅުވީ މައްސަލައިގެ އަޑުއެހުން އޮންނާނީ ފެށޭ މަހުގެ ތިން ވަނަ ދުވަހު ކަމަށާއި އެ ދުވަހާ ހަމައަށް ވަކީލަކު އައްޔަން ކުރުމަށް ފުރުސަތުދޭ ކަމަށެވެ. އަދީބާއި ޕާޕާގެ އިތުރުން މައްސަލާގައި ދެން ދައުވާ ލިބޭ ތިން މީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. ދައުލަތުން އެ ދުނީ އެ މީހުންގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސްސިނުމަށެވެ. އެއީ އެންމެ ގުޅިގެން ހިންގާފައިވާ ކަމަކަށް ވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި ހާޒިރު ނުކުރެއްވިއްޖެނަމަ އަދީބާއި ޕާޕާގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް ދައުލަތުން އެދުނެވެ. އެމީހުންގެ ގެއަށް ޗިޓް ފޮނުވި ކަމަށާއި އެމީހުން އުޅެނީ ރާއްޖޭން ބޭރުގައި ފިލައިގެން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ޕާޕާ މައްޗަށް ކުރި ދައުވާގައި ވަނީ އެޕްރީލް 26، 2015 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފްގެ އޯޑްނަންސް ސާވިސް ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި އިރު، އެ ޔުނިޓުގެ ބެލުމުގެ ދަށުގައި ހުރި ސިފައިންގެ ބަޑިގުނަދުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އޭނާ ބަޑިގުދަނުން ހަތިޔާރު ނެރެފައިވާއިރު، ގެއްލުނު ހަތިޔާރު ހޯދަން ކުރި މަސައްކަތަށް ޕާޕާ ހުރަސް އަޅާފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ. ދައުވާގައި ބުނެފައި ވަނީ އަދީބާއި އޮއިއްޓޭ މިދިޔަ އަހަރުގެ ތަފާތު އެކި ދުވަސްމަތިން، އަދީބު ދިރިއުޅުއްވި ހ. ހުމަށިގޭގެ އެޕާޓްމަންޓާއި ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއްގައި ގޮވާތަކެތި ގެންގުޅެފައިވާ ކަމަށެެވެ. އަދި އަދީބާއި ފަޔާޒު އާއި އޮއިއްޓޭ އާއި އިޝްފާހު އަދި އައްލާމް ބައިވެރިވެގެން އެ ހަތިޔާރު ހިބަޅިދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ދައުވާގައި ވެއެވެ. މައްސަލާގައި ދައުވާ ލިބޭ އިޝްފާހު އާއި އައްލާމް ހޯދަން އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ވެސް ނެރެފައެވެ، އަދި އެ ތިން މީހުން ފުލުސް އޮފީހަށް ހާޒިރުވުމަށް އެއް މަސް ދުވަހުގެ ނޯޓިހެއް ފުލުހުން މީގެ ކުރިން ދީފައިވެއެވެ. ނަމަވެސް އެ ތިން މީހުން އުޅޭ ވަކި ގައުމެއް އަދި އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ