13 ރަށެއްގައި 2،100 އަގުހެޔޮ ފްލެޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

މީހުން ދިރިއުޅޭ 13 ރަށެއްގައި ޖުމްލަ 2،100 އަގުހެޔޮ ފްލެޓް އަޅާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފި އެވެ.
ވީކިިހިނެއް؟ - ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން އެ 13 ރަށުގައި ޖުމްލަ 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތުދީ، އެ ފުރުސަތު ހުޅުވާލީ އަންނަ މަހު 17ގެ މެންދުރުފަހު 1ގެ ނިޔަލަށެވެ.
މި މަޝްރޫއުގެ ދަށުން އަޅަން ޖެހެނީ، ތިރީގައި ޕާކްކުރެވޭނެ ޖާގަ އާއި ވިޔަފާރިކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައިވާ ގޮތުގައި، މި ކަމަށް އެދި ހުށަހެޅޭނީ %100 ދިވެހިންގެ ހިއްސާ އޮންނަ އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކުންފުނިތައް ނުވަތަ ކޮންސޯޓިއަމްތަކަށެވެ.
އެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކުރި ސަބަބެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ފާހަގަކޮށްފައިވަނީ:
މި މަޝްރޫއަކީ އަގުހެޔޮ ބޯހިޔާވަހިކަން ހޯދައިދިނުމަށާއި ރޭވުންތެރިކަމާ އެކު ރަށްވެހިކަން ތަރައްގީކުރުމަށާ އަދި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް
ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަން ހާސިލުކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ސީދާ ބައިވެރިވުން އިތުރުކޮށް، ދިވެހި ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ގާބިލުކަން އިތުރުކޮށް، ކުރިއެރުވުމަށް ލިބޭ މުހިންމު ފުރުސަތަކަށް ހެދުމަށް
މީގެ އިތުރުން، މި ފްލެޓްތައް ހެދުމަށް ފައިސާ ހަމަޖައްސަން ޖެެހެނީ މަޝްރޫއު ހަވާލުކުރެވޭ ޑިވެލޮޕަރު ނުވަތަ ކުންފުނިންނެވެ. ފްލެޓްތައް އެޅުމަށް ފަހު ކުންފުންޏަށް ފްލެޓްތައް ވިއްކޭނެ އެވެ. ނަމަވެސް ގިނަ ފްލެޓްތައް އަގުހެޔޮކުރުމަށް ލާޒިމުކޮށްފައިވެ އެވެ. އެގޮތުން:
އަޅާ ފްލެޓްތަކުގެ %60 ވާން ޖެހެނީ އަގުހެޔޮ ފްލެޓްތަކަށް
އަގުހެޔޮ ފްލެޓްގެ އެންމެ ކުޑަ ބޮޑުމިނަކީ 900 އަކަފޫޓަށް ވާން ޖެހޭ
އެ ފްލެޓް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިއަން ރުފިޔާ
ކަނޑައެޅިފައިވާ އެންމެ މަތީ އަގަށް ވުރެ ހެޔޮ އަގެއް ހުށަހެޅިދާނެ
އެނގުން މުހިންމު - މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ރަށްތަކާއި އެއިން ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ހައުސިން ޔުނިޓްތަކުގެ އަދަދަކީ:
ހއ. ހޯރަފުށި - 100 ހައުސިން ޔުނިޓް
ރ. އުނގޫފާރު - 100 ހައުސިން ޔުނިޓް
ބ. ތުޅާދޫ - 50 ހައުސިން ޔުނިޓް
ޅ. ނައިފަރު - 300 ހައުސިން ޔުނިޓް
މ. މުލި - 100 ހައުސިން ޔުނިޓް
ދ. މީދޫ - 100 ހައުސިން ޔުނިޓް
ލ. ގަން - 200 ހައުސިން ޔުނިޓް
ގދ. ތިނަދޫ - 300 ހައުސިން ޔުނިޓް
ފުވައްމުލައް - 300 ހައުސިން ޔުނިޓް
އައްޑޫ ހިތަދޫ - 300 ހައުސިން ޔުނިޓް
އައްޑޫ ފޭދޫ - 200 ހައުސިން ޔުނިޓް
އައްޑޫ މަރަދޫފޭދޫ - 25 ހައުސިން ޔުނިޓް
އައްޑޫ މަރަދޫ - 25 ހައުސިން ޔުނިޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ