އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް މަގު ހަދަން ފަށަނީ

އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
"ދަ ޕަލްސް" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެ، ގާތައް މުގުރިފައި އޮތް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާނެ ކަމަށެވެ. 
"އޭރަށް އިރާދަކުރެއްވިއްޔާ މާލޭގެ ބާޒާރުމައްޗަށް މި ވިޔަފާރި ސަރަަހައްދާ އަދި ޖުމްލަކޮށް މާލޭގައި މި ދުއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ. 
ރައީސް ވިދާޅުވި ގޮތުގައި މަގުގެ އެ ސަރަހައްދުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިހާރު ކުރިއަށްދާ މަގުގެ ބައި ނިމުމުންނެވެ. މިހާރު އެމްޓީސީސީން ތަރައްގީ ކުރަމުންދަނީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށެވެ. އެ ސަރަހައްދުގައި ތާރުއަޅައި ނިންމައި، މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމައިފަ އެވެ. 
ފަޅު ހިއްކައިގެން މަގު ފުޅާކޮށް ހަތަރު ލޭނަށް ދުއްވޭ ގޮތް ހަދާފައިވާއިރު ފަޅު ތެރެ ހިއްކައިގެން 500 ސައިކަލް ޕާކް ކުރެވޭނެ ޖާގައެއް ވެސް ވަނީ ހަދައިފަ އެވެ. އެ ތަނުގެ ތިން ފަރާތަށް ވެސް ލޯންޗުފަހަރު ކައިރި ކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ. 
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އެންމެ ފުރަތަމަ ތަރައްގީ ކުރީ އެމްޕީއެލް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަަމައަށެވެ. މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހިމެނޭ އެ ސަރަހައްދުގެ މަގު ފުޅާވެގެން ދިޔުމާ އެކު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބުނެވެ. 
އެ މަޝްރޫއު އެމްޓީސީސީއިން ކުރިއަށް ގެންދިޔައީ ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ