ނާޒިމްގެ ގޮނޑި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ: ސުޕްރީމް ކޯޓް

ސިވިލް ކޯޓުގައި އޭނާ އެދުނީ ގޮނޑި ގެއްލުމުގެ ސަބަބުން ގެއްލުނު މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ޖަލަށްލުމާއެކު އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
މީގެ އަށް އަހަރު ކުރިން، 2015 ވަނަ އަހަރު ނާޒިމް 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކުރީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރަކަށް އޭރު ހުންނެވިއިރު މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމާއެކު އޭނާގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނެވެ. އޭގެ ފަހުން އެ ހުކުމް ރިިވިއުކޮށްދޭން 2018 ވަނަ އަހަރު ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ހުކުމް ބާތިލުކޮށް އޭނާ މިނިވަންކޮށްފަ އެވެ.އޭނާ ޖަލަށް ލުމުން އޭރު ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފަހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ސިވިލް ކޯޓުގައި އޭނާ އެދުނީ ގޮނޑި ގެއްލުމުގެ ސަބަބުން ގެއްލުނު މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނާއި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށެވެ. އެކަމަކު އެއީ ސިވިލް ކޯޓުގެ އިހުތިސޯސްގެ ތެރެއިން ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ރަޖިސްޓްރާ މައްސަލަ ބޭރުކޮށްލީ އެވެ. ހައިކޯޓުން ވެސް އޮތީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ވަނީ ނާޒިމްއާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ. ނާޒިމް އެދުނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، އެ ހައްގު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.ނާޒިމްގެ މައިގަނޑު ނުކުތާއަކީ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ރަޖިސްޓްރާ ނިންމުމަކީ ދައުވާގެ މައުލޫގެ ބަޔަކަށް ގޮތް ނިންމުން ކަމަށެވެ. ސުޕްރީމް ކޯޓުގައި ހުކުމުގައި ވެސް އެކަން ފާހަގަކޮށް، އެއީ ރަޖިސްޓްރާގެ ޒިންމާއެއް ނޫން ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، އެ މައްސަލައަކީ ޝަރީއަތަށް ހުށަހަޅައިގެން ހަސްމުންގެ ހުށަހެޅުމަށް ބިނާކޮށް ގޮތް ނިންމަންޖެހޭ މައުލޫއީ މައްސަލައެއް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.މީގެ އިތުރުން، މައުލޫއީ ގޮތުން ދައުވާއަށް ނުވަތަ ދައުވާ އިން ބަޔަކަށް ރަޖިސްޓްރާ ގޮތެއް ނިންމައިފިނަމަ، އެ މައްސަލައަށް ޝަރީއަތުން ގޮތެއް ނިންމުމުގެ ދޮރު ބަންދުވެގެންދާނެ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ