އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާން (ނީޓް) ގެ ކަރުދާސްތައް ލީކުވި މައްސަލައާއި އިމްތިހާނުގެ އުސޫލުތަކާ ގުޅިގެން ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތަކަށް އެއް މަސް ދުވަސް ވީފަހުން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރަދާން އޭނާގެ އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޮނުއްވީ ހޮނިހިރު ދުވަހުއެވެ.
މި ނިންމުން އިއުލާނު ކުރައްވާފައިވަނީ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އާއި ސަރުކާރާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ތިންވަނަ ބުރު ފެށުމުގެ މަދު ގަޑިއިރުތަކެއް ކުރިން އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށެވެ. ދިއްލީގެ ޖަންތަރް މަންތަރްގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ މައިގަނޑު ޑިމާންޑަކީ ޕްރަދާންގެ އިސްތިއުފާއެވެ.
ސީޖޭޕީ އާއި މަރުކަޒީ ސަރުކާރާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް މީގެ ކުރިން އޮތީ ހުއްޓުމަކަށް އައިސްފައެވެ. ސަބަބަކީ ޕްރަދާން މަގާމުން ވަކިނުކުރާނަމަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާނެ ކަމަށް ސީޖޭޕީން ބުނަމުން ދިއުމެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައިގަނޑު ތިން ކަމަކީ: ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާ، މުޒާހަރާ ކުރި ދަރިވަރުންނާ މެދު ގާނޫނީ ފިޔަވަޅު ނޭޅުން، އަދި ކަރުދާސް ލީކުވި މައްސަލައިގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމެވެ.
އިސްތިއުފާ އިއުލާނު ކުރައްވަމުން ޕްރަދާން ވިދާޅުވީ، ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި އިހުސާސްތަކަށް އޭނާ ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
”އަޅުގަނޑުގެ ނިންމުމަކީ ގައުމުގެ ޒުވާނުން އޮޅުންބޮލުންގަނޑެއްގެ ތެރޭގައި ތާށިވިޔަ ނުދިނުމެވެ،“ އޭނާ ވިދާޅުވިއެވެ.
އަދި ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ދަރިވަރުންގެ މުސްތަގުބަލަށް އުނިކަމެއް ނައުމަށްޓަކައި އިސްތިއުފާ ދެއްވީ ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
ޕްރަދާން އިސްތިއުފާ ދެއްވި ޚަބަރާއެކު ޖަންތަރް މަންތަރްގައި ތިބި ދަރިވަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ވިދާޅުވީ، ”އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެ،“ ކަމަށެވެ. އަދި މި ސަރުކާރުން އެއްވެސް މީހަކު އިސްތިއުފާ ނުދޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ދަރިވަރުންގެ ބާރުން އެކަން ބަދަލުކޮށްފި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުޅި އިންޑިއާގެ އެކި ސިޓީތަކަށް ފެތުރިގެންދިޔަ މި މުޒާހަރާތަކަކީ ސަރުކާރަށް ސިޔާސީ ގޮތުން ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި މައްސަލައެކެވެ. އިދިކޮޅު ޕާޓީތަކުންވެސް ވަނީ ދަރިވަރުންގެ މި ހަރަކާތަށް ފުރިހަމައަށް ތާއީދުކޮށްފައެވެ.
އިންތިހާން ކަރުދާސް ލީކުވި މައްސަލައިގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ