އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީން ބޭރުކޮށްލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުން ތާއީދުކުރައްވާ ކަމަށް ބުނެ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފިއެވެ. އައިއޯސީގެ އެތިކްސް ކޮމިޝަނަށް ހުށަހެޅި މި މައްސަލަ ބޭރުކޮށްލަމުން އައިއޯސީގެ ތަރުޖަމާނު ވިދާޅުވީ، މިއީ އެ ކޮމިޝަނުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އައިއޯސީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ޝަކުވާއަކީ ފީފާގެ ހިންގުމާއި، ސަރުކާރުތަކާއެކު އޮންނަ ގުޅުމާއި، ކުޅިވަރުގެ ގަވާއިދުތައް ތަންފީޒުކުރުމާ ގުޅޭ ކަންތައްތަކެކެވެ. އެހެންކަމުން މިއީ އައިއޯސީގެ އެތިކްސް ކޯޑުގެ ދާއިރާއިން ބޭރުގައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޖުލައި 14 ގައި އައިއޯސީއަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އިންފަންޓީނޯ ވަނީ އެމެރިކާގެ ރައީސް ޓްރަމްޕަށް ފުޅާދާއިރާއެއްގައި ސިޔާސީ ތާއީދު ދެއްވައި، އައިއޯސީގެ ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހުމުގެ ގަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެވަޑައިގެންފައި ކަމަށެވެ. 2020 ވަނަ އަހަރުން ފެށިގެން އައިއޯސީގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި އިންފަންޓީނޯ އާއި ޓްރަމްޕް އެކީގައި ގިނަ ހަރަކާތްތަކަކުން ފެނިގެންގޮސްފައިވާއިރު، މިފަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ދެ ބޭފުޅުން އެކުގައި ދަނޑަށް އަރައިވަޑައިގަތުމުން ސަޕޯޓަރުން ނުރުހުމާއި ފާޑުކިއުން ވަނީ އަމާޒުވެފައެވެ. މީގެ އިތުރުން، މުބާރާތުގެ ތެރޭގައި އެމެރިކާގެ ފޯވާޑް ފޯލާރިން ބަލޯގަންއަށް ދެއްކި ރެޑް ކާޑުގެ ސަސްޕެންޝަން މުރާޖާއާކުރުމަށް ޓްރަމްޕް، އިންފަންޓީނޯއަށް ގުޅުއްވި ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ފީފާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕަށް "ފީފާ ޕީސް ޕްރައިޒް" ވެސް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ