ސަމާލުކަމަށް: ލިޔުމުގައި ހިމެނޭ ބައެއް ތަފުސީލުތަކަކީ ކިޔުންތެރިންނަށް ނުތަނަވަސްކަން އިހުސާސްކުރެވިދާނެ ފަދަ ވާހަކަތަކެކެވެ.
ލަވަކިޔުންތެރިޔާ "ޑީފޯވްޑީ" އަށް ތުހުމަތުކުރެވޭ، އުމުރުން 14 އަހަރުގެ ސެލެސްޓޭ ރިވާސް ހެނާންޑޭޒް މަރާލި މައްސަލައިގައި، އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖުތަކުން އެ އަންހެން ކުއްޖާ މަރުވުމުގެ ކުރިން ބަލިވެއިނދެ، ދަރިވައްޓާލާފައިވާކަން ހާމަވެއްޖެއެވެ.
ޑޭވިޑް އެންތަނީ ބާކް (ޑީފޯވްޑީގެ އަސްލު ނަން) ގެ މައްޗަށް މިދިޔަ އަހަރު ހިނގި އެ ކުއްޖާގެ މަރުގެ މައްސަލައިގައި ޝަރީއަތް ކުރިއަށް ގެންދާނެތޯ ނިންމުމަށް ބޭއްވި އަޑުއެހުމެއްގައި މި މެސެޖުތައް ވަނީ ހުށަހަޅާފައެވެ.
ދައުވާކުރާ ފަރާތުން ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ޖޫން މަހު ސެލެސްޓޭ ވަނީ ބާކްއަށް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި އޭނާ ސުވާލުކޮށްފައިވަނީ، ފުރަތަމަ ފަހަރު ދަރިވައްޓާލުމަށް ކުރި މަސައްކަތް ކާމިޔާބު ނުވިނަމަ ދެން ވާނީ ކިހިނެއްތޯއެވެ. އެ ދުވަސްވަރު ސެލެސްޓޭގެ އުމުރަކީ 13 އަހަރެވެ. ބާކްގެ އުމުރަކީ 19 އަހަރެވެ.
ދައުލަތުގެ ވަކީލުން ބުނާ ގޮތުގައި، ބާކް އެ ކުއްޖާ މަރާލީ، އޭނާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރާކަން ހާމަކޮށް، އޭނާގެ މިއުޒިކީ ކެރިއަރު ހަލާކުކޮށްލާނެ ކަމަށް ބުނެ ސެލެސްޓޭ އިންޒާރު ދިނުމާ ގުޅިގެންނެވެ. ނަމަވެސް ބާކް ވަނީ މަރުގެ ދައުވާ އާއި ޖިންސީ ގޯނާގެ ދައުވާއަށް އިންކާރުކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު ލޮސް އެންޖެލިސްގެ ކޯޓުގައި ދެއްކި މެސެޖުތަކުގެ ތެރޭގައި، 2024 ޖެނުއަރީގައި ބާކް އެ ކުއްޖާއަށް މައާފަށް އެދި ފޮނުވި މެސެޖެއް ހިމެނެއެވެ. އެއަށް ޖަވާބު ދެމުން ސެލެސްޓޭ ބުނެފައިވަނީ، ދަރިއަކު ބެލުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ދަރިވައްޓާލުން ކަމަށެވެ.
ކޯޓަށް ހުށަހެޅި އައިކްލައުޑް ގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ދެމީހުންގެ މެދުގައި މުއާމަލާތްތައް ފެށިފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެއީ ސެލެސްޓޭގެ އުމުރުން އެންމެ 11 އަހަރުގައެވެ. އަދި ބާކްގެ ފޯނުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.
މި މައްސަލައިގެ ހެކިބަސް ދެމުން ޑޮކްޓަރުން ބުނެފައިވަނީ، ސެލެސްޓޭގެ ހަށިގަނޑު ފެނުނުއިރު ވަރަށް ބޮޑަށް ކުނިވެފައި އޮތުމުގެ ސަބަބުން، އޭނާ މަރުވި ސީދާ ވަގުތު ދެނެގަތުމަކީ އިންތިހާއަށް އުނދަގޫ ކަމެއް ކަމަށެވެ.
ޓިކްޓޮކް މެދުވެރިކޮށް ދުނިޔެއަށް މަޝްހޫރުވި ބާކް ހައްޔަރުކުރީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމާއި، ކުޑަކުއްޖަކަށް މެދުނުކެނޑި ޖިންސީ ގޯނާކުރުމާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުން ހިމެނެއެވެ.
ފުލުހުން ބުނާ ގޮތުގައި ސެލެސްޓޭގެ ހަށިގަނޑު ފެނުނީ ބާކްގެ "ޓެސްލާ" ކާރުގެ ކުރީގެ ބޮނެޓް ތެރެއިންނެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ބުރިބުރިކޮށް، ކޮތަޅުތަކަކަށް އަޅާފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ބާކް ވަނީ މީހަކު މަރާލުމަށްފަހު ބޭނުންކުރާނެ ސާމާނު ކަމަށްވާ ހަށިގަނޑު އަޅާ ކޮތަޅާއި، ކަރަންޓު ކީހާއި، ބިން ކޮންނަ އުދެލި ފަދަ ތަކެތި އޮންލައިންކޮށް ގަނެފައެވެ.
ކޯޓުގައި މި މައްސަލައިގެ ބިރުވެރި ފޮޓޯތަކާއި ތަފުސީލުތައް ހާމަކުރަމުން ދިޔައިރު، ސެލެސްޓޭގެ މައިންބަފައިން ތިބީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެމީހުންގެ ވަކީލު ބުނި ގޮތުގައި، މިއީ އެއްވެސް މައިންބަފައިންނަކަށް ތަހައްމަލު ކުރެވޭނެ ފަދަ ކަމެއް ނޫނެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ދާނެއެވެ. ދައުލަތުން މަސައްކަތް ކުރަމުންދަނީ މި މައްސަލައަކީ ޖޫރީއަކާ ހަމައަށް ގެންދެވޭނެ ފަދަ އެކަށީގެންވާ ހެކި ހުރި މައްސަލައެއްކަން ސާބިތުކޮށްދިނުމަށެވެ.
ޑީފޯވްޑީ މަރާލި ކުޑަކުއްޖާ ބަލިވެ އިނދެ ދަރިވައްޓާލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ