ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، ތ. އަތޮޅުގައި "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި މަޝްރޫޢަށް 175 މިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ތަރައްޤީކުރާނެއެވެ.
ދެ ކުންފުނީގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ މި މަޝްރޫޢަކީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރާ ޓައުންޝިޕް މަޝްރޫޢެކެވެ. ތިމާވެއްޓާ ރައްޓެހިވާ ގޮތަށް، ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭނެ މި ޓައުންޝިޕުގައި މަލްޓި-އައިލެންޑް ކޮންސެޕްޓަށް ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނޭނެއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް ވެސް ނިންމާފައިވެއެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ. މިއީ ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓަށް ވެގެންދާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢު އަމަލީގޮތުން ހިންގައި ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބްލޫ ސިނާޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޖުތިމާއީ ތަރައްޤީއަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މިއާއެކު، ނ. އަތޮޅުގައި ތަރައްޤީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢުގެ މަސައްކަތް ވެސް ބާރުދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވިދާޅުއްވައެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫޢަކީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިޔަން ރުފިޔާ) ގެ އިންވެސްޓްމަންޓެކެވެ.
ތ. އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ