ގްލުކޯމީޓަރުން ބަލާއިރު ހަކުރު ހުންނަނީ ނޯމަލްކޮށް، އެކަމަކު ހަކުރުބަލި ޖެހުނީ ކީއްވެ؟

"އަހަންނަކީ ގަވައިދުން ލޭގެ ހަކުރު ޗެކްކުރާ މީހެއް. އަބަދުވެސް ހުންނަނީ ނޯމަލްކޮށް. ދެން ހަކުރުބަލި މިޖެހުނީ ކީއްވެ؟"
މިއީ ޑޮކްޓަރުންނަށް ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ. ގޭގައި ގެންގުޅޭ ގްލުކޯމީޓަރުން ގަވައިދުން ހަކުރު ބަލައި، އެއިން ދައްކާ ނަތީޖާއާ މެދު ހިތްހަމަޖެހިގެން އެތައް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ތިއްބާ، ކުއްލިއަކަށް ހޮސްޕިޓަލުގެ ލެބޯޓްރީ ރިޕޯޓުން ހަކުރުބަލި ޖެހިފައިވާ ކަމަށް ދެއްކުމުން ގިނަ މީހުންނަށް މި ކަން ބޮޑު ސިހުމަކަށް ވެސް ވެއެވެ.
"މިހެން ވާނީ ކިހިނެއް؟"
މީގެ ޖަވާބު އޮތީ ހަކުރުބަލީގައި އެންމެ ބޮޑަށް އޮޅުންއަރާ އެއް ކަމުގެ ތެރޭގައެވެ. އެއީ ލޭގެ ހަކުރު ބަލަން ހަދާ ހުރިހާ ޓެސްޓުތަކަކީ އެއް މައުލޫމާތެއް ދޭ ޓެސްޓުތަކެއް ނޫން ކަމެވެ.
ގްލުކޯމީޓަރުން 'ނޯމަލް ރޭންޖޭ' ބުނުމުން މުޅި މަންޒަރު ސާފުނުވަނީ ކީއްވެ؟
މެންދުރުގެ ވަގުތެއްގައި އުޑުމަތީގެ ފޮޓޯއެއް ނަގާ މަންޒަރު ހިތަށް ގެންނަވާށެވެ. އަވި ގަދަވެފައި، ހުރިހާ ކަމެއްވެސް އާދައިގެ ގޮތަކަށް ފެނިދާނެއެވެ. އެކަމަކު އެ ފޮޓޯއިން ހެނދުނު ބޯކޮށް ވާރޭ ވެހުނުކަމެއް އެނގޭނެ ހެއްޔެވެ؟ ޔަގީނުން ވެސް ނޭނގޭނެއެވެ.
ގޭގައި ހަކުރު ބަލަން ގެންގުޅޭ ގްލުކޯމީޓަރު މަސައްކަތް ކުރަނީ ހަމަ މިފަދަ ގޮތަކަށެވެ. އެއިން ދައްކައިދެނީ ޓެސްޓުކުރި ވަގުތު ލޭގައި ހަކުރު ހުރި މިންވަރެވެ. އެ ވަގުތު ހަކުރު ހުރީ ރަނގަޅު މިންވަރުގައި ކަމަށް ވާނަމަ، ގްލުކޯމީޓަރުން ދައްކާނީ ހަކުރު 'ނޯލަމް ރޭންޖު'ގައި ހުރިކަމަށެވެ. ނަމަވެސް، އޭގެ ގަޑިއެއްހާއިރު ކުރިން ހަކުރު ހުރި މިންވަރެއް ނުވަތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހަކުރު ހުންނާނެ މިންވަރެއް އެއަކުން ނޭނގޭނެއެވެ.
ނަމަވެސް ހަކުރުބައްޔަށް ޓެސްޓުކުރަން ހޮސްޕިޓަލުން ހަދާ HbA1c ޓެސްޓުން ކިޔައިދެނީ ތަފާތު ވާހަކައެކެވެ. މިއީ ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ލޭގެ ހަކުރު ހުރި އެވަރެޖު މިންވަރު ބުނެދޭ ޓެސްޓެކެވެ. މި ޓެސްޓުން ބަލަނީ ލޭގެ ރަތްބައި(ރެޑް ބްލަޑް ސެލްސް)ގައި ހުންނަ އޮކްސިޖަން އުފުލައިދޭ ޕްރޮޓީން ކަމަށްވާ ހީމޮގްލޯބިންގައި ހަކުރު 'ހިފާފައި' ހުރި މިންވަރެވެ. މި ރަތްބަޔަކީ ކޮންމެ 4 މަހަކުން އައު ވާ ބަޔަކަށް ވާތީ، HbA1c ޓެސްޓުގެ ނަތީޖާއިން ވޭތުވެދިޔަ 3 މަހުގެތެރޭގައި ހީމޯގްލޮބިންގައި ހަކުރު ހިފާފައިވާ މިންވަރު އެނގިގެންދާނެއެވެ. އެހެންކަމުން ގްލުކޯމީޓަރުގެ ނަތީޖާއަކީ ހަކުރުގެ 'ވަގުތީ ފޮޓޯ'އެކެވެ. HbA1c ޓެސްޓަކީ ހަކުރުގެ މުޅި 'ފިލްމެވެ'.
އެކަކަށް ވެސް ފާހަގަނުވާ "ފޮރުވިފައިވާ ގަޑިތައް"
ހަކުރުބަލިޖެހުމުގެ ހިރާސްބޮޑު، ޕްރި-ޑައިބެޓިކް މީހުންނަށް ލިބޭ އެންމެ ބޮޑު ހައިރާންކަމަކީ، ހުސްބަނޑާ ހުންނައިރު ލޭގައި ހަކުރު ހުންނަ މިންވަރުކަމަށްވާ 'ފާސްޓިންގ ބްލަޑް ޝުގަރ' އާދައިގެ މިންވަރެއްގައި ހުރި ނަމަވެސް، ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ތަކުރާރުކޮށް މާބޮޑަށް މަތިކޮށް ހުރުމެވެ. މިވަނީ ކިހިނެއްހެއްޔެވެ؟
ކެއުމަށްފަހު ކާބޯތަކެތީގައި ހުންނަ ކާބޯހައިޑްރޭޓްސް ގްލުކޯޒަށް ބަދަލުވެ، ގޮހޮރުން ލޭ ހޮޅިތަކުގެ ތެރެއަށް ނަގައިގަނެއެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންގެ ހަށިގަނޑުގައި އެ ގްލުކޯޒްތައް ވަގުތުން ހަށިގަނޑުގެ ސެލްތަކަށް ފޮނުވާލައި، ލޭގައި ހަކުރު ދައުރުކުރާ މިންވަރު ނޯމަލް ރޭންޖަށް ވަރަށް އަވަހަށް ތިރިކޮށްދެއެވެ. މި މަސައްކަތް ކުރަނީ އިންސިއުލިން ހޯމޯންއެވެ. ނަމަވެސް، ޓައިޕް 2 ހަކުރުބަލީގެ ހިރާސްބޮޑު ޕްރި-ޑައިބެޓިކް މީހުންނާއި ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިންގެ މަސައްކަތް ހިނގާލެއް ލަސްކަމުގައި ވާތީ، ލޭގައި ދައުރުވާ ހަކުރު ނޯމަލް ރޭންޖަށް ގެންނަން ދަތިވެއެވެ. އެހެންކަމުން ޑައިބެޓިކް އަދި ޕްރިޑައިބެޓިކް މީހުން ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް ވަރަށް ބޮޑަށް މަތިވެފައި، އަނބުރާ އާދައިގެ މިންވަރަކަށް ދާނީ ލަހުންނެވެ. ވީމާ ކެއުމަށްފަހު ހަކުރު މަތިވާ ވަގުތުގައި ގްލުކޯމީޓަރުން ހަކުރު ޓެސްޓު ނުކުރެވޭނަމަ، ހަކުރު އެހާ ބޮޑަށް މަތިވިކަމެއް އެއްގޮތަކަށްވެސް ނޭނގޭނެއެވެ.
ކާ ކޮންމެ ފަހަރަކު މިގޮތަށް ތަކުރާރުކޮށް ހަކުރު މަތިވުމުގެ ސަބަބުން، ހީމޯގްލޮބިންގައި ހަކުރު ހިފާ މިންވަރު މަޑުމަޑުން މަތިވެއެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ HbA1c މަތިކުރުވައެވެ. އެހެންކަމުން، ބައެއް މީހުންނަށް ވަރަށް އިތުބާރާއެކު "ގްލުކޯމީޓަރުން މަށަށް ފެންނަ ރީޑިންތައް އަބަދުވެސް ހުންނަނީ ރަނގަޅަށް" ކަމަށް ބުނެވޭއިރު، އެމީހުންގެ HbA1c ރިޕޯޓުން ފެންނާނީ މުޅިން ތަފާތު ނަތީޖާއެކެވެ.
އެހެންވީމަ ގްލުކޯމީޓަރުން ހަކުރުބެލުމަކީ ބޭކާރުކަމެއްތަ؟
ގޭގައި އަމިއްލައަށް ހަކުރު ބެލުން ހުއްޓާލުމަކީ މީގެ ހައްލެއް ނޫނެވެ. ހަކުރު ބަލި ހުންނަ މީހުންނާއި، ހަކުރު ބަލީގެ ނުރައްކާ އޮތް ޕްރި-ޑައިބެޓިކް މީހުންނަށް ވެސް، ގޭގައި ހަކުރު ބަލާ ގްލުކޯމީޓަރަކީ ވަރަށް މުހިއްމު ވަސީލަތެކެވެ. ގްލުކޯމީޓަރުން ހަކުރު ޓެސްޓްކޮށްގެން ކެއުމުގެ ކަންކަން ތަރުތީބުކޮށް، މިންހެޔޮކޮށް ކެއުމުގެ އާދަތައް ބައްޓަންކުރަން އެހީތެރިވެދޭނެއެވެ.
މިސާލަކަށް ގޭގައި ގްލުކޯމީޓަރުން ހަކުރު ޓެސްޓްކޮށްގެން ބަތް، ރޮށި، ފޮނިކާތަކެތި، ތެލުލި އެއްޗެހި ނުވަތަ ޖޫސްފަދަ ފޮނި ބުއިންތައް ބޭނުންކުރުމުން ހަކުރުގެ މިންވަރަށް އަންނަނީ ކޮން ކަހަލަ ބަދަލެއްތޯ އާއި، ކެއުމަށްފަހު ހަކުރު ނޯމަލް ރޭންޖަށް އަންނަން ހޭދަވަނީ ކިހާ ވަގުތެއްތޯ ބެލިދާނެއެވެ. އަދި ކެއުމަށްފަހު ހިނގާލުމުން ކުއްލިއަކަށް ހަކުރު މަތިވާ މިންވަރަށް ބަދަލު އާދޭތޯ އާއި ހަކުރު ނޯމަލް ރޭންޖަށް ދާން ނަގާ ވަގުތު މަދުވޭތޯ ބެލިދާނެއެވެ؟ އަދި ހަކުރުބަލި ހުންނަ ނަމަ، ބައްޔަށް ބޭނުންކުރާ ބޭހުން އެދެވޭ ނަތީޖާއެއް ފެނޭތޯ ބެލިދާނެއެވެ. އަދި މީގެ އަނެއްކޮޅު ކަމުގައިވާ ހަކުރު މާބޮޑަށް ދަށްވެގެން ދޭތޯ ވެސް ބެލިދާނެއެވެ.
ގްލުކޯމީޓަރު ބޭނުންކޮށްގެން ހަކުރު ހުންނަ ވަރު މިގޮތަށް ބަލަމުން ގެންދިއުމުން ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލު ގެނައުމަށް އެހީތެރިވެދޭނެއެވެ. ހަކުރުބަލީގެ ނުރައްކާ ހުންނަ ޕްރި-ޑައިބެޓިކް މީހުންނާއި ހަކުރުބަލި މީހުންނަށް ވެސް ހަކުރު މާބޮޑަށް މަތިވިޔަ ނުދީ ކޮންޓްރޯލްކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގްލުކޯމީޓަރުން ހަދާ ހަކުރު ޓެސްޓު އެހީތެރިވެދޭނެއެވެ. އަދި މިންހެޔޮކޮށް ކެއުމަށާއި ކާންވީ ގަޑިތަކާއި ކަސްރަތުކުރަންވީ ވަގުތުތަކާއި މިންވަރުތައް ދެނެގަތުމަށް މި ޓެސްޓްތަކުން ފަސޭހަވެގެންދާނެއެވެ. އެހެންކަމުން ގްލުކޯމީޓަރުން ހަކުރު ބެލުމަކީ ދުވަހުގެ އެކި ވަގުތުތަކުގައި ލޭގައި ހަކުރު ހުންނަ ގޮތް ދެނެގަތުމަށް މުހިންމު ޓެސްޓެކެވެ.
HbA1c ޓެސްޓަކީ ވެސް އެހާމެ މުހިންމު ޓެސްޓެއް!
ގްލުކޯމީޓަރުން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ އިރު، HbA1c ޓެސްޓަކީ ވޭތުވެ ދިޔަ 3 މަހުގައި ހަކުރު ކޮންޓްރޯލްކުރެވިފައި ހުރި މިންވަރު ދެނެގަތުމަށް މުހިއްމު ޓެސްޓެކެވެ.
މި ޓެސްޓުން ދައްކައިދެނީ ހަމައެކަނި ހަކުރު ބެލި ވަގުތު ލޭގައި ހަކުރު ހުރި މިންވަރެއް ނޫނެވެ. އެހެނެއްކަމަކު އާންމުކޮށް ހަށިގަނޑުގައި ހަކުރު ހުންނަނީ ކޮންޓްރޯލް ކުރެވިފައިތޯ މި ޓެސްޓުން ޔަޤީންކޮށްދެއެވެ. މިއީ ހަކުރު ބަލީގެ ނުރައްކާ ހުންނަ ޕްރި-ޑައިބެޓިކް މީހުންނަށް ވަރަށް މުހިންމު މަޢުލޫމާތެކެވެ.
ޕްރީ-ޑައިބެޓިކްގެ ހާލަތަކީ ހަކުރު ބަލި ޖެހުން ގާތްވާ ކަމުގެ އިންޒާރެކެވެ. އެހެންނަމަވެސް ޕްރިޑައިބެޓިކް ރޭންޖުގައި HbA1c ޓެސްޓުގެ ނަތީޖާ ހުރި ނަމަވެސް، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ ނަމަ، ޓައިޕް 2 ހަކުރު ބަލިން ރައްކާތެރިވެވިދާނެއެވެ. ނުވަތަ އެ ބަލި ޖެހުން ދުރުކުރެވިދާނެއެވެ.
އެހެންނަމަވެސް، މިގޮތުން ކުރެވޭ މަސައްކަތުގެ ނަތީޖާ ހަމައެކަނި ދޭތެރެއަކުން އިނގިލިން ލޭ ނަގައިގެން ގްލުކޯމީޓަރުން ހަދާ ޓެސްޓަކުން ވަޒަނެއް ނުކުރެވޭނެއެވެ. ޑޮކްޓަރުންގެ ލަފަޔާ އެކު ޕްރި-ޑައިބެޓިކް މީހުން ގަވާއިދުން HbA1c ޓެސްޓު ހަދަން ޖެހެނީ މިހެންވެއެވެ. އެ ޓެސްޓުން ދިރިއުޅުމުގެ އާދަކާދަތަކަށް ގެނެވޭ ރަނގަޅު ބަދަލުތަކާއެކު ދިގު މުއްދަތެއްގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވަމުންދޭތޯ ކަށަވަރުކުރެވޭނެއެވެ.
ދެ ޓެސްޓު އެކުގައި ބޭނުންކުރުން މުހިންމު!
ހަނދާންކުރާށެވެ. ހަކުރު ކޮންޓުރޯލްކުރުމުގައި ގްލުކޯމީޓަރަކީ ދުވަހުން ދުވަހަށް ކަންކަން ނިންމުމަށް އެހީތެރިވެދޭ ވަސީލަތެވެ. އަދި HbA1c ޓެސްޓަކީ މުސްތަގުބަލުގައި ބަލި ހުންނާނެ މިންވަރު ދެނެގަނެ، ބަލީގެ ފަރުވާގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭ ޓެސްޓެކެވެ.
އެއް ޓެސްޓުން އަންގައިދެނީ މިވަގުތު ހަކުރު ހުރި މިންވަރެވެ. އަނެއް ޓެސްޓުން ބުނެދެނީ ފާއިތުވި 3 މަހުގައި ހަކުރު ހުރި މިންވަރެވެ. އެހެންކަމުން ކުރިއަށް އޮތް މަސްތަކުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތަކެވެ.
އެހެންކަމުން ހަކުރުބަލީގެ ހިރާސް އޮންނަ ޕްރި-ޑައިބެޓިކް މީހުންނާއި ހަކުރުބަލި ހުންނަ މީހުން ކޮންމެ ދުވަހެއްގެ ކެއުމާއި ކަސްރަތާ ގުޅެ ކަންކަން ރާވާލުމުގައި ގްލުކޯމީޓަރު ބޭނުންކުރުން މުހިއްމެވެ. އަދި މިގޮތަށް ބަލައިގެން ދިރިއުޅުމުގެ އާދަތަކަށް ގެނެވޭ ބަދަލުން ދެމެހެއްޓެނިވި ގޮތެއްގައި ހަކުރު ކޮންޓްރޯލްކުރެވިފައި ހުރޭތޯ ބެލުމަށް ސިއްހީ އެހީތެރިންގެ ލަފާގެ މަތިން ގަވައިދުން HbA1c ޓެސްޓު ހެދުން ވެސް އެހާމެ މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ