ރައީސް މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމާ ހަވާލުވީ ފަހުން މިވީ ދެ އަހަރާއި ހަތް މަސް ދުވަހުގެ ތެރޭގައި ބޭރުން ނަގާފައިވާ ލޯނުތަކާއި ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުތަކާއި އެތެރޭގެ ބާޒާރަށް ސެކިއުރިޓީ ވިއްކައިގެން ނަގާފައިވާ ދަރަނި އެއްކޮށްލުމުން މި ސަަރުކާރުން 44 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
އަދަދު ނޫހުން މި ހިސާބުތައް ހެދީ ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކާއި ބޭރުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތަފާސްހިސާބުތައް ބަލައިގެންނެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ސެކިއުރިޓީ ދަރަންޏަށް ބަލާއިރު، މި ސަރުކާރުގައި ބަޖެޓު ޑެފިސިޓު ފޫބައްދަން އެކީކަަހަލަ ގޮތަކަށް ބަރޯސާވެފައި ވަނީ އެތެރޭގެ ބާޒާރަށް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބިލު (ޓީބިލު) އާއި ޓްރެޝަރީ ބޮންޑާއި އިސްލާމިކް އިންސްޓްރޫމަންޓްސް ވިއްކައިގެން 27.6 ބިލިއަން ރުފިޔާ ނެގިއިރު، އޭގެ ބޮޑު ބައި ގަތީ ބޭންކުތަކާއި (15.8 ބިލިއަން ރުފިޔާ) ޕެންޝަން ފަންޑު ފަދަ އެހެނިހެން މާލީ އިދާރާތަކާއި (5.5 ބިލިއަން ރުފިޔާ) އަދި ސަރުކާރު ކުންފުނިތަކުން (4.6 ބިލިއަން ރުފިޔާ) އެވެ.
ސަރުކާރުން އެތެރޭގެ ބާޒާރުން ނެގި ދަރަނީގެ ތެރޭގައި ގިނަ އަދަދަކަށް ޑޮލަރު ވެސް ހިމެނެ އެވެ. ސަރުކާރުން ޑޮލަރު ހޯދަން ވިއްކަނީ ޕްރިންސިޕަލް އަދަދު ޑޮލަރުން އަދި ފައިދާ ރުފިޔާއިން ލިބޭ ރިވާސް ޑުއަލް ކަރަންސީ ޓީބިލާއި ޔޫއެސްޑީ ޓްރެޝަރީ ބޮންޑެވެ. ޓްރެންޑުތައް ދައްކާ ގޮތުން ރުފިޔާއިން ފައިދާ ލިބޭ ކުރު މުއްދަތުގެ ޓީބިލުތަކަށް އިންވެސްޓުކުރާ އަދަދު ދަށަށް ގޮސްފައިވާއިރު، ކޫޕަން ޕޭމަންޓުތަކާއި ޕްރިންސިޕަލް ޕޭމަންޓު ވެސް ޑޮލަރުން ލިބޭ ދިގު މުއްދަތުގެ ޔޫއެސްޑީ ބޮންޑުތަކަށް އިންވެސްޓުކުރުން ވަނީ އިތުރުވެފަ އެވެ.
މި ނޫހުން ހިސާބުތައް ހެދިއިރު މި ސަރުކާރު އައި ފަހުން މި ބާވަތުގެ ބޮންޑުތަކުގެ ދަރަނި ވަނީ 403.6 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާގައި) އިން 848.8 މިލިއަން ޑޮލަރު (13 ބިލިއަން ރުފިޔާ) އަށް އުފުލިފަ އެވެ. މި ބޮންޑުތަކަށް އިންވެސްޓުކުރީ މައިގަނޑު ބޭންކުތަކާއި ސަރުކާރު ކުންފުނިތަކުންނެވެ. އެ ގޮތުން ބޭންކުތަކުން 287.7 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ) އިންވެސްޓުކޮށްފައިވާއިރު، ސަރުކާރު ކުންފުނިތަކުން ވަނީ 157.4 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) އިންވެސްޓުކޮށްފަ އެވެ.
އެތެރޭގެ ދަރަނި މިހާ ވަރަށް އިތުރުވީ ނަމަވެސް މި ސަރުކާރުގެ އެއީ ބޭރުގެ ބާޒަރަށް ވިއްކާފައިވާ ބޮންޑުތަކާއި ސުކޫކުތައް ހިމަނައިގެން ޖުމްލަ ސެކިއުރިޓީ ދަރަނި އިތުރުވީ 19.9 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ސޯލިހު ސަރުކާރުގައި ވިއްކި 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކާ ހަލާސްކުރުމުން ބޭރުގެ ސެކިއުރިޓީ ދަރަނިން މި އަދަދު މަދުވުމެވެ.
މުއިއްޒުގެ ސަރުކާރުން ނެގި ދަރަނި
ލޯނުތައް އިތުރުވެފައިވާ ގޮތަށް ބަލާއިރު، މި ސަރުކާރުން ވަނީ 17 ލޯނެއް ނަގާފަ އެވެ. މި ލޯނުތަކުގެ ޖުމްލަ 594.7 މިލިއަން ޑޮލަރު (9.1 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މި ސަރުކާރުން ނެގި ލޯނުތަކުގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ހަތަރު ލޯނެއް ރީފައިނޭންސް ކުރަން ނެގި ލޯނުތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ނެގި އިތުރު ލޯނުތަކާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރަން ނެގި ލޯނެއްގެ އިތުރުން ތެޔޮ ގަންނަން ބޭނުންވާ ފައިސާ ހަމަޖައްސަން މި ފަހުން ނެގި ލޯނު ހިމެނެ އެވެ.
ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތެރޭގައި ހަ ލޯނެއް ހިމެނޭއިރު، އޭގެ ތެރޭގައި ކަރަންސީ ސްވޮޕުގެ ގޮތުގައި އިންޑިއާގެ ރިޒާވު ބޭންކުން ނެގި 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުފީސް (300 މިލިއަން ޑޮލަރު) ހިމެނެ އެވެ. މީގެ ތެރެއިން ޑޮލަރު ލޯނު ވަނީ އަނބުރާ ދައްކާފަ އެވެ. އެ ލޯނު ނުލައި ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ ޖުމްލަ 493 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ގެރެންޓީ ދީފައިވާ ލޯނުތަކުގެ ތާވަލުން ދައްކާ ގޮތުގައި ކަރަންސީ ސްވޮޕު ގެރެންޓީތައް ނުލައި ދެން މުޅިން ވެސް ގެރެންޓީ ދޫކޮށްފައި ހުރީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށެވެ. އެ ކުންފުނިން ނަގާފައިވާ ތިން ފައިނޭންސިން ފެސިލިޓީއަކަށާއި ލޯނަކަށް ގެރެންޓީ ދީފައިވާއިރު، މި ލޯނުތަކުގެ ޖުމްލަ 193 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
މި އަހަރަށް ބަޖެޓު ފާސްކުރިއިރު ފިނޭންސް މިނިސްޓްރީން އަންދާޒާކުރީ މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ބޮޑެތި ދަރަނިތައް ދައްކާފައި، އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިހެން ނަމަވެސް މީގެ ތެރެއިން އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ 1.5 ބިލިއަން ރުފިޔާ ދެއްކުން ފަސްކުރުމާއި އިރާނު ހަނގުރާމައާ ގުޅިގެން ފައިނޭންސިން ހޯދަން ޖެހޭ މިންވަރު އިތުރުވާނެތީ މި އަދަދަށް ވުރެ ދަރަނި އިތުރުވާނެ ކަަމަށް ބެލެވެ އެވެ.
ދައުލަތުގެ ދަރަނި ދުވަހުންދުވަހަށް އިތުރުވަމުންދާއިރު، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ދަރަނި ނެގުން ކޮންޓްރޯލްކޮށް ހަރަދުތައް ހަމައަކަށް އަޅުވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
މުއިއްޒުގެ ސަރުކާރުން 44 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ