އެމްޑީޕީއިން އިޒުރޭލު މައްސަލަ ހުށަހެޅީ މި ވެރިކަން ވައްޓާލަން: ގާސިމް

ގާސިމް ވިދާޅުވީ އެމްޑީޕީއިން މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް ކަމަށެވެ.
އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމަށް އެމްޑީޕީން އިމިގްރޭޝަން ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލަކީ މި ވެރިކަން ވައްޓާލުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ބިލެއް ކަމަށް މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.  
މި ބިލަށް މިއަދުގެ މަޖިލީހުގައި ބަހުސްކުރައްވަމުން މަޖިލިސް އިންތިހާބާ ހަމައިން ކޮންގްރެސް ކޯލިޝަނުގައި ބައިވެރިވަޑައިގެންފައިވާ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، މި މައްސަލަ އެމްޑީޕީއިން ހުށަހަޅާފައި އޮތީ ދިރާސާ ކުރަން ޖެހޭ މިންވަރަށް ނުކޮށް ކަމަށެވެ. އަދި އެމްޑީޕީއިން މި ބިލު ހުށަހެޅި ނިޔަތް އެނގިވަޑައިގަންނަވާކަމަށް ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، މިއީ މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުށަހަޅާފައި އޮތް މައްސަލައެއް ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކާ ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްޓަކާ ހުށަހެޅިފައިވާ މައްސަލައެއް ކަމަށް އަޅުގަނޑު ދެކެނީ." ގާސިމް ވިދާޅުވި އެވެ. ގާސިމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ނިންމަން ވާނީ ވަރަށް ފުންކޮށް މި މައްސަލައާ މެދު ވިސްނުމަށް ފަހު ކަަމަށެވެ. "އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައިވާ ބަޔަކަށް ވާއިރު، އަޅުގަނޑުމެން އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތުން ވިސްނާލަން ޖެހޭނެ" ގާސިމް ވިދާޅުވި އެވެ. ދިވެހި ރާއްޖެ ނޫނަސް ގިނަ އިސްލާމީ ގައުމުތަކެއް ވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، މިއީ ގައުމެއްގެ މަޖިލީހަށް މައްސަލައެއް ހުށަހެޅި އެކަމާ ބަހުސްކުރެވޭ ފުރަތަމަ ފަހަރު ކަމަށެވެ. މަޖިލީހުގެ މެންބަރުން މިއަދު ނިންމާ ގޮތް ވާންވާނީ، ރާއްޖޭގެ މުސްތަގުބަލަށާއި، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ނިންމާ ގޮތެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. މިއަދުގެ ބަހުސަށް ފަހު މި މައްސަލަ ވަނީ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާފަ އެވެ. މިއަދުގެ ވޯޓު ގަޑީގައި ބިލާއި ގުޅޭގޮތުން ވޯޓަށް އައްސަވާނެ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ގޮވައިލާ އަޑުތައް ގަދަވެފައި ވަނިކޮށް މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް ނަސީމެވެ. ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށާފައިވާއިރު، ބަހުސް ކުރައްވަމުން މީކާއިލް އެދިވަޑައިގެންފައި ވަނީ މިކަން ސިޔާސީ ނުކޮށް ހުރިހާ މެންބަރުން ވެސް ބިލަށް ތާއީދުކޮށް އަވަހަށް ފާސްކޮށްދެއްވުމަށެވެ.މީކާއީލު މިބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނިކޮށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ކަނޑައެޅުމަށް ނިންމަވާފައެވެ. އަދި އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހިންގަން ސަރުކާރުންވަނީ ކެބިނެޓުގެ ހާއްސަ ކޮމިޓީއެއްވެސް އެކުލަވައިލާފަ އެވެ. މި ބިލު 241 ކޮމެޓީއަށް ފޮނުވަން ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރާދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އޭނާ ވަނީ މިއީ މުހިންމު ބިލެއް ކަމުގައި ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި ގަތުލުއާންމު ފެށުނުއިރު ވެރިކަމުގައި ތިބީ އެމްޑީޕީން ކަމަށާއި 19 ވަނަ މަޖިލީހުގައި މީކާއިލް ވެސް އިންނެވިކަން ފާހަގަކުރައްވައި، އޭރު މި ބިލު ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު އުފެއްދެވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ