ވޯލްޑްކަޕް ވޯލްޑްކަޕް ފަހުވަގުތު އައިވަރީ ކޯސްޓުން އެކުއެޑޯ މާޔޫސްކޮށްލައިފި

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި ފަހުވަގުތު އައިވަރީ ކޯސްޓުން އެކުއެޑޯ މާޔޫސްކޮށްލައިފިއެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ދެ ޓީމަށްވެސް މުބާރާތުގެ ކުރިއެރުމަށް ވަރަށް މުހިންމު މެޗަކަށް ވުމުން، ދެ ޓީމުން ވެސް ވަނީ ވަރަށް ވާދަވެރި ކުޅުމެއް ދައްކައިފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، 0-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި އެކުއެޑޯގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އިރު، މޮއިސޭސް ކައިސޭޑޯ އާއި ޖެނާ ކޮރޯޒޯ ފޮނުވާލި ބާރު ހަމަލާތައް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށާއި ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
އައިވަރީ ކޯސްޓުންވެސް ގޯލު ޖެހުމަށް މަސައްކަތްކުރި ނަމަވެސް، އެކުއެޑޯގެ ދިފާއީ ބާރުތަކުން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. މެޗުގެ 90 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ ވިލްފްރެޑް ސިންގޯ ތަނަވަސްކޮށްދިން ފުރުސަތަކުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަމާދު ޑިއާލޯ ވަނީ ހިތްގައިމު ގޯލެއް ޖަހައި އައިވަރީ ކޯސްޓަށް މެޗުގެ ލީޑު ނަގައިދީފައެވެ.
މި ކާމިޔާބީއާއެކު އައިވަރީ ކޯސްޓުން ވަނީ ގްރޫޕް އީގައި މުހިންމު ތިން ޕޮއިންޓް ހޯދައި، މުބާރާތުގެ އަނެއް ބުރަށް ދިއުމުގެ އުންމީދު ބޮޑުކޮށްފައެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޖަރުމަނުން ވަނީ ފަސޭހަކަމާއެކު ކިއުރަސާއޯ އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ