އަަމަދުގެ ގޯލުން އައިވަރީ ކޯސްޓުން އެކުއެޑޯ ބަލިކޮށްފި

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 15) - ފީފާ ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުން އިތުރު ވަގުުތުގައި އަމަދު ޑިއާލޯ ޖެހި ގޯލުން، އައިވަރީ ކޯސްޓުން 1-0 އިން އެކުއެޑޯ ބަލިކޮށްފި އެވެ. 
މެޗު ފަށައިގެން އެކުއެޑޯ އިން ލިބުނު ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅެ، ފުރަތަމަ ހާފުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ލަނޑު ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އެކުއެޑޯ އިން ފުރަތަމަ ހާފުގައި ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އެވެ.  އެ ގޮތުން، 24 ވަނަ މިނިޓްގައި ޔޮއާން ޔެބޯއާ ޖެހި ޝޮޓާއި 30 ވަނަ މިނިޓްގައި، އަލަން މިންޑާ ޖެހި ބާރު ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ. 
ކައުންޓަ އެޓޭކުގައި އައިވަރީ ކޯސްޓުގައި ތިބި އަވަސް ކުޅުންތެރިންގެ ނުރައްކާ ވެސް އެކުއެޑޯ އަށް ކުރިމަތިވި އެވެ. އެ ގޮތުން، ނިކޮލަސް ޕެޕޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، އުމުރުން 19 އަހަރުގައި އައިވަރީ ކޯސްޓަށް ވޯލްޑް ކަޕް މެޗެއް ކުޅެދީ އެ ގައުމުގެ ފުޓްބޯޅައިގައި ރެކޯޑެއް ހެދި، ޔަން ޑިއޮމަންޑޭ ދިން ބޯޅައެއްގައި ޕެޕޭ ޖެހި ޝޮޓް ވީ ބްލޮކް އެވެ. އޭގެ އިތުރުން ޕެޕޭ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. 
މެޗުގެ ދެ ވަނަ ހާފު ފެށިގެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި، އެކުއެޑޯގެ ކެޕްޓަން، އެނާ ވެެލެންސިއާ، އޭރިއާތެރެއިން ހަނި އޭންގަލުން ގޯލަށް ވައްދާލަން ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. 
އަައިވަޜީ ކޯސްޓުން މެޗުގެ 51 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. ޑިއޮމަންޑޭ ނެގި ބޯޅައަކަށް އޭރިއާތެރެއަށް ދުވެފައި އެރި އެލްޔޭ ވާހީ ޖައްސާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން، އެކުއެޑޯގެ ގޮންޒާލޯ ޕްލާޓާ، އޭރިއާބޭރުން ޖެހި ޝޮޓެއް އައިވަރީ ކޯސްޓުގެ ކީޕަރު، ޔަހިޔާ ފޮފާނާ ވަނީ މަތަކޮށްފަ އެވެ. 
މެޗު އެއްވަރުވާން ދަނިކޮށް އިތުރު ވަގުުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އައިވަރީ ކޯސްޓުން މޮޅުވި ލަނޑު ޖެހި އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި އަމަދު އަށް ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލި އެވެ. 
މި ގްރޫޕްގެ ފުރަތަމަ މެޗުން ރޭ ޖަރުމަނުން ވަނީ ކިއުރުސާއޯ އަތުން 7-1 އިން މޮޅުވެފަ އެވެ. ދެން މި ގްރޫޕްގައި ކުޅޭ މެޗުތަކަށް ބަލާއިރު، ޖަރުމަނުން ކުޅޭނީ އައިވަރީ ކޯސްޓާ އެވެ. އަދި، ކިއުރުސާއޯ އާއި އެކުއެޑޯ ބައްދަލުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ