ދަރިފުޅު އުފަންވީ ލޮލުން ދެކެ އަތް ލުމުގެ ނަސީބު މަންމައަށް ނުލިބި، ބައްޕަވެސް ޝަހީދު ވީ!

ގާޒާގެ ދެކުނު ބުރީގެ ރަފާގައި ސަބްރީން އާއި ފިރިމީހާ އަދި 3 އަހަރުގެ މަލަކް ނިދާފައި އޮތީ، އާއިލާއިން އުއްމީދު ކުރަމުން ދިޔަ އާ މެންބަރަށް މަރުހަބާ ކިޔުމުގެ ނަސީބު އެ 3 މައިންނަށް ނުލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތިއެވެ.
ބަނޑަށް 7 މަހާއި ބައި ގެ ސަބްރީން އާއި ފިރިމީހާ އަދި މަލަކް އުއްމީދު ކުރަމުން ދިޔަ އާ މެންބަރަށް މަލަކް އޮތީ ނަމެއް ވެސް ދީފައެވެ. އެއީ ރޫހު އެވެ. ރޫހުގެ މާނައަކީ ފުރާނައެވެ.
ނަމަވެސް ތަގުދީރުގައި ވާން ނެތް ކަމެއް ނުވާނޭ ބުނާ އުސޫލުން ސަބްރީން އާއި ފިރިމީހާ އަދި މަލަކް ގެ ތަގުދީރުގައި ރޫހު ފެނުމުގެ ނަސީބެއް ވެސް، އުރާލުމުގެ ނަސީބެއްވެސް އަދި ރޫހުގެ ނަމުން އެ ތުއްތު ދަރިފުޅަށް ގޮވާލުމުގެ ނަސީބެއް މަލަކު އަކަށް ވެސް ނުލިބުނެވެ.
އޭޕްރީލް 20 ވީ ހޮނިހިރު ދުވަހަށް މެންދަން ވެގެން ދިޔައީ އެ 3 މައިންނާއި އަލް ސަކާނީ އާއިލާގެ އިތުރު މެންބަރުންތަކެއްގެ ފުރާނަ، ޔަހުދީ އިޒްރޭލުގެ ބޮމެއްގައި ލިޔެވިގެންނެވެ. ބާރު އަޑުފައްގަނޑާއެކު މުޅި ގެ ގޮވައިގެން ދިޔަ އިރު ވައިގެތެރެއަށް އަރައިގެން ދިޔައީ ކުނިބުނިތަކާއި އަޅިއާއި ހިރަފުސްތަކެވެ.
މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާރަށް ދުވަމުން ގޮސް އެ ގެއަށް ވަން އިރު ފެންނަން އޮތީ ފުރާނަނެތް މަލަކް އާއި ސަބްރީން ގެ އިތުރުން އެހެން ބައެއް މެންބަރުންނެވެ. ޒަހަމްވެފައި ތިބި މީހުންނާއި އެ ހާދިސާއިން ސަލާމަތް ވި ބައެއް މީހުން ތިބި ނަމަވެސް އެ އެންމެންވެސް ތިބީ ޝޮކެއްގައެވެ. އެ ހަމަލާގައި ސަބްރީންގެ ފިރިމީހާ ކުނޑިކުނޑި ވި ކަމަށާއި ހަށިގަނޑުގެ ބައިތައް ފެންނަން ނެތް ކަމަށް އެ އާއިލާއިން ބުނެފައި ވެއެވެ.
ރެސްކިއު ވޯކަރުންނަށް ސަބްރީން ފެނުމާއެކު އޭނާ ބަނޑުބޮޑުކަން އެނގުނެވެ. އަވަސް އަވަހަށް ސަބްރީން ނަގައިގަނެގެން ކައިރި މެޑިކަލް ފެސިލިޓީއަކަށް ގެންގޮސް ސިއްހީ އެހީތެރިން ފަރުވާ ދޭން ފެށީ ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދުގައެވެ. އޭރުވެސް ސަބްރީންގެ ފުރާނައެއް ނެތެވެ.
ޑޮކްޓަރުން ވަގުތުން ސިޒޭރިއަން އެއް ހަދާ ތުއްތު ދަރިފުޅު ނެގިއެވެ. ނަމަވެސް އެވަގުތު ނޭވާ ނުލާތީ، އެކިއެކި ފަރުވާ ދީ ބުރަކަށީފައި ތަޅާލައި ހެދުމުން އެ ތުއްތު ދަރިފުޅު މިދުނިޔެއަށް ލީ ފުރަތަމަ ނޭވާ އަކީ އެ މައުސޫމް ދަރިފުޅު، އެކަނިވެ ޔަތީމްވާނެ ނޭވާއެއް ކަމެއް ނޭނގޭނެއެވެ. ބައްޕަ އާއި މަންމަވެސް ދުނިޔެ ދޫކުރި ކަމެއް އަދި އެ ތުއްތު ދަރިފުޅު ދެކެ އިންތިހާ ލޯބިވާނެ 3 އަހަރުގެ ދައްތަ ނެތް ކަމެއް ނޭނގޭނެއެވެ.
"އަހަރެމެންގެ ކުށަކީ ކޮބާ، އަހަރެމެންނަކީ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރި އުޅޭ ބައެއް ނޫން، އެ މަރާލީ އަހަރެންގެ އަންހެން ދަރިފުޅާއި އާއިލާ"
އުފަންވި އެ ތުއްތު ދަރިފުޅަށް އާއިލާގެ ފަރާތުން ނަން ދިނީ އެ ދަރިފުޅުގެ މަންމަގެ ނަމުންނެވެ. އެއީ ސަބްރީން އެވެ. ބަރުދަނުގައި 1.4 ކިލޯ ހުރި އެދަރިފުޅު މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ. އާންމުކޮށް ދުވަސް ނުފުރާ ވިހާ ކުދިންނަށް ދިމާވާ ނޭވާ ނިޒާމުގެ އުނދަގުލެއް ނުވަތަ ބައްޔެއް ކަމަށް ވާ ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް އެއްގެ ސަބަބުން މަހެއްހާ ދުވަހު ސަބްރީން ސިއްހީ ފެސިލިޓީގައި އޮންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.
އޮކްޓޯބަރު 7، 2022 އިން އިޒްރޭލު ސިފައިން ގާޒާއަށް ހަމަލާ ދޭން ފެށިތާ 6 މަސް ވެގެން ދިޔަ އިރު މިހާތަނަށް 34،000 މީހުން ޝަހީދު ކޮށްލައިފިއެވެ. އޭގެ ތެރޭގައި 14،000 މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުގެ ހަމަލާތައް އެންމެ ގިނައިން އަމާޒު ކޮށްފައި ވަނީ އަދި ކުރަމުން ދަނީ އަންހެނުންނާއި ކުޑަކުދިންނާއި އުމްރާނީ އެކިއެކި ވަސީލަތްތަކަށެވެ.
އިޒްރޭލުގެ ވެރިން ބުނާ ވާހަކައެއް އޮވެއެ. ފަލަސްތީނުގެ ތުއްތު ކުދިން ނުމަރައިފި ނަމަ އެކުދިން ބޮޑެތިވެގެން ބަދަލުވާނީ މުޖާހިދުންނަށެވެ. އެއާއެކު އެމީހުން އިޒްރޭލަށް ހަމަލާ ދޭނެއެވެ. އެހެންވީމާ އިޒްރޭލުން ރޯމާ ދުވާލު މިހިންގާ ޖަރީމާ އަކީ ނަސްލެއް ނެތިކޮށްލުމަށް ހިންގާ ނުބައި ޖަރީމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ