ގާނޫނަށް ބަދަލު ގެނެސްގެން ވިޔަސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ރޭ ސޯޝަލް ސެންޓަރުގައި ރައީސް ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ވާހަކަތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ އެ ހުރިހާ ވާހަކަތަކެއް ވެސް ކަނުލާ އަޑުއައްސަވައިފި ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް އެންމެ އެދެވޭ ހައްލު ގެނެސްދެން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ އެ މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
"އަދި ގާނޫނާ އުސޫލުތައް ބަދަލުކޮށްގެން ވިޔަސް ގެނެވެން ހުރި ހައްލެއް ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތަނަށް މި އައީ އަދި ތިބޭފުޅުން މިތަނަށް ތި ވަޑައިގަތީ ކަންކަން ކުރުމަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި. ރަނގަޅަށް ދާ ކަންކަން އެއަށް ވުރެ ރަނގަޅު ކުރުމަށް. ހުރި މައްސަލަތައް ހައްލުކުރަން."
ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިވެރިން ކުރިއަރާ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ގިނަ ވިޔަފާރިވެރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކުރިމަތިވާ ގެއްލުމުގެ ވާހަކަ ހިއްސާކޮށްފަ އެވެ. އަދި އެ ވިޔަފާރިތަކަށް އާމްދަނީ ނުލިބުނަސް ދައުލަތަށް ޓެކްސް ދައްކަން ޖެހޭތީ އެކަމަށް ހައްލު ގެނެސްދީ ލިބެން ޖެހޭ ފައިސާ އާއި ދައްކަން ޖެހޭ ޓެކްސް ލާޖައްސައިދޭން ވެސް އެދުނެވެ.
އެ ކަންބޮޑުވުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އުސޫލެއްގެ ތެރެއިން އެކަން ކޮށްދެއްވާނެ ކަމަށެވެ.
"އޭގައި ގާނޫނީ ގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބަލާ މީރާ އާއި ފިނޭންސްއާ އެކީ އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން. އެއަށް ވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިތަނުގައި އަޅުގަނޑަށް އަދަދެއް ނުދެންނެވުނު ނަމަވެސް މިއަށް ހައްލެއް އަންނާނެ. ދޭން ހުރި ފައިސާ ވެސް [ދެވޭނެ]."
ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ވެސް ގިނަ ވިޔަފާރިތަކަކަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ. އަދި ރޯދަ މަހާ ހަމައަށް ދާއިރު ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"[ބިލުތައް]ކްލިއާ ކުރާއިރު މީރާގެ ޕެންޑިންތަކަށް ވެސް، ތިބޭފުޅުން ދައްކަން އޮތް އެއްޗަކަށް ވެސް ރަނގަޅު ހައްލެއް ގެނެސްދެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ކޯޓާ ފީއަށް ލުއި ގެނައުމަށް ކުރެވެން ހުރި ކަންތައް ބަލާނަން
ވިޔަފާރިތަކުގެ ބޭނުމަށް ގެންނަ ވެހިކަލްތަކުގެ މައްސަލައަށް ހައްލެއް ގެނެސްދޭނަން
ޑެމަރޭޖު ނާރާ ގޮތަށް އެއާޕޯޓު/ސީޕޯޓުގައި މުދާ ބެހެއްޓުން 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކޮށްދޭނަން
މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނަން
ދިވެހިންނަށް ކުލީ ކޮޓަރި ދޫކުރާ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނެސްދޭނަން
ގުދަން ކުއްޔަށް ހޯދުމާއި ކުދި/މެދު ފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް ކުއްޔަށް ބިން ހޯދަން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭނަން
ގާނޫނަށް ބަދަލު ގެނެސްގެން ވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ