'އެވަޓާ: ފަޔާ އެންޑް އޭޝް' އަކީ އެވަޓާ ފްރެންޗައިޒްގެ މިހާތަނަށް އެންމެ ދަށް ރޭޓިން ލިބުނު ފިލްމު

މި މަހު 1ގައި ނެރުނު 'އެވަޓާ: ފަޔާ އެންޑް އޭޝް' އަކީ މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ކެމަރަންގެ ތިން ވަނަ އިންސްޓޯލްމަންޓެވެ. ފިލްމުގެ އެކްޓަރުންގެ ތެރޭގައި ސޭމް ވާތިންޓަން، ޒޯއީ ސަލްޑާނާ އަދި ސިގޮނީ ވީވާ ހިމެނެ އެވެ. 
މި ސައިންސް-ފިކްޝަން ފްރެންޗައިސްގެ ފިލްމްތަކަށް ކޮންމެ ފަހަރަކު ވަނީ ބޮޑު ބަޖެޓެއް ހަރަދުކޮށްފަ އެވެ. ފުރަތަމަ ފިލްމު 'އެވަޓާ' އަދި 'އެވަޓާ :ދަ ވޭ އޮފް ވޯޓާ'އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ދެ ފިލްމެވެ. އެކަމަކު 'އެވަޓާ: ފަޔާ އެންޑް އޭޝް' ނުކުތުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ މަޝްހޫރު ފިލްމު ރޭޓިން ސައިޓް 'ރޮޓަން ޓޮމޭޓޯސް'އިން ލިބުނީ %71ގެ ރޭޓިން އެވެ. އެއީ މި ފްރެންޗައިޒްގެ މިހާތަނަށް އެންމެ ދަށް ރޭޓިން ލިބުނު ފިލްމެވެ.
ތިން ގަޑިއިރަށް ދިގު ދެމިގެންދާ ފިލްމުގެ 'ވިޝުއަލްސް' ވަރަށް ފުރިހަމަކަމަށް އެންމެން އެއްބަސްވާ އިރު ފިލްމުގެ ވާހަކަ އާއި 'ޕްލޮޓް' މިނަށްވުރެން ދިގު ވެފައި، އަބަދު އެއް ވާހަކަތަކެއް ފިލްމުގައި ދައްކާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. 'މެޓަކްރިޓިކް' ފިލްމު ރިވިއު ކުރާ ވެބްސައިޓުން ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް %81 ދީފާވައިރު 'ފަޔާ އެންޑް އޭޝް'އަށް %61 ރޭޓިންއެއް ލިބުމަކީ ފިލްމުގެ މައިގަނޑު ކޮލިޓީ ދަށް ވެއްޖެ ކަމުގެ ބޮޑު ނިޝާނެކެވެ.
މި ފިލްމާ ބެހޭ ގޮތުން ކިތަންމެ ގިނަ ފާޑުކިޔުންތަކެއް ލިބުނު ނަމަވެސް، މިއީ ފިލްމީ ދާއިރާއިން ބޮޑު 'ޓެކްނިކަލް' ކާމިއާބީއެކެވެ. ޑައިރެކްޓަރު ކެމަރަން ވަނީ 'ތްރީޑީ' އާއި 'ޕާފޯމަންސް ކެޕްޗާ'ގެ މުޅިން އެހެން ފަންތިއަކަށް ގެންގޮސްފަ އެވެ. 
ފިލްމުގެ ގިނަ ފާޑުކިއުންތެރިން ވަނީ މި ފިލްމުގެ ފުރިހަމަ 'އެކްޝަން ސީން'ތަކަށް ތައުރީފު ކޮށްފަ އެވެ. އަދި މިހާތަނަށް އެފްރެންޗައިޒްގެ އެންމެ މޮޅު ސީންތައް ކަމަށް ވެސް ބުނެ އެވެ. އެކަމަކު 'ފަޔާ އެންޑް އޭޝް'އަށް ލިބުނު ގިނަ ފާޑުކިއުންތަކުގެ ސަބަބުން ކެމެރަން މި ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު އުފައްދާނެ ކަމާ މެދު ޝައްކެވެ. ދާދި ފަހުން ކެމެރަން ދިން އިންޓަވިއުތަކުގައި ބުނީ ކުރިއަށް އޮތް އިންސްޓޯލްމަންޓްތައް ޑައިރެކްޓް ކުރުމާ ދުރުވާން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ