ޝިފާއުގެ މައްޗަށް 109 އަހަރުގެ ޖަލު ހުކުމެއް!
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.ސައްޙަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާޢު ހައްޔަރުުކުރީ 2023ވަނަ އަހަރުުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއަކާއި މަނީ ލޯންޑްރިންގެ 7 ދައުވާ އެކެވެ.އެ ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަކިވަކިން އިއްވެވި ހުކުމްތަކުގައި ހިމެނޭ އަދަބުތަކުގެ ޖުމްލަ އެއްކޮށްލުމުން 109 އަހަރާއި 6 މަހާއި 3 ދުވަހުގެ ޖަލު ހުކުމް އާދެއެވެ. އަދި އޭނާ ވަނީ 7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެކެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާތަކުގައި 70 އަހަރުގެ ޖަލު ހުކުމަކާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 30 އަހަރުގެ ޖަލު ހުކުމަކާއި ސައްހަ ނޫން ލިޔުމުގެ ދިނުމުގެ ދައުވާތަކުގައި 9 އަހަރުގެ ޖަލު ހުކުމެކެވެ. އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި މަޖިލީހުގައި ޝިފާއުގެ ފަރާތުން އެދުނީ ގޭ ބަންދުގެ ހުކުމެއް ނުވަތަ ހުކުމުގެ ވަކި މުއްދަތެއް ގޭ ބަންދު ކުރުމުގެ ހުކުމަކަށް ބަދަލުކޮށް ދިނުމަށެވެ.އޭނާގެ ވަކީލް ވިދާޅުވީ ޝިފާއުއަކީ ޒިންމާދާރު މީހެއް ކަމަށާއި އަދި އެ މައްސަލާގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ޝިފާއުއަކީ އާއިލާއެއް ބަލަހައްޓަމުންދާ މީހަކަށް ވާތީ އެކަންކަމަށް ރިއާޔަތްކުރަން ވަކީލް އެދިވަޑައިގަތެވެ.ޝިފާއު ބުނީ ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދެވޭނީ ވެސް ބަންދުން މިނިވަންވެފައި ހުރެގެން ކަމަށެވެ. އެހެންވެ، ދެވެން އޮތް އެންމެ ލުއި އަދަބެއް އޭނާ އެދުނެވެ.މި މައްސަލާގައި، ޖަލު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް އިއުތިރާފު އެއްބަސްވުމެއް ހަދަން ވެސް ދައުލަތުން މީގެ ކުރިން ނިންމި އެވެ. އެކަމަކު، ގާޒީ ނަދީމް އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. އެ މައްސަލަތަކުގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން އޭނާ ރާއްޖެއިން ބޭރަށް ދިޔަ އެވެ. އެހެންވެ، އޭނާ ހައްޔަރުކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފައި ވަނިކޮށް އޭނާ އެނބުރި ރާއްޖެ އައުމުން އޭނާ އަލުން ހައްޔަރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ