ޝަމްއާންގެ ބަންދު ދަމަހައްޓާ ހެކިބަސް ނިމުމުން ލުއި ދެވޭތޯ ބަލަނީ

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގައެވެ. ޝަމްއާންގެ އިތުރުން މި މައްސަލައިގައި ތ. ބުރުނި، މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް، މ. ހަޒާރީވިލާ އުމުރުން 40 އަހަރުގެ އަހްމަދު ލައްސާން، ގ. ހެޕީސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހްމަދު އަދި ހަމައެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާންވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުމަށް ފަހު ބަންދު މުރާޖައާގެ އަޑުއެހުމެއް ވެސް ބާއްވާފައިވާއިރު، ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުުން ދޫކޮށްލަން އޭނާގެ ވަކީލު ނޫރުއްސަލާމް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ނޫރުއްސަލާމް ވިދާޅުވީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރީ، ހެކިބަސް ދޭން ތިބީ އިމިގްރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ކަމުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުން ކަމަށާއި ނަމަވެސް މިހާރު އެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާތީ އޭނާ ބަންދުކުރި ސަބަބު މިހާރު ވުޖޫދުގައި ނެތްކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުން ވަނީ ހެކިބަސް ނަގާ ނިމުމަށް ފަހު ވެސް ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަން ރާއްޖޭގައި ހިންގި ބައެއް ޝަރީއަތްތަކުން ވެސް ފެނިފައިވާކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ ބްރާހީމް އިހްސާން ނިންމެވީ ޝަމްއާން ބަންދުން ދޫކޮށްލަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ