މިދިޔަ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓަށް މި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ މަހު ކުލިން 500-1،000ރ. ކުޑަކޮށް، ޑައުންޕޭމަންޓަށް ލުޔެއް ދިނުމަށް ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ހާމަ ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބައެއް އާންމުން ވަނީ ގެދޮރުވެރިޔާ ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓަށް ކަނޑައަޅާފައިވަނީ މާ ބޮޑު އަގެއް ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ. ބައެއް މީހުން އެދުނީ، ހިޔާ ފްލެޓްގެ ކުއްޔާ އެއްވަރުގެ އަދަދެއް ހަމަޖެއްސުމަށެވެ.
ތަފްސީލު - މިގެ ކުރިން އޮތް އަވަށު ބައްދަލުވުމެއްގައި ވެސް މި ފްލެޓްތަކުގެ ޑައުންމޭންޓަށް ލުޔެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް އެމެނިކުފާނު އޭރު ހާމައެއް ނުކުރައްވަ އެވެ.
މިރޭގެ ބައްދަލުވުމުގައި އާންމުން ވެސް އެ އަގުތަކާ ގުޅިގެން ޝަކުވާ ކުރިފަހުން، ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ރައީސް ވަނީ ސަރުކާރުން މިކަމަށް ދޭނެ ލުއިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަފާވަ އެވެ. އެގޮތުން ރައީސް ވިދާޅުވީ:
3 ކޮޓަރި ފްލެޓްތަކަށް މެއިންޓެއިންނެންސް ފީއާއެކު ޖުމްލަ މަހު ކުއްޔަށް މިހާރު ކަނޑައަޅާފައިވާ 10،500ރ.ގެ ބަދަލުގައި 10،000ރ.އަށް ކުލި ކުޑަ ކުރުމަށް
3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭންޓަށް މިހާރު ކަނޑައަޅާފައިވާ 25،000ރ.ގެ ބަދަލުގައި 8،000ރ.އަށް ކުޑަކުރުމަށް
2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނެންސް ފީއާއެކު ޖުމްލަ މަހު ކުއްޔަށް މިހާރު ކަނޑައަޅާފައިވާ 7،000ރ. ގެ ބަދަލުގައި 6،000ރ.އަށް ކުލި ކުޑަ ކުރުމަށް އަދި ޑައުންމޭންޓަށް އެއް މަހުގެ ކުލި ނަގާ ގޮތަށް
"އެހެންވީމަ އެފްޑީސީއިން [ފަހި ދިރިއުޅުން ކޯޕަރޭޝަނުން] އެގްރިމަންޓްތައް އާކޮށް، ރިވައިސް ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުގެ ފަހު ހަފްތާގައި 15 ނޮވެމްބަރު 2023ގައި އޭރު މި ފްލެޓްތަކުގެ އަގު ކަނޑައަޅާ އާންމު ކުރި އެވެ. އެގޮތުން:
3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރ، އަދި މެއިންޓެއިންނެންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ކުއްޔަށް ޖުމްލަ 8،000ރ.
2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،000ރ.އާ އެކު ޖުމްލަ 6،000ރ.
ނަމަވެސް ފަހުން މިދިޔަ ފެބްރުއަރީ މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވަނީ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަން އޭރު ނިންމި އަދަދަށް ބަދަލު ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ، ލޯނެއް ނަގައިގެން ހިންގާ މަޝްރޫއަކަށްވާއިރު، އެ މަޝްރޫއުގެ ދަށުން ނަގާ ކުލި ކަނޑައަޅާ މީގެ ކުރިން އިއުލާނުކޮށްފައި ހުރި އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލިން 500-1،000ރ. ކުޑަކޮށް ޑައުންޕޭނަޓަށް ވެސް ބޮޑު ލުއެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ