ޖަލަށް ލެވޭނެ ގޮތަކީ ނެތް ގޮތެއް، ގައިގައި އަތްލައިފި ނަމަ މުއިއްޒުއަށް މިހާރު އޮތް ތާއިދުކޮޅު ވެސް ގެއްލޭނެ: ޔާމީން ޖަލަށް ލެވޭނެ ގޮތަކީ ނެތް ގޮތެއް، ގައިގައި އަތްލައިފި ނަމަ މުއިއްޒުއަށް މިހާރު އޮތް ތާއިދުކޮޅު ވެސް ގެއްލޭނެ: ޔާމީން

ގާނޫނީ ހަމަތަކުގެ މަތިން ޖަލަށް ލެވޭނެ ގޮތަކީ އެއީ ނެތް ގޮތެއް ކަމަށާއި އެމަނިކުފާނު ޖަލަށް ލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން އުއްމީދުތަކެއް ކުރެއްވި ކަމަށެވެ. އެހެންމަވެސް މިއަދު ސޯލިހު ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޖަލު ހުކުމެއް އަންނާނެ ގޮތަކީ އެއީ ނެތް ގޮތެއް، ގާނޫނާއި ޝަރީއަތުގައި ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑު ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ މަސައްކަތް ކުރަނީ ކެރޭތީ ކަމަށާއި ބިރުދައްކަން ސަރުކާރުން އުޅޭނަމަ، ބިރުދައްކަން އެ އުޅެވެނީ ނުބައި މީހަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ ތާއީދު ނެތް މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި، މުއިއްޒުއަށް އޮތް ކުޑަ ތާއީދު ވެސް ޔާމީން ގައިގައި އަތްލައިފިނަމަ ގެއްލޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މުއިއްޒުއަށް ރާއްޖޭގައި ތާއީދު ނެތް މިންވަރު، ދެން އެ އޮތް ތާއީދު ވެސް، ދެ އެ އޮތް ތާއީދު ވެސް އަޅުގަނޑު ގައިގައި އަތްލައިފިއްޔާ ގެއްލިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން އެ މައުލޫގައި ވާހަކަދެއްކެވީ އެމަނިކުފާނަށް 2028 ގައި ވެރިކަމަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ދެން އަމަލު ކުރައްވާނެ ގޮތަކާ ބެހޭގޮތުން އާންމުންގެ ތެރެއިން މީހަކު މިރޭ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ ކުރިން ވެސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވި އިރު އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ