އަލް ރައްޔާން، ގަތަރު (ޑިސެމްބަރު 18) - ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 2-1 އިން ބްރެޒިލްގެ ފްލަމެންގޯ އަތުން އަތުން މޮޅުވެ، ޕީއެސްޖީން އިން އިންޓަކޮންޓިނެންޝިއަލް ކަޕް ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި އެވެ.
މިއީ، ޕީއެސްޖީން 2025 ވަނަ އަހަރު ކާމިޔާބުކުރި ހަ ވަނަ ތަށްޓެވެ. މިއާ އެކު، އެ ޓީމު ވެފައިވަނީ، ކަލަންޑަރު އެއް އަހަރެއްގައި ހަ ތަށި ހޯދި ތިން ވަނަ ކްލަބަކަށެވެ. އެ ގޮތުން، މީގެ ކުރިން އެކަން ހާސިލްކޮށްފައި އޮތީ 2009 ވަނަ އަަހަރުގެ ބާސެލޯނާ ޓީމާއި 2020 ވަނަ އަހަރުގެ ބަޔާން މިއުނިކް ޓީމެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، މިއީ އެ ކްލަބްގެ ތާރީހުގައި ހަނދާނުން ފޮހެނުލެވޭނެ އަހަރެއް ކަމަށެވެ. އަދި، ޕީއެސްޖީ ފަދަ ކްލަބެއްގެ އައިޑެންޓިޓީ އަކަށް ވާން ޖެހޭނީ ކާމިޔާބުގެ މަގުން ކުރިއަށްދިއުން ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ޓީމަށް ތާރީހީ އެތައް ކަމެއް ހާސިލްކުރެވޭނެ ކަމުގެ ވިސްނުމުގައި ކުރިއަށްދިއުން މުހިންމު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނިޓްގައި ޕީއެސްޖީގެ ލަނޑު ޖެހީ، ޑެޒެއާ ޑޫއޭ ދިން ބޯޅައަކުން ކްވިޗާ ކްވަރަޝްކޭލިއާ ޖެހި ލަނޑުންނެވެ.
ދެ ވަނަ ހާފުގައި ފްލަމެންގޯ އިން 62 ވަނަ މިނިޓްގައި އެއްވަރުކުރީ ޕީއެސްޖީގެ މާކޫއިނިއޯސް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ދިން ޕެނަލްޓީ އަކުން ޖޯޖީނިއޯ ކާމިޔާބުކުރި ގޯލުންނެވެ. ޕީއެސްޖީ މޮޅުކޮށްދޭން ދާދި ފަހުން ފީފާ ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮސްމާން ޑެމްބެލޭ އަށް ލިބުނު ފުރުސަތުގައި ގޯލަށް ބޯޅަ ފޮނުވައެއްނުލެވުނެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕީއެސްޖީގެ ކީޕަރު، މަޓްވެއި ސަފޯނޯވް ވަނީ ފްލަމެންގޯގެ ހަތަރު ޕެނަލްޓީ މަތަކޮށްފަ އެވެ. މި މެޗުގައި ސަފޯނޯވް ކުޅެން ޖެހުނީ، ޕީއެސްޖީގެ އެއް ވަަނަ ކީޕަރަކަށް ހުރި، ލޫކަޝް ޝަވެލިއޭ އަނިޔާގައި ހުރުމުންނެވެ.
ފްލަމެންގޯ އިން ޑެ ލަ ކްރޫޒް ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ސައުލް ނިގޭޒް، ޕެޑްރޯ، އަރައުހޯ އަދި ޕެރެއިރާ ފޮނުވާލި ޕެނަލްޓީތައް ކީޕަރު ސަފޯނޯވް މަތަކުރި އެވެ. ޕީއެސްޖީ އަށް ކާމިޔާބުކުރެވުނީ، ވިޓީނިއާ އާއި ނޫނޯ މެންޑޭޒްގެ ޕެނަލްޓީ އެވެ. ޑެމްބެލޭ އާއި ބްރެޑްލީ ބާކޮލާގެ ޕެނަލްޓީތައް ކާމިޔާބެއްނުވި އެވެ.
ޕީއެސްޖީން އިންޓަކޮންޓިނެންޝިއަލް ކަޕް ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި ޕީއެސްޖީން އިންޓަކޮންޓިނެންޝިއަލް ކަޕް ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ