ޝަމްއާންގެ ބަންދު ދަމަހައްޓައިފި
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ހެކިބަސް ނަގާ ނިމުމުން ޝަރުތުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ދޫކޮށްލަން އެދޭނެ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އިހްސާން ނިންމެވީ ޝަމްއާން ބަންދުން ދޫކޮށްލަން ޖެހޭ ހާލަތެއް އަދި ނެތް ކަމަށެވެ. އަދި ދައުލަތުން ވެސް ފާހަގަކުރި ފަދައިން ހެކިބަސް ނަގާ ނިމުމުން ދައުލަތުން އިސްވެ ހުށަހަޅާކަން ގާޒީ ވެސް ފާހަގަކުރެއްވި އެވެ.އެ މައްސަލާގައި ޝަމްއާންގެ އިިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ އެއް މުވައްޒަފަކަށް ކުރި ދައުވާ އަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އެ މުވައްޒަފުގެ މައްސަލަ ކުރިން ވަނީ ނިންމައިފަ އެވެ.އެ މުވައްޒަފަށް އިއްވި ދެ މަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމި އޭނާ މިހާރު ވަނީ މިނިވަންވެފަ އެވެ. ނަމަވެސް ދެން ތިބި މީހުންގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.އެ މައްސަލާގައި ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާ ކުރާއިރު، އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އަދި މީގެ ކުރިން ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.މި ތިން ދައުވާ ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް ކޯޓުން ކުރާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކުރާނެ ކަމަށް ބެލެވެ އެވެ.ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ