ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ބޭފުޅަކު ހޮވަން ކޮންމެ ފަސް އަހަރަކުން އެއް އަހަަރު ބާއްވާ ރިޔާސީ އިންތިހާބު ކުރިއަށްގެންދާ ގޮތް ބަދަލު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ކުރިން ދެއްކެވި ވާހަކައެއް ނޫނެވެ.
މީގެ ދޮޅު އަހަރު ކުރިން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، މިހާރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފަރާތުން ވާދަ ކުރައްވަން ރައީސް މުއިއްޒަށް ޓިކެޓު ލިބިވަޑައިގަތީ އޯގަސްޓު 3، 2023، ގަ އެވެ.
ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ސެޕްޓެމްބަރު 30، 2023، ގައި ނިމުމާ ހަމައަށް ރައީސް މުއިއްޒު 1015 ތަގުރީރު ދެއްވި އެވެ. އެއިން އެއްވެސް ތަގުރީރެއްގައި، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލަން މަސައްކަތް ކުރައްވާނެ ވާހަކައެއް ވިދާޅެއްނުވެ އެވެ.
އެމަނިކުފާނު ތަންފީޒު ކުރައްވާނެ ކަންކަމުގެ ވާހަކަ ލިޔުއްވައި ނެރުއްވި "ދިވެހީންގެރާއްޖެ މެނިފެސްޓޯ 2023-2028" ގައި ވެސް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ނޯންނާނެ ފަދަ ގޮތަކަށް ނިޒާމު ބަދަލު ކުރައްވާނެ ވާހަކައެއް ވިދާޅުވެފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުން އެއީ ރަނގަޅު ގޮތެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ވިދާޅުވީ، ވެރިކަން ލިބިވަޑައިފެންނެވިތާ 359 ދުވަސް ފަހުން ނޮވެމްބަރު 10، 2024، ގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަގުރީރުގަ އެވެ.
"ހަމައެއާއެކީގައި، ދިރާސާ ކުރަމުންދާ ކަމެއް، އެޓާނީ ޖެނެރަލާ އަޅުގަނޑު ހަވާލުކޮށްގެން ދިރާސާ ކުރަމުންދާ ކަމެއް، ބައެއް ގައުމުތަކުގައި އޮންނަ ގޮތެއް، ޕްރިފެރެންޝަލް ވޯޓިން ނިޒާމު. ދެވަނަ ބުރު އުވާލުން. ޕާސަނަލީ އަޅުގަނޑު ގަބޫލު ކުރާ ގޮތް. ދެވަނަ ބުރަކަށް ނުގޮސް، ފުރަތަމަ ބުރުގައި ޕްރިފެރެންޝަލް ވޯޓިންއިން ދެވަނަ ބުރަކަށްދާ ހާލެއްގައި ޗޫޒްކުރާނެ ވެރިޔަކަށް ހޮވާނެ މީހާ ވެސް އެނގޭ ގޮތަށް ވޯޓުލެވޭ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން އަނެއްކާ ވެސް އެ ވާހަކަ ނުދައްކަވައި ހުންނެވުމަށްފަހު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުދާނެ ގޮތަކަށް ނިޒާމު ބަދަލު ކުރައްވާ ވާހަކަ ރައިސް މުއިއްޒު ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަކީ ސިއްރު، ފަރުދާގެ ފުރަގަހުގައި ބޭއްވި ބައްދަލުވުމެކެވެ.
ސުވާލަކީ، ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިނުވާ ވާހަކައެއް އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ނެތް ކަމެއް ތަންފީޒު ކުރައްވަން މިހާރު މަސައްކަތް ކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ އިސްލާހު ކުރުން އެއަށްވުރެ މުހިންމު ކަންކަން ނިޒާމުގައި ފެންނަ ހުރިއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން އެއީ ރާއްޖެއަށް މިވަގުތު އެންމެ މުހިންމު މަސައްކަތްތޯ އެވެ؟
ރިޔާސީ އިންތިބާހުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭނެ ކަމަށް ރައީސް އިއުލާނު ކުރެއްވި ދުވަހު، ވިދާޅުވީ ނިޒާމު ބަދަލު ކުރުމަށްޓަކައި ދިރާސާތަކެއް ކުރަން ބަންޑާރަނައިބު އަހުމަދު އުޝާމްއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ. އެކަމަކު ދިރާސާކޮށްފައި، އަޅުގަނޑު ގަސްދުކުރަން، އެއީ، އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށްވަންޏާ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން ރައްޔިތުން އެދޭ ކަމެއް ކަމުގައިވަންޏާ، ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެބުރު ނޯންނަގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭގޮތަށް ކަންކަން ބަދަލުކުރުން ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ރަނގަޅީ ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ކަމަށެވެ. އަވަށްޓެރި ގައުމެއްގައި ވެސް އެފަދަ ނިޒާމެއް އޮންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ރައީސް ދެއްކެވީ ސްރީ ލަންކާގެ ވާހަކަ އެވެ. ލަންކާގައި އޮންނަނީ ޕްރިފެރެންޝަލް ވޯޓިން ސިސްޓަމެކެވެ.
ރައީސް ގެންނަވަން ބޭނުންވާ ބަދަލުގެ ވާހަކަ އެމަނިކުފާނުގެ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ދެއްކެވި އެވެ. ރައީސް ވަރަށް ސާފުކޮށް ވިދާޅުވީ ވަކާލާތު ކުރައްވަނީ ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ތައާރަފު ކުރަން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރަން ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގޮތް ކަމުނުދާ ސަބަބުތަކެއް ސީދާ ވިދާޅެއް ނުވެ އެވެ. ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ކަމުދާ ސަބަބެއް ވެސް ރައީސް ވިދާޅެއްނުވެ އެވެ.
އެކަމަކު، ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ނުޖެހޭ ނަމަ ހަރަދު ކުޑަވާނެ ކަމަށް ރައީސް ފާހަގަ ކުރައްވަ އެވެ.
"އެއީ، އަޅުގަނޑު ހިތުން ހަރަދު ވެސް ކުޑަވާނެ، މާބޮޑަށް ވެސް އެގޮތަށް އެކަން ކުރީމަ. އެހެންވީމާ، އެކަމަށް ވެސް އަޅުގަނޑު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހަންޖެހޭ ކަމަށްވަންޏާ، އަހަން ގަސްދުކުރާ ވާހަކަ އިއުލާނުކޮށްލަން މިއަދު،" މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހު ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވެފައިވެ އެވެ.
(ޕްރިފެރެންޝަލް ވޯޓިން މަސައްކަތް ކުރާ ގޮތް ބަލައިލުމަށް ތިރީގައިވާ ލިޔުން ވިދާޅުވެލައްވާ)
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރާ ނިޒާމު ބަދަލު ކުރަން ފެންނަ ސަބަބެއް ކަމަށް ރައީސް މިހާތަނަށް ދެއްކެވީ ދެ ބުރު ބާއްވާ ނަމަ އެކަމަށްދާ ހަރަދު ބޮޑުވުމުގެ ވާހަކަ އެކަންޏެވެ. އިތުރު އެހެން ސަބަބެއް އަދި ނުދައްކަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް ހަރަދުވެފައި ވަނީ 84 މިލިއަން ރުފިޔާ އެވެ. އެއީ އެންމެ ގިނައިން މިހާތަނަށް ރިޔާސީ އިންތިހާބަށް ހަރަދު ކުރި އަދަދެވެ.
އިލެކްޝަންސްގެ ހިސާބުތަކަށް ބަލާއިރު ގިނަ ސިޔާސީ ޕާޓީތައް ބައިވެރިކޮށްގެން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވަން ފެށި ފަހުން ހުރިހާ އިންތިހާބަކަށް ހަރަދުވެފައި ވަނީ 245 މިލިއަން ރުފިޔާ އެވެ.
ރިޔާސީ އިންތިހާބުތަކަށް ހަރަދުވި ފައިސާ
ހަރަދު ކުޑަ ކުރަން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރާ ނިޒާމު ބަދަލު ކުރަން ރައީސް މަސައްކަތް ކުރައްވާއިރު، އިންތިހާބީ ނިޒާމު އޮތް ތަނުގައި ބާއްވާފައި ހަރަދު ކުޑަ ކުރެވިދާނެ ބައިވަރު ގޮތްތައް އެބަހުއްޓެވެ.
ހަރަދު ކުޑަ ކުރެވިދާނެ އެއް ގޮތަކީ ސަރުކާރުގެ ސިޔާސީ މަގާމުތައް މަދު ކުރުމެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ގިނަ ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހެވެ. ނަމަވެސް އެކި ނޫސްތަކުން އެއްކޮށްފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2000 އާ ގާތް ކުރާނެ ކަމަށް ބެލެވެ އެވެ.
އެކަމަކު، ސިޔާސީ މަގާމުތަކުގެ ތަފުސީލު ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދާތީ ސީދާ އަދަދު އެއްވެސް ނޫހަކަށް ހޯދިފައެއް ނުވެ އެވެ. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމުގައި ވެސް 35 މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 913،222ރ. ހަރަދުވެ އެވެ. އެއީ އަހަރަކަށް ބަލާ ނަމަ 10.9 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ފަސް އަހަރުގެ ތެރޭގައި އެ މުވައްޒަފުންނަށް އެކަނި ވެސް 54.7 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ފިޝަރީޒް މިނިސްޓްރީގައި 39 ސިޔާސީ މުވައްޒަފުން ތިބެ އެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 1،080،500ރ. ހަރަދުވެ އެވެ. ފަސް އަހަރުގެ ތެރޭގައި އެ މުވައްޒަފުންނަށް 12,966,000ރ. ހަރަދުވެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި 32 ސިޔާސީ މުވައްޒަފުން ތިބެ އެވެ. އެ މުވައްޒަފުންގެ މުސާރައަށް އަހަރަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. ފަސް އަހަރުގެ ތެރޭގައި 61.2 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި 58 ސިޔާސީ މުވައްޒަފުން ތިބެ އެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 1.57 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އަހަރެއްގެ މައްޗަށް އެ މުވައްޒަފުންގެ މުސާރައަށް 18.8 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ފަސް އަހަރުގެ ތެރޭގައި 94 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ޔޫތު މިނިސްޓްރީގައި މަދުވެގެން 71 ސިޔާސީ މުވައްޒަފުން ތިބެ އެވެ. އެ މުވައްޒަފުންގެ މުސާރައަށް މަހަކު 1.9 މިލިއަން ރުފިޔަ ހަރަދުވެ އެވެ. އެ މުވައްޒަފުންގެ މުސާރައަށް އަހަރެއްގެ މައްޗަށް 23 މިލިއަން ރުފިޔާ ދާނެ އެވެ. ފަސް އަހަރަށް ބަލާ ނަމަ އެ މުވައްޒަފުންގެ މުސާރައަށް 115 މިލިއަން ރުފިޔާ އެވެ.
އެ ހަތަރު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމުގެ މުސާރައަށް ފަސް އަހަރު ތެރޭގައި 324 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އެއީ ތިން ރިޔާސީ އިންތިހާބުގެ ހަތް ބުރު ބާއްވަން މިދިޔަ މުއްދަތުގައި ހަރަދު ކުރި 245 މިލިއަން ރުފިޔާއަށްވުރެ 79 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުގެ ހުރިހާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހަރަދުވާ މިންވަރު އަދި މާ ގިނަ ވާނެ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ބައި ކުރި ނަމަވެސް އެ ސަލާމަތް ކުރެވެނީ އެތައް ރިޔާސީ އިންތިހާބެއް ބާއްވަން ހަރަދު ކުރެވިދާނެ ފައިސާ އެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ރާއްޖޭގެ ނިޒާމު ބަދަލު ކުރަން ރައީސް މުއިއްޒު މަސައްކަތް ފެށުމުން، އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ ފަރާތުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ފުރަތަމަ ކަމަކަށް ވާދަވެރިން ފާހަގަ ކުރާ ކަމަކީ ރައީސް މުއިއްޒުގެ އިހުލާސްތެރިކަމެވެ. ވޯޓުލާ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރުމުގެ މަގްސަދާ ވެސް ސިޔާސީ އިދިކޮޅު ފަރާތްތަކުން ޝައްކު އުފައްދަ އެވެ.
"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް," އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ރައީސްގެ ހަގީގީ ބޭނުމަކީ ހަރަދު ކުޑަ ކުރުން ކަމަށްވާ ނަމަ، ހަރަދު ކުޑަ ކުރަން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ބަސް ހޯދައިގެން ކުރާ ކަންކަމުން ނޫން ކަމަށެވެ. ގެންނަން މަސައްކަތް ކުރައްވާ ބަދަލުގެ ފަހަތުގައި އޮތީ ރައީސް މުއިއްޒުގެ ބާރު ގަދަފަދަ ކުރުން ކަމަށް ފައްޔާޒް ގަބޫލު ކުރައްވަ އެވެ.
"ހަރަދު ކުޑަ ކުރާނީ ރައްޔިތުންގެ ބަސް ހޯދާ ކަންކަމަކުން ނޫން ފުރަތަމައިނުން،" ފައްޔާޒް ވިދާޅުވި އެވެ. "މިހާރު މި ގެންނަ ބަދަލުތަކަކީ ޕަވާ ކޮންސޮލިޑޭޓްކޮށްފައި ރައްޔިތުންގެ ބާރު ކަނޑުވާލަން ގެންނަ ބަދަލުތަކެއް ކަމަށް ފެންނަނީ."
ރައީސް މުއިއްޒަށް ކަމުދާ ކަމަށް ވިދާޅުވާ ޕްރިފެރަންޝަލް ވޯޓިން ސިސްޓަމަށް ވެސް ފައްޔާޒް ފާޑުވިދާޅުވި އެވެ. އެ ނިޒާމުގެ އެންމެ ބޮޑު މައްސަލައެއް ކަމަށް ފައްޔާޒް ފާހަގަ ކުރެއްވީ، ތިމާ ގަބޫލު ކުރާ ކެންޑިޑޭޓަށް ވޯދު ދިނުމުގެ އިތުރުން، އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުން ލަފާ ކުރުމަށްފަހު އެ ކެންޑިޑޭޓުން ވެސް ދަރަޖަ ކުރަން ޖެހުމެވެ.
"އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު،" އެ ނިޒާމާ އަޅާބަލާއިރު މިހާރު އޮންނަ ގޮތުގެ ސާފުސީދާކަން ފައްޔާޒް ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރުމުގެ އިހުލާސްތެރިކަމާމެދު އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ސުވާލު އުފައްދަވަ އެވެ.
"ބަދަލެއް ގެންނަނީ ކިހިނެއްވެގެންތޯ؟ މިއުޅެނީ އެއްވެސް މައްސަލައެއް ދިމާވެގެންތޯ؟ މިކަމުން ރަނގަޅެއް ވަނީތޯ؟ އެއިން އެއްވެސް ވާހަކައެއް ނެތް ރައްޔިތުންނާ ހަމައަށް ގެނެސްފައެއް،" މި ނޫހާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ދެން ފާހަގަ ކުރެއްވީ ނިޒާމަށް ބަދަލު ގެންނަން މަސައްކަތް ކުރާ ދަނޑިވަޅެވެ. މީގެ ދޮޅު އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނިޒާމީ ބަދަލުގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި މިހާރު އެކަމަށް މަސައްކަތް ކުރައްވާތީ ވެސް ރައީސް މުއިއްޒުގެ އިހުލާސްތެރިކަން އެކަމުގައި ނެތްކަން ހާމަވާ ކަމަށް ޖަމީލް ދެކެވަޑައިގަންނަވަ އެވެ.
"އެ ބަދަލު ގެންނަން އުޅޭ ވާހަކަ ދައްކަންޖެހޭނީ މިހާރަކު ނޫން. އެކަން ކުރަންޖެހޭނީ މީހަކު ވެރިކަމަށް ކުރިމަތިލާއިރު، ތިމަންނަމެން މިފަހަރު ހޮވައިފިއްޔާ މި ބަދަލު ގެންނާނަމޭ،" މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ވެސް ކުރައްވާފައިވާ ޖަމީލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޖަމީލް ފާހަގަ ކުރެއްވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނިޒާމުތަކަށް ރައީސް މުއިއްޒު ހުރުމަތްތެރިކޮށް ނުހިއްތަވާ ވާހަކަ އެވެ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ ބާރެއް އަމިއްލައަށް ހޯއްދަވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ގާނޫނުއަސާސީގައި އިންތިޒާމްކޮށްފައި އޮތް ނިޒާމުތަކަށް ބަދަލު ގެނައުމަކީ. އެ ބާރު އޮތީ ރައްޔިތުންގެ އަތުގައި. ރައްޔިތުންނާ ހަމައަށް ދިޔުމުގެ ކުރިން ވެސް ސިޔާސީ ޕާޓީތަކާއި ސްޓޭކް ހޯލްޑަރުންނާ ތިބެގެން މަޝްވަރާ ކުރަންޖެހޭނީ އެވަރުގެ ބަދަލެއް ގެންނަންޖެހެނީ މި ކީއްވެގެންތޯ. އެއީ ރައްޔިތުން މިކަމުގައި ކުރިން ގޮތްތަކެއް ނިންމާފައި އޮތީމަ،" ޖަމީލް ވިދާޅުވި އެވެ.
ފައްޔާޒް ވެސް ވާހަކަ ދެއްކެވި މޭރުމުން ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ގެންނަން މި އުޅޭ ބަދަލުގެ ފަހަތުގައިވާ ހަގީގަތީ 2028 ގައި ބާއްވާނެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވިދާނެކަމުގެ ބިރު ރައީސްއަށް ހީކުރެއްވުން ކަމަށެވެ.
"އިންތިހާބުގެ ޕްރޮސެސް އެއް ފަރާތް ކުރަން މި އުޅެނީ އިންތިހާބަށް ބިރުން،" ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގެ އިލެކްޓޯރަލް ސިސްޓަމުގައި ބައިވަރު މައްސަލަ އެބަހުއްޓެވެ. މުޅި ގައުމު ހުއްޓި، އެ މައްސަލަތަކަށް ހައްލު ހޯދަންޖެހޭ މިންވަރަށް އިލެކްޓޯރަލް ސިސްޓަމުގެ މައްސަލަ އުޅެ އެވެ. އެންމެ ބޮޑު މައްސަލައަކީ ވޯޓު ގަތުމެވެ. އަދި ވޯޓު ވިއްކުމެވެ.
އިނގިރޭސިވިލާތުގެ ޖަމިއްޔާ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީ އިން ފާއިތުވި ޖެނުއަރީ މަހު ޝާއިއު ކުރި ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ ކެންޑިޑޭޓުން އެމީހުންނަށް ލިބޭ ބަޖެޓު 75 ޕަސެންޓާއި 90 ޕަސެންޓާ ދެމެދު ހަރަދު ކުރަނީ ވޯޓު ގަތުމަށެވެ. ވޯޓު ގަތުމަށް އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރާކަން އެ ދިރާސާއިން އެނގުނުއިރު، އާންމުކޮށް ވޯޓެއް ގަންނަން ލިބޭ އަގަކީ 5،000ރ. ކަމަށް އެނގުނެވެ.
ރިޕޯޓުގައި ފާހަގަ ކުރި އަނެއް ބޮޑު މައްސަލައަކީ ކެންޑިޑޭޓުން ކެމްޕެއިނަށް ފައިސާ ހޯދާ ގޮތެވެ. ބާރުވެރި މަގާމަށް ދެވިއްޖެ ނަމަ ބަދަލުގައި ނުހައްގުން ޕްރޮޖެކްޓު ދިނުމަށް ވައުދުވެ ކެންޑިޑޭޓުން ފައިސާ ހޯދަ އެވެ. ވިޔަފާރިވެރިންގެ އަތުން ލޯނު ނަގަ އެވެ. އަދި ބައެއް ފަހަރު، ކުށްކުރާ ގޭންގުތަކުން ވެސް ކެންޑިޑޭޓުން ފައިސާ ހޯދާ ކަމަށްވެ އެވެ.
ވޯޓު ގަތުމާއި ކެމްޕެއިނަށް ފައިސާ ހޯދާ ގޮތުގެ މައްސަލަތައް ފުނިޖެހިފައި އޮއްވައި، ވޯޓުލާ ނިޒާމު ބަދަލު ކުރައްވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާތީ ބައެއް ތަޖުރިބާކާރުން ވެސް ފާޑުވިދާޅުވި އެވެ.
"ކޮންމެ ސަރުކާރެއްގައި ވެސް އަހަރުމެންނަށް މި ފެންނަނީ އެ ސަރުކާރު ހިންގާ ޕާޓީއަށް ކޮންމެވެސް ކަހަލަ ފައިދާތަކެއްވާނެ ކަހަލަ ގޮތަކަށް ގާނޫނުތަކަށް ބަދަލު ގެންނަ ތަން. މިސާލަކަށް އެއީ ކެންޑިޑޭޓުންގެ އުމުރަށް ބަދަލު ގެނައުން ކަމަށް ވިޔަސް،" ހިއުމަން ރައިޓްސް އަދި ޑިމޮކްރެޓައިޒޭޝަންގެ ރޮނގުން ކިޔަވައިގެން ހުންނެވި އިބްރާހިމް ތައްޔިބު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"އިލެކްޓޯރަލް ގާނޫނަށް ބަލާއިރު ޕޮލިޓިކަލް ފައިނޭންސިން އާއި ޓްރާންސްޕޭރަންސީއާ މިކަހަލަ މައްސަލަތަކަށް ހައްލެއް ނެތް."
ތައްޔިބު ފާހަގަ ކުރެއްވި ދެވަނަ ކަމަކީ، ގެންނަނީ ރަނގަޅު ބަދަލެއް ނަމަވެސް ނިޒާމަށް ބަދަލު ގެންނަ ގޮތެވެ. ދާން ޖެހޭ މަގުން ނުގޮސް، ރައްޔިތުންނާ ދުރު މަގެއް އިހުތިޔާރު ކުރުމެވެ. މަޝްވަރާއަށް ފުރަގަސްދިނުމަށްފަހު، ރައްޔިތުން ބާކީ ކުރުމެވެ.
"ގެންނަ ބަދަލުގައި ރަނގަޅު ސިފަތަކެއް ހުރި ނަމަވެސް ކޮންބޮޑުވާންޖެހޭ ފަދަ ކަންކަން އެބަހުރި މާޒީއަށް ބަލާއިރު. ޑިއު ޕްރޮސެސް އިން ބޭރުން ގާނޫނުތަކަށް ބަދަލު ގެނައުން މިސާލަކަށް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބީ ނިޒާމުގައި ހުރި އެ މައްސަލަތައް، ހަމަ އިންސާނީ ހައްގުތަކުގެެ ދާއިރާއިން ކިޔަވައިގެން ހުންނެވި އަހުމަދު މުހައްމަދު (ފޯމީ) ވެސް ފާހަގަ ކުރައްވަ އެވެ. އަދި އެ މައްސަލަތައް އެހެން އޮއްވައި ވެސް ހަރަދު ކުޑަ ކުރުމުގެ ބަހަނާ ރައްޔިތުންނަށް ދައްކަނީ ކީއްވެގެންކަން ވެސް ފޯމީ ސާފުކޮށްދިނެވެ.
"ހަރަދު ކުޑަ ކުރުމުގެ އޭންގަލަކީ އާންމުންނަށް ވިއްކޭނެ އޭންގަލެއް. އެކަމަކު، ޕޮލިޓިކަލް، އިލެކްޝަން ފައިނޭންސްގެ ޓްރާންސްޕޭރަންސީ ނެތީމަ އިންތިހާބަށް ކެންޑިޑޭޓުން ހަރަދު ކުރާ ފައިސާއެއް ނޭނގޭ. ކެންޑިޑޭޓުން މި ހަރަދު ކުރަނީ ކޮރަޕްޝަންގެ ފައިސާ. އެކަން ބެލޭނެ ގޮތެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް މުހިންމު ނުކުތާއެއް ފޯމީ ފާހަގަ ކުރެއްވި އެވެ. އެއީ ވެރިކަމުގައި ހުންނަ މީހާއަށް ފައިދާއެއްވެދާނެ ފަދަ ގޮތަކަށް މުޅި ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރުމުގެ މައްސަލަ އެވެ.
"އަނެއް ކަމަކީ އިންތިހާބީ ބޮޑެތި ބަދަލުތައް ގެންނާކަށް ނުވާނެ އެމީހަކު ވެރިކަމުގައި ހުންނައިރު އެމީހަކަށް ފައިދާވާނެ ގޮތަކަށް. ބަދަލެއް ގެންނަންޖެހޭނީ 2028 ގެ ފަހުން ދެން އޮންނަ އިންތިހާބަކަށް. އެހެން ނޫނީ މީހުންނަށް ވެސް ހީވާނެ ހަމަ އަމިއްލަ ފައިދާއަށް ކުރާ ކަމެކޭ. އެއީ މަޖިލިސް މެންބަރުން އަމިއްލައަށް މުސާރަ ބޮޑު ކުރުން ކަހަލަ ކަމެއް،" ފޯމީ ވިދާޅުވި އެވެ.
ފޯމީއަށް ވެސް ގަބޫލު ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރަނީ ފޮރުވިފައިވާ އެހެން ބޭނުމެއްގައި ކަމަށެވެ.
"އަމިއްލަ ބޭނުމަކަށްޓަކައި ބާރު ކޮންސޮލިޑޭޓް ކުރަން ކުރާ ކަހަލަ ކަންތައްތައް މި ފެންނަނީ،" އޭނާ ދެކޭ ގޮތް ހާމަ ކުރައްވަމުން ފޯމީ ވިދާޅުވި އެވެ.
~~
ގެންނަން މި މަސައްކަތް ކުރަނީ ރަނގަޅު ބަދަލެއް ނަމަ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަދަލު ކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ނެތް ކަމެއް ކުއްލިއަކަށް ތަންފީޒު ކުރަން މަސައްކަތް ކުރައްވާތީ، ކަމުގެ ހަގީގީ މަގްސަދާ މެދު ސުވާލު އުފެދެ އެވެ.
މިހާރު އޮތް ގޮތަށް ރިޔާސީ އިންތިހާބު ނުބާއްވަން ފެނިވަޑައިގަންނަވަނީ ހަމައެކަނި ހަރަދު ބޮޑުވެގެން ކަމަށް ވިދާޅުވާ ވާހަކަ ހަމައެއްނުޖެހެ އެވެ. މިވަގުތު ހިންގަވާ މަތިބަރު ސަރުކާރު ލުއިކޮށްލައިގެން ވެސް ދެ ތިން އިންތިހާބުގެ ހަރަދު ސަލާމަތް ކުރުމުގެ ފުރުސަތު ރައީސް މުއިއްޒަށް އެބަ އޮތެވެ.
ގެންނަނީ ރަނގަޅު ބަދަލެއް ނަމަވެސް އެ ކަން ކުރާނެ ރިވެތި ގޮތެއް އޮވެ އެވެ. ނިޒާމު ކަމުނުދާ ސަބަބު ހާމަ ކުރުމާއި ރައްޔިތުންނާ މަޝްވަރާ ކުރުމާއި ބަދަލު ގެނައުމުގެ މަރުހަލާތަކަށް އެކަށީގެންވާ ވަގުތު ދިނުން އޭގެ ތެރޭގައި ހިމެނެ އެވެ. ބަދަލު ގެންނަން ބޭނުންވާ ސަބަބުގެ އިހުލާސްތެރިކަމެއް ހަމަ ގައިމު ވެސް މިހާތަނަކަށް ނުފެނެ އެވެ.
އިންތިހާބުގެ ދެ ވަނަ ބުރު އުވާލުން: ރައީސްގެ މެނިފެސްޓޯގައި ނެތް ބަދަލެއް ގެނައުމުގެ ބޭނުމަކީ ކޮބާ؟ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުން: ރައީސްގެ މެނިފެސްޓޯގައި ނެތް ބަދަލެއް ގެނައުމުގެ ބޭނުމަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ