ޖިނާއީ ތުހުމަތެއް ކުރުމަށްފަހު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
ޝަމްއާންގެ އިސްތިއުނާފު ދެވަނަ އަޑުއެހުން ހައި ކޯޓުގައި މިއަދު މެންދުރު 1:00 ޖަހާއިރު ބާއްވަން ތާވަލުކުރީ އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމަށްފަހު އެވެ.
އިއްޔެ ކުރިއަށްދިޔަ ޝަމްއާންގެ އިސްތިއުނާފް އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތުން މީގެ ކުރިން އަމަލު ކުރަމުން އައި އާންމު އުސޫލު ނޫން ކަމަށެވެ.
މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ މީހުންނާއި މިހާރު ވެސް އެފަދަ މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންނާ މެދު އަމަލު ކުރަމުންދާ ގޮތުން މިސާލު ނަންގަވައި ނޫރުއްސަލާމް ވިދާޅުވީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރު ކުރާ ނަމަ ކުރަނީ ހެއްކަށް ނުފޫޒު ފޯރުވައިފާނެ ފަދަ ހާލަތެއް އޮތް ނަމަ އެކަނި ކަމަށެވެ.
ނަމަވެސް ޝަމްއާން ހައްޔަރު ކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.
އޭގެ އިތުރަށް އެ މައްސަލައާ ގުޅޭ އިތުރު ވާހަކައެއް ޝަމްއާންގެ އަނބިކަނބަލުން ދައްކަވާފައެއް ނުވެ އެވެ. ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ.
ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ