އިދިކޮޅު އެމްޑީޕީގެ މެންބަރުން މަރިޔަމް ޒުބައިރު (މަންދީ) އާއި އަހުމަދު ސަލީމް (މާޒް ސަލީމް) ގެ ވީޑިއޯ އާއި އޯޑިއޯ ތަކަކާއެކު ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންގެ މުއައްސަސާއަށް ސިޓީއެއް ފޮނުވީ ކޮން މަގުސަދެއްގައިތޯ ސާފުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެ އޮފީހުގައި އެދިއްޖެ އެވެ.
އެކަމާ ގުޅޭގޮތުން އަދަދު އާ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވީ މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އިރުޝާދު ނުދޭ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން އިއްޔެ ބުނެފައި ވާތީ، އެ އޮފީހުން ފުލުހުންގެ މުއައްސަސާއަށް ސިޓީ އާއި އޯޑިއޯ އަދި ވީޑިއޯ ފޮނުވީ ކޮން ބޭނުމެއްގައިތޯ ސާފުކޮށްދިނުމަށް މިހާރު އެދިފައި ވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވާނެ މިހާރު އޮމްބަޑްސްޕާސަންގެ އޮފީހަށް ސިޓީއެއް ފުލުހުންގެ ފަރާތުން ފޮނުވާފައި އޭގައި އެ ބޭފުޅުން އެދިލެއްވީ ކޮންކަމެއްތޯ ޔަގީން ކޮށްދެއްވާށޭ، ދެން އެ ބޭފުޅުން އެ ހުށަހަޅުއްވަނީ ތަހުގީގެއް ކުރަން ނޫން ކަމަށްވާ ނަމަ، ފުލުހުން އެ ތަހުގީގު ހުއްޓައިލަންތާ ޖެހޭނީ، އެ ބޭފުޅުން ހުށަހެޅި މައްސަލައެއް އަޅުގަނޑުމެން ބަލަބަލައި ތިއްބާ އެ ބޭފުޅުން ހުށަނާޅަމޭ ބުނެފިއްޔާމުން ދެން މައްސަލަ ނުބަލާނެ،" އިހުސާން ވިދާޅުވި އެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސްގެ ދަރިކަލަކު ވޭޕް ކުރާ ވާހަކަ ދެއްކި މުޒާހަރާއާ އެ އޮފީހުގެ ސަމާލުކަމަށް އައުމުން ފުލުހަށް ފޮނުވި ސިޓީގައި، ދެން އަމަލުކުރަންވީ ގޮތެއް ނުވަތަ ތަހުގީގެއް ކުރުމަށް އެދިފައި ނުވާ ކަމަށެވެ.
"މި އޮފީހުގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި، އެ އިދާރާއިން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް، އަދި މިކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައެއް ނުވާނެ،" އެ އޮފީހުގައި ބަޔާނުގައި ބުންޏެެވެ.
އޭގެ ބަދަލުގައި ފުލުހުންނަށް ފޮނުވި ސިޓީގައި އެދިފައި ވާނީ، މުޒާހަރާތަކުގައި ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުުކުރެވޭނެކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް އޮމްބަޑްސްޕާސަން އޮފީހުން ބުނެފައިވެ އެވެ.
އިހުސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ތަހުގީގީ އިދާރާއެއް ކަމަށެވެ. އެހެންކަމުން މައްސަލައަކާ ގުޅިގެން އެ މުއައްސަސާއަށް ކަމެއް ހުށަހެޅިއްޖެ ނަމަ އެކަން ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީގައި މި އިންނަނީ ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު އާންމު ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށް އެދި ދަންނަވަމެވެ، އެހެންވީމާ ފުލުހުންގެ މުއައްސަސާއަށް އެކަހަލަ ކަންކަން ކުރާއިރުގައި އެއާ ގުޅޭ ވީީޑިއޯ އާއި އޯޑިއޯ ފޮނުވީމާ ތަހުގީގު ކުރާނެ ދެއްތޯ؟،" ޖިނާއީ ތަހުގީގު ހިންގަން ފެށި ސަބަބު ސާފުކޮށްދެއްވަމުން އިހުސާން ވިދާޅުވި އެވެ.
މި މައްސަލައަށް އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން ކޯޓުން އަމުރުކުރި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.
އެކަން ސާފުކޮށްދެމުން ފުލުހުން އިއްޔެ ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ އަމުރުގައި އޮތީ އެ ދެ މީހުންގެ ޖިންސީ ގުނަވަނެއްގެ ފޮޓޯ ނުނެގޭނެ ވާހަކަ ކަމަށެވެ. އަދި އެ އަމުރުގެ ދަށުން އެއްވެސް މީހަކު ބަރަހަނާކޮށްގެން ފޮޓޯ ނުނަގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަންދީ އާއި މާޒް ސަލީމްއާ ގުޅޭ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހުން ސިޓީ ފޮނުވި މަގުސަދު ސާފުކޮށްދޭން ފުލުހުން އެދިއްޖެ މަންދީ އާއި މާޒް ސަލީމްއާ ގުޅޭ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހުން ސިޓީ ފޮނުވި މަގުސަދު ސާފުކޮށްދޭން ފުލުހުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ