ހަމާސްގެ ބިންގަރާސްކަމަށް ބުނެ ފޭކު ފޮޓޯތައް ނެރުނުކަމަށް އިސްރާއީލު އެއްބަސްވެއްޖެ

ތެލްއަވީވު (22 އެޕްރީލް 2025) : ޣައްޒާގައި އިސްރާއީލު ކުރަމުން ގެންދާ ހަނގުރާމައިގައި ހަމާސްގެ މައްޗަށް ކާމިޔާބު ނުހޯދުމުގެ އިތުރުން ހަމާސްގެ ބިންގަރާސްވެސް ނުހޯދޭތީ އިސްރާއީލު ސިފައިން އަމިއްލައަށް ބިންގަރާހެއް ހެދުމަށްފަހު އެއީ ހަމާސްގެ ބިންގަރާހެއްގެ ގޮތުގައި ދައްކައި އޭގެ ފޮޓޯތަކެއް އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ އަހަރު އާންމުކޮށްފައިވާނެކަމަށް އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނެފިއެވެ. އިސްރާއީލުގެ ރަސްމީ މީޑީއާ އޮތޯރިޓީ ކަމަށްވާ "އިޒްރޭލީ ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ގަލަންޓް ބުނީ ޣައްޒާގެ ފިލެޑެލްފިޔާ ސަރަހައްދުން ހަމާސްގެ ބޮޑު ބިންގަރާހެއް ފެނިއްޖެކަމަށް ބުނެ މިދިޔަ އަހަރު އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ފޮޓޯތަކަކީ ފޭކު ފޮޓޯތަކެއް ކަމުގައެވެ. ގަލަންޓް ބުނިގޮތުގައި އެއީ ހަމާސްގެ މައްޗަށް ކާމިޔާބެއް ހޯދުނުކަން ދެއްކުމަށާއި އަސީރުން މިނިވަންކުރުމަށް ހަމާސް އާއެކު އެއްބަސްވުމަކަށް ދިޔުމަށް ހުރަސްއެޅުމުގެ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ރާވައިގެން ކުޅުނު ޑްރާމާއެކެވެ. ގަލަންޓް ބުނިގޮތުގައި ހަމާސްގެ ބިންގަރާހެއްކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓްމަހު އިސްރާއީލުގެ އަސްކަރިއްޔާއިން ދެއްކި ފޮޓޯތަކުގައިވަނީ ޣައްޒާގެ ފިލެޑެލްފިޔާ ސަރަހައްދުގައި އިސްރާއީލު ސިފައިން އަމިއްލައަށް ކޮނުނު ވަޅުގަނޑެކެވެ. އެއީ ހަމާސްގެ ބިންގަރާހެއް ނޫނެވެ. އެދުވަސްވަރު އިސްރާއީލުގެ ދިފާއީ ވަޒީރަކަށް ހުރީ ގަލަންޓެވެ. އިސްރާއީލުގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހަމާސްގެ ތިން ބުރީގެ އާދަޔާ ޚިލާފު ބިޔަ ބިންގަރާހެއް ފެނުނު ކަމަށް ބުނެ އިސްރާއީލުން ފޮޓޯތައް ހާމަކުރި ތަނަކީ އެއް މީޓަރު ފުނަށް އިސްރާއީލު ސިފައިން ކޮނެފައިވާ ވަރަށް އާދައިގެ ވަޅުގަނޑެއްކަމަށް ގަލަންޓް ބުންޏެވެ. އެގޮތަށް ދޮގު ހަދައި ފޭކު ފޮޓޯތައް ނެރުނީ އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމަކަށް ނުގޮސް ހަނގުރާމަ ދިގުދަންމާލުމުގައި ބޭނުމުގައި ކަމަށާއި އެ ފޭކު ފޮޓޯތަކުގެ ސަބަބުން އެކަން އިސްރާއީލަށް ފަސޭހައިން ކާމިޔާބު ކުރެވުނު ކަމަށް ގަލަންޓް ބުނެފައިވެއެވެ. ގަލަންޓް އިތުރަށް ބުނިގޮތުގައި މިފަދަ އެތައް ފޭކު އެއްޗެއް ހަމާސް އާ ދެކޮޅަށް އިސްރާއީލު ސިފައިން ވާނީ ނެރެފައެވެ. ގަލަންޓް ބުނިގޮތުގައި ޣައްޒާގެ އާންމުން މެރުމާއި ޣައްޒާގެ އިމާރާތްތައް ބިމާ ހަމަކޮށްލުމުގައި އިސްރާއީލަށް ކާމިޔާބު ލިބުނު ނަމަވެސް ހަމާސްގެ މައްޗަށް ފާހަގަ ކޮށްލެވޭފަދަ އަސްކަރީ ކާމިޔާބެއް އަދިވެސް އިސްރާއީލު ސިފައިންނަށް ހޯދިފައެެއް ނުވެއެވެ. މިއީ ޣައްޒާގެ ދޮޅު އަހަރަށްވުރެ ދިގުލީ ހަނގުރާމައިގައި ހުރިހާ ވަސީލަތްތަކަކާއި އެމެރިކާގެ އެއްބާރުލުން ލިބިގެން ވެސް އިސްރާއީލު ސިފައިންނަށް ކުރިމަތިވެފައިވާ ހިތްދަތި ހަގިގަތެއްކަމަށް އޭނާ ސިފަކުރިއެވެ. ހަމާސް ބަލި ނުކުރެވުމާއި ހަމާސްގެ ބިންގަރާސްތައް ހޯދުމުގައި ކާމިޔާބު ނުލިބުމާއި ހަމާސްގެ ވެރިކަން ޣައްޒާއިން ނެތިކޮށްލުމުގައި ނާކާމިޔާބު ވުމާއި އަސީރުން ތިބި ތަންތަން އޭއައި ބޭނުންކޮށްގެންވެސް އަދި ސެޓަލައިޓް އާއި ޖާސޫސީ ޑްރޯންތައް ބޭނުންކޮށްގެންވެސް ހޯދިފައި ނުވުމަކީ އިސްރާއީލަށް ކުރިމަތިވެފައިވާ މާޔޫސްވާން ޖެހޭވަރުގެ ބޮޑު ނާކާމިޔާބެއް ކަމަށް ގަލަންޓް އެއްބަސްވިއެވެ. އިސްރާއީލުގެ ކުރީގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އިސްހާގް ބްރޭކް އިއްޔެ ބުނިގޮތުގައި ހަމާސްގެ ބިންގަރާތްތަކުގެ ތެރެއިން 10 އިންސައްތަ ބިންގަރާސް ވެސް އަދި އިސްރާއީލު ސިފައިންނަށް ހޯދިފައެއް ނުވެއެވެ. ދޮޅު މަސްވަންދެން ބޮންއަޅައި 60,000 އަށްވުރެ ގިނަ އާންމުން މެރިނަމަވެސް ޣައްޒާގެ ބޮޑުބައި އަދިވެސް އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ނޫންކަން އޭނާ ފާހަގަ ކުރިއެވެ. އިސްރާއީލަށް ޣައްޒާގައި އަސްކަރީ ގޮތުން ކާމިޔާބު ނުލިބޭތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލު ގެންދަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި އާންމުންނާ ދެކޮޅަށް ވަރަށް އަނިޔާވެރި ލާއިންސާނީ ގަތުލުއާންމުތަކެއް ހިންގައި ފުޅާދާއިރާއެއްގައި ޓެރިރިޒަމްގެ އަމަލުތައް ހިންގަމުންނެވެ. އިސްރާއީލުގެ ޓެރަރިޒަމާއި ގަތުލުއާންމުތައް ސްޕޮންސާ ކުރަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި އެހެން ގައުމުތަކަށް ފިލާވަޅުދީ ޑިކްޓޭޓްކޮށް ހަދަމުން ގެންދާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ