ބަނޑިދޫގައި 50 ޓަނުގެ އައިސްޕްލާންޓެއް އަޅަނީ؛ ރައީސް ވިދާޅުވީ ބާރު ސްޕީޑުގައި ނިންމާނެ ކަމަށް
ދ. ބަނޑިދޫގައި މިއަދު ބިންގާ އެޅި އައިސްޕްލާންޓްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ވަނީ ބަނޑިދުއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނުވަނީ، ބަނޑިދޫ އައިސްޕްލާންޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ. އެ އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މިފްކޯއިން ވަނީ 50 ޓަނުގެ އައިސް ރައްކާ ކުރެވޭ، ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ ކާރުޚާނާއެއް ކަމަށް ބުނެފައެވެ. އެ މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ 240 ދުވަހުންނެވެ. ބަނޑިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މަސްވެރިކަން ކުރިއެރުވުމުގައި އެ މަނިކުފާނު ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ. "މިއަދު އަޅުގަނޑުމެން މިވަނީ އައިސްޕްލާންޓުގެ މަސައްކަތް ފަށާފައި. އެއީ ވެސް ހަމަ މި ދެންނެވި ގޮތަށް މަސްވެރިކަމަށް ޚާއްސަކޮށް، މި ރަށުގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އޭގެއިން ވަރަށް ބޮޑު ނަފައެއް ލިބޭނެ ކަމެއް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގޮސް ނިމޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ. ބަނޑިދޫ އައިސްޕްލާންޓްގެ ބިންގާ އެޅުން: ބިންގާ އަޅުއްވައިދެއްވީ ފިޝަރީސް މިނިސްޓަރު ޝިޔާމް -- ފޮޓޯ/ މިފްކޯ މީގެ އިތުރުން، ރަށުގެ މަސްވެރިންނަށް، ޚާއްސަކޮށް އޮޑިވެރިންނަށާއި ކުދި ދޯނިތައް ބޭނުންކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ރަށުގެ ބޭރު ތޮށި ބަދަލުކޮށްދިނުމަށާއި ޖާގަ އިތުރުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ބޭރުތޮށި ބަދަލުކުރުމުން ލިބެނީ އިތުރު ޖާގައެއްކަމަށާއި އޭގެ ފައިދާ ވަރަށް ބޮޑު ވާނެކަން ރައީސް ވިދާޅުވިއެވެ. އަދި އެއީ ބޭކާރު ޚަރަދު ނޫންކަމަށާއި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ދިގުރާސްތާއަށް ބަލާއިރު ކުރެވޭ އިންވެސްޓްމެންޓަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ