ފްލޮރެންސް، އިޓަލީ (ފެބްރުއަރީ 24) - އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާ އަތުން 1-0 އިން ފިއޮރެންޓީނާ ބަލިވި މެޗުގައި، އެ ޓީމުގެ ފޯވާޑް މޮއިސް ކީން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުމުން ހޮސްޕިޓަލަށް ގެންދިޔައިރު، ފަރުވާ އަށް ފަހު ދޫކޮށްލައިފި އެވެ.
ވެރޯނާގެ ޑަވިޑޯޒިޗްގެ ކަކުލުގައި ކީން ބޯ ޖެހުނު ފަހުން ވެސް އޭނާ ހަ ވަރަކަށް މިނިޓް ކުޅުނެވެ. އެކަމަކު، މެޗުގެ 64 ވަނަ މިނިޓްގައި ކީން، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާ އެކު، ވަގުތީ ފަރުވާ ދިނުމަށް ފަހު، އަށިގަނޑުގައި ދަނޑުން ބާލައި، އެމްބިއުލަންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ފިއޮރެންޓީނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކީންގެ ޓެސްޓްތައް ހެދުމަށް ފަހު، ފުރާނަ އަށް ނުރައްކާވާވަރުގެ މައްސަލަތަކެއް ނެތުމާއި ޖުމްލަކޮށް، ނަތީޖާތައް ރަނގަޅުވުމުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
ހަތަރު ދުވަސް ފަހުން، ފިއޮރެންޓީނާ އިން ދެން އެންމެ އަވަހަށް ކުޅެން ޖެހޭ މެޗު އޮތްއިރު، ކުރިން އެވަޓަން އާއި ޔުވެންޓަސް އަށް ކުޅުނު ކީން އަށް އެެ މެޗުގައި ފިއޮރެންޓީނާ އަށް ނުކުޅެވޭނެ އެވެ. ފިއޮރެންޓީނާ އޮފިޝަލަކާ ހަވާލާދީ އިޓަލީގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ކީން އެނބުރި ކުުޅުމަށް އާދެވޭނީ މަދުވެގެން ދެ ހަފްތާ ފަހުންނެވެ.
މިއީ، މި ސީޒަނުގައި ފިއޮރެންޓީނާ ކުޅުންތެރިއަކު ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު ދެ ވަނަ ފަހަރެެވެ. އިޓާލިއަން ލީގުގައި، މިދިޔަ ޑިސެމްބަރު މަހު އެއް ވަނަ ދުވަހު، އިންޓަ މިލާނާ ދެކޮޅަށް ކުޅެނިކޮށް، ފިއޮރެންޓީނާގެ މިޑްފީލްޑަރު، އެޑޮއާޑޯ ބޯވް، ހޭނެތިގެން ދަނޑުމައްޗަށް ވެއްޓި، ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުމުން މެޗު ނުކުޅެ ހުއްޓާލީ އެވެ.
ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުނު ކީން ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުނު ކީން ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ