އުއްމީދަކީ މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދިނުން، ދަފުތަރަކީ ފުރަތަމަ ފިޔަވަޅު: ރައީސް
މުސްތަގުބަލުގައި މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އުއްމީދު ކުރައްވާ ކަމަށާއި، މަސްވެރިންގެ ދަފުތަރު އެކުލަވައިލުމަކީ އެ މަސައްކަތަށް ޓަކައި އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސްވަނީ، މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މި އަހަރު ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ލިބޭނެކަން ފާހަގަކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ގާނޫނީ ގޮތުން ފަހިކޮށްގެން އެހެން ފަންނުތަކުގެ މީހުންނަށް ވެސް ރޯދަ އިނާޔަތް ދޭން ބޭނުންފުޅުވާ ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި ނިޒާމުގެ ތެރެއިން މަސައްކަތެއް ކުރާ މީހަކަށްވިއްޔާ، ދިވެއްސެއްވިއްޔާ، މުސްލިމެއްވިއްޔާ ރޯދަ އިނާޔަތް ދޭން ޖެހޭނެ. އެހެންވީމަ އެ ހިސާބަށް ވާސިލުވުމުގެ ތެރެއިން ކުރެވޭ ކަންކަން މިދަނީ. އެހެންވީމަ މިއީ އަޅުގަނޑުގެ ވިސްނުމަކީ،" ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން، މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހަދަން ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން ފަހިކުރުމަށް ޓަކައި ކުރިއަށްގެންދާ މަރުހަލާތަކުގެ ފުރަތަމަ ފިޔަވަޅަކީ ދަފުތަރު ތައާރަފު ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "މަސްވެރިންނަކީ ކޮންޓިނުއަސް ރެގިއުލާ އިންކަމެއްއެއް ލިބޭ ބަޔެއްކަން ބޭންކިން ނިޒާމު ނުދަނޭ މިހާ ދުވަހު. އެހެންވީމަ އަޅުގަނޑުމެން ގާނޫނީ ގޮތުން ބަލައިގަންނަ ދަފުތަރެއް މި އުފެއްދީ އެކަމުގެ އުސޫލު ގެޒެޓުކޮށްގެން،" ރައީސް ވިދާޅުވިއެވެ. އެ ދަފުތަރުގައި ޖެހޭ މީހުންނަށް ބޭންކުން ލޯނު ނެގުން ފަދަ ކަންތައްތައް ފަހިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "އަޅުގަނޑު އުއްމީދު ކުރަނީ، އަޅުގަނޑު ދެކެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ ހަމަ ރޯދަ އީނާޔަތް ވެސް ލިބޭ ބަޔަކަށް [މަސްވެރިން] އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ. މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް "ކެޔޮޅު"ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެޕްލިކޭޝަނެއް ތައާރަފުކޮށް، ހުރިހާ މަސްވެރިން ވެސް ރަޖިސްޓްރީވުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އެދިފައެވެ. މަސްވެރިންގެ ދަފުތަރު އެކުލަވައިލުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށުމަކީ ރައީސްގެ ވައުދުފުޅަކަށްވާއިރު، އެފަދަ ފުރަތަމަ ޕޭމަންޓުވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު ޖަމާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ