ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި

ހައުސިންގ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ބަދަލުގައި، ރައްޔިތުން ބޭނުންވާނަމަ އެ ފަރާތްތަކުގެ އަމިއްލަ ގޯތީގައި ގެ އަޅައިދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މީދޫގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިންގ ޔުނިޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. "މި ޕްރޮޖެކްޓުގައި މިއަޅަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް. އޭގެ ބައެއް ކަނޑައެޅިދާނޭ ރައްޔިތުން ބޭނުންވާނަމަ ބޭނުންވާ ރައްޔިތުންގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅާދެވިދާނޭ،" ރައީސް ވިދާޅުވިއެވެ.
މި ފުރުސަތުގެ ދަށުން ގެ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަމަޟާން މަހުގެ ނިޔަލަށް އެކަން ސަރުކާރަށް އަންގަން ޖެހޭނެއެވެ. އަދި މިގޮތަށް އެދޭ ފަރާތްތަކަށް އިސްކަންދީގެން މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ގެދޮރުވެރިކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މި އައު އޮޕްޝަނަކީ ރައްޔިތުންނަށް އިތުރު ފުރުސަތެއް ހޯދައިދިނުމަށް ހުޅުވާލެވޭ ދޮރެއް ކަމުގައެވެ. އަދި އަމިއްލަ ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްފަހު، ބާކީ ހުންނަ ހައުސިންގ ޔުނިޓްތައް އެޅުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ