މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު ނުދެއްވާނަން: ރައީސް

މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދ. މީދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، މިއީ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ދެކި، އެއްހާހާއި ދެހާސް އިންސައްތައިގެ ފައިދާ ބަޔަކު ނަގަމުން ގެންދިޔައެވެ.
ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން ދަތިކުރުމުގެ މަސައްކަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. "މެޑިކަލް މާފިއާއެއް އުފައްދައި ރައްޔިތުންނަށް އުނދަގޫކުރުމުގެ ޖާގައެއް ނުދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، އަންނަ މާރިޗު 15 ގެ ކުރިން އެސެންޝިއަލް ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މި ތާރީޚުން ފެށިގެން އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއްނެތި ލިބެން ހުންނާނެކަމަށާއި، އޭޕްރީލް މަހާއެކު އިތުރު މައްސަލަތައްވެސް ހައްލުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގެ ސީރިއަސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުޑަ ބޭސްފިހާރައެއް ހިންގަމުންދިޔަ ފަރާތްތަކުން އަހަރެއްގެ ތެރޭގައި ބޮޑެތި އެހެން ވިޔަފާރިތައް ފަށާފައިވާކަން ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގެ ޚާއްސα އެހީތެރިކަމާއެކު އެސްޓީއޯއިން މިހާރު ދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
"އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ