މާލެ ސަރަހައްދުގެ އިތުރުން މާލެ އަތޮޅުގެ 3 ރަށެއްގައިވެސް ވިއްސާރާގައި ގެއްލުންވެ ފެންބޮޑުވެފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އަދި މި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ގޯސްކޮށް ފެންބޮޑުވެފައިވަނީ ހުރާ، ހިންމަފުށި އަދި ގުރައިދޫގައެވެ. "މިވަގުތު މާލެ އެކަންޏެއް ނޫން. މާލެ ސަރަހައްދުގެ އެހެން ރަށްތައްވެސް ވަރަށް ގޯސް. މާލެ އަތޮޅު ހުރާ އެއްކޮށްކަހަލަ ގޮތަކަށް ފެނު އަޑީގައި،" ވަޒީރު ވިދާޅުވިއެވެ.
މި ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޓީމުތައް ދަތުރުކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފް ގުޅިގެން އެކި ސަރަހައްދުތަކުގައި ޑީވޯޓަރިން ޕަންޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އިރުޝާދު ދެއްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތާ ގުޅިގެން ސަރުކާރުގެ އިލްތިމާސަކީ ކަމާ ގުޅުންހުރި އިދާރާތަކުން ނެރޭ އިލްތިމާސްތަކަށް ރައްޔިތުން ސަމާލުކަން ދިނުން ކަމަށްވެސް ވަޒީރު އާދަމް ޝަރީފް އުމަރު ފާހަގަކުރެއްވިއެވެ.
ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން މާލެ އަތޮޅުގެ 3 ރަށަކަށް ވެސް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން: ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ