ފަނޑިޔާރުންގެ މައްސަލަ ބަލަމުން ދަނިކޮށް ޖުޑީޝަރީ ކޮމިޓީގެ މެންބަރަކު ބަދަލުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ބަލަމުން ދަނިކޮށް ކޮމިޓީގައި އިންނަވާ މެންބަރަކު ވެރިކަންކުރާ ޕީއެންސީން ބަދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.    
އެ މައްސަލާގައި ކޮމިޓީން އަދި ބޭއްވީ އެންމެ ބައްދަލުވުމެކެވެ. އިތުރު ބައްދަލުވުމެއް ނުބޭއްވެނީސް ބަދަލެއް ގެނައިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއުލާންކުރެއްވި އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވި ގޮތުގައި ޖުޑީޝަރީ ކޮމިޓީއަށް ގެންނެވި ބަދަލަކީ:
ކޮމިޓީގައި ކުރިން އިންނެވި ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަކިކުރެއްވުން
ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހަމަޖެއްސެވުން
ކޮމިޓީތަކުގައި ޕާޓީއަށް ލިބޭ ސްލޮޓްތަކަށް މެންބަރުން ކަނޑައަޅަނީ އެ ޕާޓީއަކުންނެވެ. ދޭތެރެއަކުން ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ޕާޓީން ބަދަލު ވެސް ކުރެ އެވެ.
ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ފުރަތަމަ ކަމަކަށް މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ދިރާސާކުރުމަށެވެ. ތުހުމަތުވާ ފަނޑިޔާރުންނާއި ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެންބަރުން ހާޒިރުކުރުމާ މެދު ގޮތެއް ނިންމާނީ އެއަށް ފަހު ކަމަށެވެ.
ފާހަގަކޮށްލެވޭ - ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފައިވެ އެވެ. އޭގެ ކުރިން ވެސް މި މައްސަލަ ބެލުމަށް އަޒްމިރަލްދާ އެދިވަޑައިގަތުމުން މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވެ އެވެ.
ފަނޑިޔާރުކަމުން ވަކިކުރުމަށް އިޖުރާއަތް އޮންނަ ގޮތަކީ:
ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިން ބައިކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުން
ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން:  
މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލަން ފެށި އެވެ. އެ މައްސަލަތަކަކީ:
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ