އިގުތިސާދު ނަގަހައްޓަން ވޯލްޑް ބޭންކުން ލަންކާއަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް

ކޮލަންބޯ (8 މެއި 2025): ސްރީލަންކާގެ އިގުތިސާދު ނެގެހެއްޓުމަށްޓަކައި އެ ގައުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޭގޮތަށް ހަމަޖެހިފައިވާކަން ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހުއެވެ. ކޮވިޑަށް ފަހު، 2022 ވަނަ އަހަރު ސްރީލަންކާއަށް ކުރިމަތި އިގުތިސާދީ އަދި މާލީ ބަނގުރޫޓުވުމުން އަރައިގަތުމުގައި އެ ގައުމުމް މިހާރު ކާމިޔާބު ހޯދާފައިވީ ނަމަވެސް އަދިވެސް ސްރީލަންކާގެ އިގުތިސާދު އޮތީ ބަލިކަށި ހާލަތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން އައިއެމްއެފްއާއި ވޯލްޑް ބޭންކް ފަދަ ހުޅަނގުގެ ކޮންޓްރޯލް އޮންނަ ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ ޕްރެޝަރުތަކާ އެކު ސްރީލަންކާގެ ޕަބްލިކް ސެކްޓަރުގެ ވަޒީފާތައް މަދުކޮށްފައިވާއިރު ޕްވައިވެޓް ސެކްޓާގެ ހާލަތު ވެސް ވަރަށް ދަށެވެ. ނަތީޖާއަކީ ވަޒީފާ ނެތް މީހުންގެ ނިސްބަތް މަތިވެ، މިކަމުގެ ސަބަބުން ފަގީރުކަމުގެ ނިސްބަތް ވަރަށް ބޮޑުވުމެވެ. އިގުތިސާދު ބަނގުރޫޓުވުމާ އެކު ކުދި ވިޔަފާރިތައް އިނދަޖެހުނު ގޮތަށް އަދިވެސް ގިނަ ވިޔަފާރިތަކަށް އެކަމުން އަރައިގަނެވިފައެއް ނުވެއެވެ. ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވޯލްޑް ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އެ ބޭންކުން ސްރީ ލަންކާއަށް ލޯނު ދެނީ އެ ގައުމަށް ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. މީގެ ތެރޭގައި ގައުމަށް އާމްދަނީ އިތުރުކޮށްދޭ ބާވަތުގެ ވަޒީފާތައް އުފެއްދުމާއި ޕްވައިވެޓް ސެކްޓާގެ ވިޔަފާރިތައް އިތުރަށް ކުރިއެރުވުން ހިމެނެއެވެ. ގައުމަށް އިތުރު އާމްދަނީ ލިބޭނެ ވަޒީފާތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ސިނާއީ އުފެއްދުތެރިކަމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ސްރީލަންކާގެ ރަށްފުށުގެ ތަރައްގީއަށް ބޭނުންވާ މަދަނީ ބައެއް އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި މިހާރު ހުރި ބައެއް އިންފްރާސްޓްރަކްޗާ މަރާމާތުކުރުމަށް ވެސް މި ލޯނު ބޭނުން ކުރެވޭނެއެވެ. ވޯލްޑް ބޭންކުން ސްރީލަންކާއަށް ލޯނު ދޭނީ ބައިތަކަކަށް ބަހާލައިގެން ތިން އަހަރު ދުވަހުގެ ތެރޭގައެވެ. ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވި ގޮތުގައި ވޯލްޑް ބޭންކުން ދޭ މި ލޯނުގެ ސަބަބުން ސްރީލަންކާގެ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަންގެ ދާއިރާފަދަ ދާއިރާތަކުގައި އިތުރު ވަޒީފާތައް އުފެދޭނެއެވެ. އަދި، ކުދި ވިޔަފާރިތަކަށް އިތުރު މާލީ އެހީތެރިކަން ވެސް ލިބޭނެއެވެ. މިކަމުގެ ސަބަބުން އިގުތިސާދު ރަނގަނޅުވެ، ފަގީރުންގެ ނިސްބަތް ދަށަށްދާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ވޯލްޑްބޭންކުން ސްރީލަންކާއަށް ދޭ އެއް ބިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން 200 މިލިއަން ޑޮލަރު އިންވެސްޓުކުރުމަށް ރާވާފައިވަނީ ފަތުރުވެރިކަން ތަރައްގީކުރުމަށެވެ. އިތުރު ހޮޓާތަކާއި ގެސްޓް ހައުސްތައް ބިނާކުުރުމަށެވެ. އަދި، 185 މިލިޔަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހަކަތައިގެ ދާއިރާގެ ތަރައްގީއަށެވެ. ސަރަޙައްދީ ތަރައްގީއަށާއި އުމްރާނީ ތަރައްގީ ނުވަތަ އިންފްރާސްޓްރަކްޗާއަށް 200 މިލިޔަން ޑޮލަރެވެ. ދަނޑުވެރިކަން ތަރައްގީ ކުރުމަށް 100 މިލިޔަން ޑޮލަރެވެ. ބާކީ ފައިސާ ކުދި ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށެވެ. ވޯލްޑް ބޭންކުގެ މި ލޯނުގެ ސަބަބުން ފަސް އަަހަރު ތެރޭގައި ގާތްގަނޑަކަށް ތިން ލައްކަ ވަޒީފާ އުފެއްދޭނެ ކަމަށް ސްރީލަންކާ ސަރުކާރާއި ވޯލްޑް ބޭންކުން އަންދާޒާ ކުރެއެވެ. މި އަހަރު ސްރީލަންކާގެ އިގުތިސާދު ފަސް އިންސައްތާގައި ކުރިއަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ