ސާޖިދާ އެދިވަޑައިގަތް ނަމަވެސް ކޯޓުން ނިންމީ އަޑުއެހުންތައް ލައިވްނުކުރަން

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް, ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު, ކުރެއްވި ދައުވާގެ ޝަރީއަތް ލައިވްކޮށްދިނުމަށް އެކަމަނާ އެދިވަޑައިގަތް ނަމަވެސް، ސިވިލް ކޯޓުން ލައިވްނުކުރުމަށް މިއަދު ނިންމައިފިއެވެ. ސާޖިދާ މުޙައްމަދު, މަންދީގެ މައްޗަށް ދައުވާ ކުރައްވަނީ އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ. މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށް ވެސް ސާޖިދާ ވަނީ ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ދައުވާ އުފުއްލައިފައެވެ. ސިވިލް ކޯޓުން މައްސަލައިގެ ޝަރީއަތް ފަށާފައިވާއިރު، ފަސްޓް ލޭޑީ ސާޖިދާގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ކޯޓު މަރުހަލާގައި ކުއްޖާގެ ކަރާމާތާއި ސިއްރު ހިފެހެއްޓުމަށް ރިއާޔަތްކުރުމަށް ފަހު، މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ޓީވީއިން ލައިވްކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ ކަމަކަށް ވުމުން، ސިވިލް ކޯޓުން ނިންމީ ޝަރީއަތްތައް ލައިވްނުކުރުމަށެވެ. އަދި ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމުގެ އަސާސް ނެގެހެއްޓުމުގެ ގޮތުން ޝަރީއަތުގެ އެންމެހާ އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔުމަށް ނިންމީކަން ކޯޓުގެ ހުކުމުން އެނގެއެވެ. ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު -- ސަން ފޮޓޯ/ މާނިއު މުޙައްމަދު ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކުރިން ވިދާޅުވީ، މައްސަލަތައް ހުށަހަޅިފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެ ކުދިންގެ ތަޢުލީމާއި މުސްތަގުބަލު އަދި ނަފުސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށެވެ. އެމްޑީޕީންވަނީ މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފެމިލީ ކޯޓުން ވެސް ވަނީ އޭޕްރީލް 30، 2025ގައި މަންދީއާ ދެކޮޅަށް, ސާޖިދާ ކުރެއްވި ދައުވާގެ އިބްތިދާއީ މަރުހަލާ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ