މާރިޗުމަހާއި އޭޕްރީލް މަހުގެ ކަރަންޓުބިލުގައި އެއް އަދަދެއް އޮތީ އޭޕްރީލް މަހަށްވެސް ޑިސްކައުންޓު ދިނުމުން: ސްޓެލްކޯ
އޭޕްރީލް މަހުގެ ކަރަންޓު ބިލު މާރިޗު މަހުގެ ބިލާ އެއް އަދަދެއްގެ ގޮތުގައި އޮތީ އޭޕްރީލް މަހަށްވެސް ޑިސްކައުންޓު ދިނުމުގެ ސަބަބުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފިއެވެ.ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަހަރުގެ މާރިޗު މަހު (ރަމަޟާން މަހު) ކަރަންޓު ބިލަށް ޑިސްކައުންޓު ދިން ފަދައިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށްވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ. މި ޑިސްކައުންޓު ދިނުމުގެ މަޤްޞަދަކީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް ފޯރުކޮށްދިނުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ."އޭޕްރީލް މަހުގެ ކަރަންޓު ބިލު މިކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި، އެ ބިލުގައިވާ 'ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ބިލުގެ އަދަދު މާރިޗު މަހުގެ (ރަމަޟާން މަހު) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ލުއި ދިނުމުގެ ސަބަބުން،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.މި ޑިސްކައުންޓު ދިނުމަކީ ރައްޔިތުންނަށް ކަރަންޓު ބިލުގެ ބުރަ ލުއިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މިކަމުން ގިނަ ރައްޔިތުންނަށް މާލީ ގޮތުން ލުޔެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ