ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗުގައި، ރާއްޖޭން މިއަދު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، ހާލަތުގެ ގޮތުން، ޗެލެންޖް ބޮޑުވެފައިވީ ނަމަވެސް، ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ކުރާނެ ކަމަށް 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ފަށާ ސާފްގެ 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ދަތުރުކުރަން އޮތް ފްލައިޓެއްގެ ޝެޑިއުލަށް އައި ބަދަލެއްގެ ސަބަބުން ކަނޑައެޅި ޕްލޭނާ އެއްގޮތަށް ދަތުރުނުކުރެވި ޓީމު އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހުނެވެ.
ރާއްޖެ ޓީމުން ފުރަތަމަ އޮތީ މުބާރާތުގެ ފުރަތަމަ މެޗު ކުޅުމުގެ ތިން ދުވަސް ކުރިން، ޔޫޕިއާ އަށް ދާ ގޮތަށެވެ. އެކަމަކު، ފްލައިޓް ޝެޑިއުލަށް އައި ބަދަލާ ގުޅިގެން ތިން ގްރޫޕަކަށް ބަހާލައިގެން ދަތުރުކުރަން ޖެހުނުއިރު، ޓީމު އެއްކޮށް ޔޫޕިއާގައި ހަމަވީ، މެޗު ކުޅެން 24 ގަޑިއިރަށް ވުރެ ވެސް ކުޑަ މުއްދަތެއް އޮއްވަ އެވެ.
"ނެތް އަނެއްހެން ބުނަންޏާ ރަނގަޅު ޓްރެއިނިން ސެޝަނެއް ކުރިއަށްގެންދާނެހާ ވަގުތެއް ވެސް. އަހަރެމެން ޓްރެވަލް ކުރަމުން މި އައީ، 20 ގަޑިއިރު މި ތަނަށް އަންނަން، މި ތަނަށް އައިތާ 24 ގަޑިއިރު ނުވަނިސް ފުރަތަމަ މެޗު ކުޅެން ޖެހުން އެއީ، ބޮޑު ޗެލެންޖެއް، އަހަރެމެން އައި ވެސް ތިން ގްރޫޕަކަށް ބެހިގެން. މި ހުރިހާ ކަމެއް މި ގޮތަށް ދިމާވިޔަސް، އިންޝާﷲ އަހަރެމެން މަސައްކަތް ކޮށް، ރަނގަޅު ނަތީޖާއަކާ އެކު މެޗު ނިންމަން މަސައްކަތް ކުރާނަން،" ފްލައިޓް ދަތުރު ނިންމުމަށް ފަހު، މާ ލަސްތަކެއް ނުވެ، ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ޖެހުނު، ޓީމުގެ ކޯޗު ޝާކިއްޓެ ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖޭން ވަނީ، މިއަދު ބަންގްލަދޭޝާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްދޭން ހުށަހަަޅައިފަ އެވެ. އެކަމަކު، ސާފުން އެ ގޮތަށް އެއްބަހެއްނުވި އެވެ. ރާއްޖޭން ހުށަހެޅީ، މިއަދުގެ ދެ ވަނަ މެޗަށް ހަދައިދިނުމަށް ނޫނީ މާދަމާ އަށް ފަސްކޮށްދޭށެެވެ. އެކަމަކު، އެ ދެ ހުށަހެޅުން ވެސް ސާފް އިން ބަަލައިނުގަތެވެ.
ޝާކިއްޓެ ބުނީ، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ޖުމްލަކޮށް ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށެވެ.
"މި ވީ މުއްދަތަށް ބަލާއިރު، އެއް މަހާއި ފަސް ދުވަސް މިވީ. ތައްޔާރީތައް ރަނގަޅަށް ދިޔައީ، ދެން، އެކުވެރިކަމުގެ މެޗުތަކެއް އަހަރެމެން ކުުޅުނިން، ލޯކަލް ޕްރިމިއާ ލީގުގެ ކްލަބްތަކާ ދެކޮޅަށް. ކުޅުންތެރިންގެ ފަރާތުން މި މުއްދަތުގެ ތެރޭގައި ކުރިއެރުން ވެސް ފެނިގެންދިޔަ. ކުޅުންތެރިން ވަރަށް މަސައްކަތް ކުރާތަން އެބަފެނޭ، އެހެންވީމަ، މި ފަހަރު ރާއްޖޭން ތަފާތު ޓީމެއް ފެންނާނެ ކަމުގެ އުންމީދު އެބައޮތް،" ޝާކިއްޓެ ބުންޏެވެ.
އޯ ލެވަލް ޓެސްޓް ދުވަސްވަރާ ދިމާވާތީ، ޓީމަަށް އަރާނެ މުހިންމު ބައެއް ކުޅުންތެރިން ނުލައި އަންނަން ޖެހުނު ނަމަވެސް، ކުރެެވުނު މަސައްކަތުން ރަނގަޅު ސްކޮޑެއް އެކުލަވާލެވުނު ކަމަށް ޝާކިއްޓެ ވަަނީ ބުނެފަ އެވެ.
"ސޯޅަ އަހަރުން ދަށުގެ ޓީމުގައި މިދިޔަ އަހަރު ތިބި ހަތަރު ވަރަކަށް ކުޅުންތެރިން މި އަހަރު މި ތިބީ، ދެން، މުޅިންހެން އާ ޓީމެއް މި އޮތީ، ބޮޑު ޗެލެންޖެއް އެއީ، ވަރަށް ގިނަ އާ ކުޅުންތެރިން ލައިގެން ތައްޔާރުވުން އެއީ، އެކަމަކު، އަހަރެމެންނަށް މެނޭޖް ކުރެވިއްޖެ ރަނގަޅު ސްކޮޑެއް އެކުލަވާލަން، ޔަގީނުން ވެސް މިއީ ޗެލެންޖެއް،" ޝާކިއްޓެ ބުންޏެވެ.
ބަންގްލަދޭޝް އިން ރާއްޖެ މެޗަށް ތައްޔާރުވާން ޔޫޕިއާ އަށް ކުރިން ގޮސް، މުބާރާތް ބާއްވާ ދަނޑުގައި ދެ ޕްރެކްޓިހެއް ވަނީ ކޮށްފަ އެވެ. ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 15:30 ގަ އެވެ.
މި ގްރޫޕްގައި ދެން ހިމެނެނީ ބޫޓާން އެވެ.
ޗެލެންޖު ބޮޑު، ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރާނަން ޗެލެންޖު ބޮޑު، ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ