އެއީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ އައްޝައިހު މުހައްމަދު ޖަމީލު ދީދީ އެވެ. ޖަމީލު ދީދީއަކީ ފާސް ކުރުމެއް ނެތި ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރާއްޖެއިން އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމު ކުރުމަކީ ޖަމީލު ދީދީއަށް ބަލައިގަނެވުނު ކަމަކަށް ނުވި އެވެ. އެ މަނިކުފާނު ދެއްވި ހުކުރު ހުތުބާގައި، މުސްލިމުންގެ ދުޝްމަނު އިޒްރޭލަށް ލައުނަތް ލެއްވުމަށް އެދި ދުވާ ކުރެއްވީ އެވެ. ދެ ހުތުބާގައި ވެސް އެކަމަށް އެދިވަޑައިގަތީ އެވެ.
ރައީސް އިބްރާހީމް ނާސިރަށް އެކަން ހަޖަމެއް ނުކުރެއްވުނެވެ. މިހާރާ ހިލާފަށް އުއްތަމަފަނޑިޔާރު މަނިކުފާނަކީ ރައީސް އައްޔަން ކުރައްވާ ބޭފުޅަކަށް ވުމުން، ރައީސް އިބްރާހީމް ނާސިރު ނިންމެވީ އެއީ އުއްތަމަފަނޑިޔާރު މަނިކުފާނު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށެވެ. ވަގުތުން ޖަމީލު ދީދީއަށް އެންގެވީ ގޭގައި މަޑު ކުރެއްވުމަށެވެ.
ޖަމީލު ދީދީ ވެސް ގޮތް ދޫކުރެއްވީއެއް ނޫނެވެ. ވަގުތުން އިސްތިއުފާ ދެއްވީ އެވެ.
އެއީ އެ ތާރީހެވެ.
މިއީ އޭގެ 50 އަހަރަށް ވުރެ ފަހެވެ. ރާއްޖޭގެ ސަރުކާރުތަކުން ފަނޑިޔާރުގެއަށް އަތް ބޭނުމަކަށް ނިމުމެއް ނާދެ އެވެ. އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ ވިއްސަކަށް އަހަރު ވާން ގާތްވާ އިރު އެކަން ހިނގަނީ، އެެއް އުސޫލަކުން، އެއް ބީދައަކުންނެވެ. ކޮންމެ ފަސް އަހަރަކުންހެން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމުގެ ސަގާފަތަށް ނިމުމެއް ނާދެ އެވެ.
އާ ގާނޫނުއަސާސީއަށް ފަހު އައި ފުރަތަމަ ވެރިކަން، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފަނޑިޔާރުގެ އަތްބާނުއްވައިފަ އެވެ. ސުޕްރީމް ކޯޓުގައި ތަޅުއެޅުއްވި އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު 'ވަގަށް' ނެންގެވި އެވެ.
ދެން އައި ވެރިކަން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރެއްވި އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު ސުޕުރީމް ކޯޓުން ނެރުނު އަމުރަކަށް ތަބައެއް ނުވި އެވެ. 'ފުރާޅުން ޓިނު' ނަގައިގެން ކޯޓަށް ވަން ކަމަށް ބުނި ނަމަވެސް، އެ މަނިކުފާނުގެ އެ ނިންމެވުމަކީ ރަނގަޅަށް ނިންމެވި ނިންމެވުމެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އެހެނީ އެ ހުކުމުން އަމުރުކޮށްފައި ވަނީ ޖަލުގައި ތިބި ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލުމަށް ކަމަށް ވާތީ އެވެ. އެއީ ކޯޓަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެ ހުކުމުން ގޯސްވާ ބަޔަކީ އެއީ އެވެ. އެ މަނިކުފާނުގެ އެ ނިންމެވުން ރަނގަޅުކަން ދަލީލުކޮށްދޭ އަނެއް ކަމަކީ ފަހުން ވެސް އެ ނިންމެވުމަށް އެއްވެސް ފަރާތަކަށް ގޮންޖަހަން ނުކެރުމެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުނެވެ. ކުރިން އޮތް ފަސް ފަނޑިޔާރުންގެ އަދަދު އަނެއްކާވެސް ހަތަކަށް ބަދަލު ކުރެއްވީ އެވެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ބެންޗުގެ ތެރެއިން 'ވަކި ގޮތަކަށް ހުކުމްކުރައްވައިގެން' ޕްރޮމޯޓްވި ފަނޑިޔާރު ފިޔަވައި، ގިނަ ބޭފުޅުންނަކީ ރާއްޖޭގެ ޝަރުއީ ދާއިރާއިން ނެގޭނެ އެންމެ ނަޒާހަތްތެރި އަދި ގާބިލު ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ކްރީމްގެ ކްރީމެވެ.
ޒަމާނުއްސުރެ، ހާއްސަކޮށް ދަށު ކޯޓުތަކުގެ ނިންމުންތަކަށް، ސަރުކާރާއި ބާރު ގަދަ ފަރާތްތަކުން ނުފޫޒު ފޯރުވާ ވާހަކައަކީ އާންމު ވާހަކަ އެކެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ކަނޑައެޅި ބެންޗާ ދޭތެރޭ މައިގަނޑު ގޮތެގައި، އެންމެން ކަހަލަ ގޮތަކަށް ވެސް އިތުބާރު އޮތެވެ. އަދި ނުކިއްސަރު ގޮތަކަށް ދަށު ކޯޓަކުން މައްސަލައެއް ނިންމި ނަމަވެސް، އާހިރު ނަތީޖާ، އާދެ ސުޕްރީމް ކޯޓާ ހަމައަށް އެ މައްސަލައެއް އައުމުން އެ ކަމަކަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އޮތެވެ.
މިނިވަން ފަނޑިޔާރު ގެއެއް ބޭނުންވާ ވަރަށް ގިނަ ސަބަބު އެބަހުއްޓެވެ. އެކަމުގެ ހަގީގީ ފައިދާ ލިބޭ ފަރާތްތަކަކީ އާންމު ރައްޔިތުންނެވެ. ކޮންމެ މީހެއް ވިޔަސް އެ މީހެއްގެ ހައްގު ގެއްލޭ ހިނދު، އިންސާފު ލިބޭނެ ކަމުގެ ޔަގީކަން އޮންނަން ޖެހެ އެވެ. އެ މަރުހަލާތަކުގައި އެންމެ ފަހުން ޓަކިދޭން އޮންނަ ތަނަކީ ސުޕްރީމް ކޯޓެވެ. ގާނޫނީ ވެރިކަން ނަގަހައްޓައި ގާނޫނުއަސާސީ ދެމެހެއްޓުމުގެ އެންމެ ބޮޑު މޭސްތިރިއަކީ ވެސް ސުޕްރީމް ކޯޓެވެ.
މިނިވަން ފަނޑިޔާރުގެއެއް ނެތުމުގެ ހުރިހާ ގެއްލުމެއް ވެސް އޮތީ ރައްޔިތުންނަށެވެ. އެ ފަނޑިޔާރު ގެއަކީ މިނިވަން ތަނަކަށް ނުވެއްޖެ ނަމަ، އަދުލު އިންސާފުގެ ދޮރު ބަންދުވެ، ގާނޫނުއަސީސީގެ ބާރު ކެނޑި، ރައްޔިތުންގެ މެދުގައި ހަމަހަކަން ގެއްލޭނެ އެވެ. ގަދަ މީހާ ގަދަ ވާނެ އެވެ. އަދި ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވެ، ޗެކްއެންޑް ބެލެންސް ފުނޑުފުނޑުވެ، ކަރޮޕްޝަންގެ މޫތައް މުޅި މުޖުތަމުގައި އަށަގަންނާނެ އެވެ.
އެހެނަސް، މި ފަހުން މި ވަނީ އަނެއްކާވެސް ސުޕްރީމް ކޯޓަށް ރޯޅިއެއް އަރުވާލައިފަ އެވެ. މި ފަހަރުގެ ރޯޅިއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލޮޅުމެއް އަރައިފާނެ ކަމަށް ގަބޫލު ކުރެއްވިގެން އެޅުއްވި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
ހަގީގަތުގައި އެއީ އެ މަނިކުފާނުގެ ސަރުކާރަށް ލޮޅުން އަރަން ޖެހޭ މައްސަލައެއް ވެސް ނޫނެވެ. އެހެނީ ބަޔަކު ކޯޓުގައި ވަކާލާތު ކުރީ، ޕާޓީއެއްގައި ތިބޭ ދެތިން މީހަކު އެއްވެލާފައި ރައްޔިތުން އިންތިހާބު ކުރި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވިދާނެތޯ ނުވަތަ ނޫންތޯ އެވެ.
ތެދެކެވެ؛ އެކަން ކުރުމުގެ ބާރު ސަރުކާރު ހިންގާ ޕާޓީއަށް ހޯދީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ފަހު އެވެ. އެހެނަސް، ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެނެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ފަހަރުގައި ކޮންމެ ވާހަކައެއް އަކުރުން އަކުރަށް ލިޔެފައި ގާނޫނުއަސާސީގައި ނެތިދާނެ އެވެ. އެހެން ނަމަވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތަކީ ޑިމޮކްރެޓިކް ދައުލަތެއްގައި، ޑިމޮކްރީގެ އަސާސްތަކާ ފުށުއަރާ ގޮތަށް އެފަދަ ކަންކަން ކުރެވިގެން ނުވާނެ ކަމެވެ.
ނަމަވެސް އެކަން ވަނީ ކޮށްފަ އެވެ. ޕާޓީ ބަދަލުކޮށްފި ނަމަ އަދި ޕާޓީއަށް ފެނިއްޖެ ނަމަ، އަގުލަބިއްޔަތު އޮންނަ ފަރާތަކުން ފާސް ކުރާ ގާނޫނަކުން ރައްޔިތުންގެ ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮނޑި، އެ މެންބަރުން އިންތިހާބު ކުރި ރައްޔިތުން ކައިރީ އެހުމެއް، ކެހުމެެއް ނެތި ގެއްލުވާލެވިދާނެ އެވެ. އެއީ ގާނޫނުއަސާސީގެ އަސާސްތަކާ ފުށުއަރާ ކަމެކެވެ.
މަތީ ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ ފުރުސަތު އިންސާފުވެރިކޮށް ބެލުމުގެ ފުރުސަތު ނުލިބުމުގެ އަނެއް ނަތީޖާއަކީ، ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެތޯ ނުވަތަ ނޫންތޯ މިނިވަން މުސްތިގިއްލުކޮށް ބެލުމުގެ ދޮރު ބަންދުވެގެން ދިޔުމެވެ. ވަކި ގޮތަކަށް ފިކްސް ކުރާ ކޯޓަކުން އެ މައްސަލައަށް ފަހުން ރިޔާއަތް ކުރިއަސް، ދެން އެ ނިންމުން ގަބޫލު ކުރެވޭކަށް ނެތެވެ.
ސުވާލަކީ މިއީ 21 ވަނަ ގަރުނުގައި އަޅުގަނޑުމެން ބަލައިގަނެގެން މި ތިބި ޑިމޮކްރަސީއާ ފައިހަމަކުރެވޭ ކަމެއްތޯ އެވެ؟
ނޫނެކެވެ. ބަލައިގަނެވޭނެ އެއްވެސް އުޒުރެއް ނެތި، އެ ކޯޓުގައި ތިއްބެވި އެންމެ ގާބިލު އަދި ނަޒާހަތްތެރި ދެ ފަނޑިޔާރުން ވަކި ކުރީ އެވެ. އަނެއް ފަނޑިޔާރު، ނުފޫޒާ އެކު ވަކިވެވަޑައިގަތުމަށް މަޖުބޫރުވީ އެވެ. އެކަމަށް މަގުފަހިކޮށްދެއްވީ އެ ކޯޓަށް ވަކި ގޮތަކަށް ކުރީގެ ސަރުކާރުން ޕްރޮމޯޓް ކުރި ފަނޑިޔާރާއި އެންމެ އިސް ފަނޑިޔާރުގެ އެހީތެރިކަމާ އެކުކަން، ވަށައިގެން ހިނގި ކަންކަން ދިރާސާ ކުރުމުން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތެވެ. ކޯޓަށް އަވަސް އަމުރަކަށް އެދޭ ކަންކަން 48 ގަޑިއިރުގެ ތެރޭގައި ނިންމުމަށް 'ހުރަސް އެޅުއްވީ' އެ ދެ ބޭފުޅުންނެވެ. އޭގެ އިތުރަށް އެތައް ދުވަހެއް ވަންދެކަށް ކޯޓުގައި 'މަރު ތަޅު' އެޅުއްވީ އެންމެ އިސް ފަނޑިޔާރެވެ.
މާދަމާ އަޅުގަނޑުމެން ދާންވީ އެ ފަނޑިޔާރަށް، އަޅުގަނޑުމެންގެ ފައިސާ އިން ރިޓާޔަމަންޓް ޕެންޝަން ދޭންތޯ އެވެ. އަޅުގަނޑުގެ ނަޒަރުގައި އެ ފައިސާ ހަލާލެއް ނުވާނެ އެވެ. ނަމަވެސް ހަމައެއް އުސޫލެއް ނެތް ނަމަ، އެކަން ނުކުރައްވާނެ ކަމާ ދޭތެރެއަކު ސުވާލެއް ނެތެވެ. ކުރީގެ ރައީސް ނަޝީދު ކިތަންމެ ވަރަކަށް 'ބޭފުޅިޒަމަށް' ހިތްވަރު ދެއްވި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ގާތްވާ އިރު ވަރަށް މަދު ރަނގަޅު ކަންކަމާއި ގޯސް ނިންމުންތައް ވަރަށް ގިނަ އެވެ. ރަނގަޅު ކަމަކީ މި ފަހުން އިއުލާން ކުރެއްވި ކަރަންޓްގެ އަގު ހެޔޮ ކުރުމެވެ. ނަމަވެސް ރާއްޖެ ފަދަ، ސަރުކާރުގެ އާމްދަނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ބަރޯސާވާ ގައުމެއްގައި އެކަން ދެމި އޮންނާނީ ކިހާ ދުވަހު ކަމެއް އަދި ނޭނގެ އެވެ. ފަހަރުގައި އެއީ ރޯދަ މަހު ކަރަންޓް އަގުހެޔޮ ކުރި ގޮތަށް ކުރި ކަމަކަށް ވެސް ވެދެނެ އެވެ. ނޫނީ ބޯމަތިވަމުން އަންނަ ކައުންސިލް އިންތިހާބާ ދިމާކޮށް ކުރެއްވި ކަމަކަށް ވެސް ވެދާނެ އެވެ. އެކަން އެނގޭނީ އަދި ފަހުންނެވެ.
ރައީސް މުއިއްޒުގެ މައިގަނޑު ގޯސް ސިފަތައަކީ ތެދު ބަހުން ވާހަކަ ނުދެއްކެވުމެވެ. ބުނާ ބަހާއި އަމަލު ދިމާ ނުވުމެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތް ދުވަހުން ފެށިގެން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ.
އެއީ ތެދެއްތޯ އެވެ؟ ހަމަ ޔަގީންނުން ވެސް އެއީ ތެދެއް ނަމަ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު ވަތްކެއް ނުކުރީހެވެ. އެހެނީ އެއަށް ވުރެ ވަކީން ނަޒާހަތްތެރި ފަނޑިޔާރުންނެއް މި ގައުމަކުން ނުލިބޭނެތީ އެވެ. އަދި އެއަށް ވުރެ ވަކި ބޮޑު ނުފޫޒެއް ވެސް ކޯޓަކަށް ނުފޯރުއްވޭނެ އެވެ. އެއީ އެ މަނިކުފާނު މިހާތަނަށް އެޅުއްވި އެންމެ ކަތި ފިޔަވަޅެވެ. އެ ކަތި ފިޔަވަޅުގައި އެ މަނިކުފާނަށް ކުރި ހޯއްދެވޭނީ ކިހާ ދުވަހެއް ވަންދެކަށް ކަމެއް އަދި ނޭނގެ އެވެ. އެނގޭ ކަމަކީ އެ ކަތިފިވަޅު ކެއްޗާ ހަމައަށް ނެގިއަސް ކަތިވާނެ ކަމެވެ.
އެންމެ ބޮޑު ކަތިފިޔަވަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ