އުއްތަމަފަނޑިޔާރަށް ގަނޑުކޮށް 500،000 އާއި މަހަކު 70،000 ރުފިޔާ ދޭން އެދިއްޖެ
ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމުން އިތުރު އެލަވަންސްތަކެއް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެވެ. ފަނޑިޔާރުންގެ ރިޓަޔާމަންޓް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކޮމިޓީން އަންނަނީ ކުރަމުންނެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު 'ހުއްޓުވާލި'ކަމަށް ތުހުމަތުކުރެވިފައި އޮއްވައި މުއުތަސިމް ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފައެވެ. އެ މަނިކުފާނުގެ ރިޓަޔާމަންޓާ މެދު ޖޭއެސްސީން އަދި ވަކި ގޮތެއް ނުނިންމައެވެ. އެކަމަކު، އެ މަނިކުފާނަށް އިތުރު އިނާޔަތްތަކެއް ދޭން އެ ކޮމިޝަނުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. 'ސަން'އަށް ލިބިފައިވާ ޖޭއެސްސީގެ ސިޓީން އެނގޭ ގޮތުގައި މިހާރު އޮތް ގޮތުން މުއުތަސިމް ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާއެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް ބޮޑުވާނެއެވެ. އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެއެވެ. https://sun.mv/205762 ޖޭއެސްސީން ވަނީ އުއްތަމަފަނޑިޔާރު ރިޓަޔާކުރެއްވުމުން ލިވިން އެލަވަންސާއި އަދި ދަތުރުފަތުރުގެ އެލަވަންސްގެ ގޮތުގައި ޑްރައިވަރެއްގެ މުސާރައާއި ޕެޓްރޯލް ހަމަޖައްސަން އެދިފައެވެ. އަދި، ރިޓަޔާކުރައްވާއިރު ފަނޑިޔާރުކަން ކުރެއްވި މުއްދަތުގެ ބަދަލުގައި މުޅި ދައުލަތަށް ޚިދުމަތްކުރެއްވި މުއްދަތް ގުނަން ވެސް ވަނީ އެދިފައެވެ. މުއުތަސިމް ފަނޑިޔާރުކަން ކުރެއްވީ ނުވަ އަހަރާއި ހަ މަހާއި 11 ދުވަހެވެ. އެކަމަކު، އެ މަނިކުފާނު ވަނީ 24 އަހަރާއި ހަތަރު މަހާއި 18 ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައެވެ. މި އިސްލާހަށް އެންމެ ފުރަތަމަ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. އޭނާ ވަނީ އިސްލާހަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ދައުލަތަށް ޚިދުމަތްކުރައްވާފައި ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ބޭފުޅަކު ޝަރަފުވެރިކަމާ އެކު ގެންގުޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޑީލެއްގެ ތުހުމަތު އެ ހުށަހެޅުމަށް ވާހަކަދައްކަވަމުން މާލިއްުޔަތު ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ދެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ ގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ވަނީ މިއީ 'ޑީލެއްގެ' ދަށުން ކުރަން އުޅޭ ކަމެއް ކަމަށް ތުހުމަތުކުރައްވާފައެވެ. "ހަމަ މީހާ ބޭނުންވީމާ، ތިމަންނާ ރިޓަޔާކުރާނީ މި ހުރިހާ ކަމެއް ކޮށްދިނީމައޭ ބުނީމާ ރިޓަޔާމަންޓް ޕެކޭޖް ދޭންވީ،" ނުރުހުން ފާޅުކުރައްވައި ގަފޫރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވަކި ބޭފުޅަކު ރިޓަޔާކުރައްވަންވީމާ އެއްޗެއް ކަނޑާފައި ދެވިގެންނުވާނެ ކަމަށެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީއަށް ވަނީ މުއުތަސިމަށް 70،000 ރުފިޔާގެ އިނާޔަތެއް ދޭން ހުށަހަޅާފައި -- ފޮޓޯ/ މަޖިލީސް ޝަމްހީދު ވެސް ފާހަގަކުރެއްވީ އެ ވާހަކައެވެ. އޭނާ ވިދާޅުވީ، ދައުލަތަށް 25 އަހަރު ޚިދުމަތްކުރާ ނަރުހަކަށް ވެސް އެ ފަދަ އިނާޔަތްތަކެއް ނުލިބޭ ކަމަށެވެ. އެކަމަކު، އޭނާ ދެކިލައްވާ ގޮތުގައި އުއްތަމަފަނޑިޔާރަށް ވުރެ ބޮޑު އަދި މުހިންމު ޚިދުމަތެއް ދައުލަތަށް ކޮށްދެއްވަނީ ނަރުހުންނެވެ. "ގައުމުގެ ބުރަ މަސައްކަތްކުރި މީހުންނަށް ނުލިބޭ އެއްޗެއް މިތާގައި އަދި ދެތިން ހަތަރު އަހަރު ފަނޑިޔާރުކަން ކުރިއޭ ކިޔާފަކާ ދޭކަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ. "އެ އޮތީ ރިޓަޔާކުރަން ހުށަހަޅުއްވާފައި. ދެން އެ ބޭފުޅާއަށް ދެއްވަންވީމާ އަޅުގަނޑުމެން މި ތަނުން ގާނޫނަށް ގަވާއިދަށް ބަދަލެއް ގެންނަންވީ. މިއީއަކީ ކަންކުރާ ގޮތެއް ނޫނޭ. ވަކި މީހަކަށް ވީމާ ވަކި ގޮތެއް ހަދަން. މިއީ ކޮރަޕްޝަން،" އުއްތަމަފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކޮށް ކޯޓު ހުއްޓިފައި އޮއްވައެވެ. ހުސްނުއްސުއޫދު ފަހުން އިސްތިއުފާދެއްވި ނަމަވެސް އަނެއް ދެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބުމަށް ފަހު ވަނީ މަގާމުން ވަކިކޮށްފައެވެ. އެކަން ކުރީ އޭރު ބަލަމުން އައި ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވުނެވެ. އެކަމަކު، އެއީ ދޮގެއް ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ