6 އަހަރުގެ ދަރިފުޅު ވިއްކާލި ދެކުނު އެފްރިކާގެ މަންމައަކު އުމުރަށް ޖަލަށް

ހަ އަހަރުގެ އަންހެން ދަރިފުޅު ރަހީނުކޮށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދެކުނު އެފްރިކާގެ އަންހެނަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. ރެކެލް ކެލީ ސްމިތާއި އޭނާގެ ލޯބިވެރިޔާ ޖެކް އެޕޮލިސް އަދި އެ މީހުންގެ އެކުވެރިޔާ ސްޓީވަނޯ ވެން ރައިންއަށް ޖަލު ހުކުމް އިއްވާފައިވަނީ ކޭޕް ޓައުން ކައިރީގައި އޮންނަ ސަލްޑަންހާ ބޭގައި ދިރިއުޅުނު ހަ އަހަރުގެ ޖޯޝްލިން ސްމިތު ގެއްލުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފެބްރުއަރީ މަހު ގެއްލުނު އަންހެން ކުއްޖާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދިވެސް އޭނާ ނުފެނެއެވެ. ދެކުނު އެފްރިކާގެ ޕްރޮސެކިއުޓާ ޖެނެރަލް ބުނާ ގޮތުގައި އެ ކުއްޖާ ވަނީ ވިއްކާލާފައެވެ. ނަމަވެސް, ޝަރީއަތުގެ މަޖިލީހުގައި އެކަން ސާބިތުވެފައެއް ނުވެއެވެ. ހަ އަހަރުގެ އަންހެން ދަރިފުޅު ވިއްކާލި މަންމަ ކެލީ ސްމިތް. ފޮޓޯ/ރޮއިޓާސް ބެލެވޭ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކެލީ ދަރިފުޅު ވިއްކާލީ ފައިސާގެ ބޭނުމުގައެވެ. ކެލީއަށް ހުކުމް އިއްވާފައިވަނީ އަށް ހަފުތާގެ ޝަރީއަތަކަށްފަހުއެވެ. ހުކުމް އިއްވުމުގެ ކުރިން ޖޯޝްލިންގެ މާމަ، އަމަންޑާ ސްމިތު-ޑޭނިއަލްސް ވަނީ ދަރިފުޅު ގެނެސްދިނުމަށް އެދި އޭނާގެ އަންހެން ދަރިފުޅު ކައިރީން އާދޭސްކޮށްފައެވެ. "އެ މީހުންނަށް ލިބޭ އެއްވެސް ހުކުމަކުން އަހަރެންގެ މާމަދަރިފުޅު އަނބުރާ ލިބޭނެއެކޭ އަހަންނަކަށް ހިއެއް ނުވޭ،" ދެކުނު އެފްރިކާގެ ނިއުޒްރޫމް އެފްރިކާއަށް ދިން އިންޓަވިއުއެއްގައި އަމަންޑާ ބުންޏެވެ. ޝަރީއަތުގެ މަޖިލީހުގައި 30 އަށް ވުރެ ގިނަ ހެކިވެރިންގެ ހެކިބަސް އަޑުއެހިއިރު، ހެކިން ވަނީ ޖޯޝްލިންގެ އުނދަގޫ ދިރިއުޅުމުގެ ވާހަކަ ކިޔާދީފައެވެ. ކެލީއާއި އޭނާގެ ރައްޓެހިންގެ ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއްނުވެއެވެ. ކެލީއާ ދެކޮޅަށް ހެކިބަސް ދިން ހެކިވެރިއަކު ބުނި ގޮތުގައި 2023 ވަނަ އަހަރު ތިން ކުދިންގެ މަންމަ ކެލީ އޭނާގެ ކޮންމެ ކުއްޖަކު 20،000 ރެންޑް ނުވަތަ 1،100 ޑޮލަރަށް ވިއްކާލާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކެއް އޭނާއަށް ވަނީ އަޑުއިވިފައެވެ. އޭނާ ހުރީ 275 ޑޮލަރަށް ވިޔަސް ކުދިން ވިއްކާލަން ތައްޔާރަށް ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ކެލީ ވަނީ އޭނާގެ އަންހެން ދަރިފުޅު އިނީ ބޯޓެއްގެ ކޮންޓެއިނަރެއްގެ ތެރޭގައި ކަމަށާއި އަދި ބޯޓު އޮތީ ހުޅަނގު އެފްރިކާއަށް ދާ މަގުމަތީގައި ކަމަށް ބުނެފައި ކަމަށް ޖޯޝްލީންގެ ޓީޗަރަކު ވެސް ވަނީ ހެކިބަސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ