ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ޤައުމުގެ ތަރައްޤީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށާ، މި ދާއިރާގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ދަޢުވަތަކަށެވެ.
މިރޭގެ ހަފްލާގެ އެންމެ ޚާއްޞަ އެއް ނަންބަރަކީ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ އެވޯޑެއް އެރުވުމެވެ. އެވޯޑާ ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެއްވި މުހިންމު ކަންކަމާ، ދެން ކުރިއަށް ގެންދަވާނެ މުހިންމު މަޝްރޫޢުތަކާއި، ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.
ޢުމްރާނީ ގޮތުންނާއި ފަންނިއްޔާތާއި އިންސާނީ ވަސީލަތުގެ ގޮތުން ޞިއްޙީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޙިއްޞާކުރެއްވިއެވެ.
އެގޮތުން، އެންމެ ހައިރާންވެވަޑައިގަންނަވާ ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ނަރުހުން ހޯދުމުގައި، ދިވެހި ނަރުހުން ލިބުމުގައި ދަތިތަކެއް ހުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއަށް އެންމެ ފަހުން ގެނެވުނު ކުރިއެރުންތަކާއެކު އިތުރުކުރެވުނު ވަޒީފާތަކަށް ދިވެހި ނަރުހުން ލިބުމުގައި ކުރިމަތިވި ދަތިކަމަށް އިޝާރާތްކުރެއްވިއެވެ. ނަމަވެސް ޚިދުމަތަކީ މެދުކެނޑުމެއް ނެތި ދެވެންޖެހޭ ޚިދުމަތަކަށް ވާ އިރު، ބިދޭސީ ނަރުހުން ހޯދުމަށް މަޖުބޫރުވާކަމަށް ވިދާޅުވިއެވެ. މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގައި ތިއްބެވި، ތަމްރީނުވެފައިވާ ނަރުހުން، ވަޒީފާއަށް ނިކުމެވަޑައިގެން، މި ދާއިރާއަކީ ދިވެހީންގެ ދާއިރާއަކަށް ހެއްދެވުމަށް ގޮވާލައްވާފައިއެވެ.
ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން ފައިސާ އިސްރާފުވުން ހުއްޓުވައި، ބޭސްފަރުވާގެ ސަޕްލައި ކަށަވަރުކޮށް ދެއްވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައި ވާ އިރު، ދާދި އަވަހަށް އެކަންކަމުގެ ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާ ބަލާއިރު، ބައެއް ގައުމުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، ކުށެއް ނެތް، ގިނަ އަދަދެއްގެ މައުސޫމް މީހުން ނުރައްކަލަށް ހުށަހެޅިގެންދާކަމީ ހިތާމަހުރި ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އިޒްރޭލުގެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާއަށް ކުރިމަތިލާންޖެހިފައިވާ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ އެކަމުގައި ބައިވެރިވުން ނެތް ބައެއްގެ މައްޗަށް، އަނިޔާވެރިކަން ތަންފީޛު ކުރެވިގެން ދިއުން ކަމުގައި ވިދާޅުވެފައިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކުގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ، ޞިއްޙީ ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމުގައިވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ގޮންޖެހުންތަކާއެކުވެސް، ޑަބްލިއު.އެޗް،އޯ ސެޓްފިކޭޝަން ފެންވަރަށް، ޕޯލިއޯ، މެލޭރިއާ، ލިމްފެޓިކް ފައިލޭރިއާ އަދި މާބަނޑު މީހުންނާއި ނިއޯނޭޓަލް ޓެޓަނަސް ނައްތާލުމާއި، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީއާއި ސިފިލިސް ފެތުރުން ކާމިޔާބުކަމާއެކު ހުއްޓުވުން ފަދަ، ޢާންމު ޞިއްޙަތުގެ ރޮނގުން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެ ޙާޞިލުކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް މި ދަތުރު އަދި ނިމުނީ ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ވަރުގަދަ، އިތުބާރުހުރި، ޕްރައިމަރީ، ޕްރިވެންޓިވް އަދި ކިއުރެޓިވް ހެލްތްކެއާއަށް އަދުގެ ސަރުކާރުން ވުނަކުރަމުން މިދަނީ، ކޮންމެ މީހަކަށްވެސް، ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އެ މީހަކަށް ބޭނުންވާ ފަރުވާ ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމުގެ މަޤުޞަދުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި ގޮންޖެހުންތައް ގިނަވި ނަމަވެސް އަބަދުވެސް އިސްކުރައްވާނީ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން މަސައްކަތް ކުރަނީ، ޕްރިވެންޓިވް ހެލްތްކެއާއަށް ޚާއްޞަ ސަމާލުކަމެއް ދީގެން، މީގެ ކުރިން ރާއްޖޭގައި ދުވަހަކުވެސް ޙައްލު ނުލިބޭ މިންވަރަށް، ފެންވަރު ރަނގަޅު، އަދި ހެޔޮ އަގުގައި ޞިއްޙީ ފަރުވާ އެންމެންނަށް ކަށަވަރުކޮށް ދެއްވުމަށް ކަމަށް ވާ އިރު، ސަރުކާރުގެ ކޮންމެ ނިންމެވުމެއްވެސް ދައްކުވައިދެނީ އެއް ކަމެއް ކަމަށާ، އެއީ ފައިދާއަށްވުރެ ޕްރިވެންޓިވް ހެލްތްކެއާއަށް އިސްކަން ދޭންޖެހޭ ޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުނު އެވޯޑަކީވެސް މި މޭރުމުން ދުންފަތް ކޮންޓްރޯލް ކުރެއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ޙިކުމަތްތެރި ފިޔަވަޅުތަކުގެ އަގުވަޒަން ކުރުމުގެ އެވޯޑަކަށް ވާ އިރު، މިއީ ދުންފަތުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ ގޮންޖެހުންބޮޑު، ނަމަވެސް ކޮންމެހެން މަޖުބޫރު ފިޔަވަޅުތައް ބަލައިގަންނަ ކަމުގެ ރަމްޒެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އިޞްލާޙީ ބަދަލުތަކަކީ ހުރަހެއް ކަމުގައި ދެކެވަޑައިގަތުމުގެ ބަދަލުގައި، އަޅުގަނޑުމެން އެންމެންނަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ދުށުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ހަމައެކަނި ތިމާގެ އަމިއްލަ ނަފުސުގެ ބަދަލުގައި، ތިބާ ލޯބިވާ މީހުންނަށާއި، ޝާމިލުވާ މުޖުތަމަޢަށް ޓަކައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމަށް، އަމިއްލައަށް އަޒުމް ކަނޑައެޅުމަށް، ހުރިހާ ދިވެހި ރައްޔިތުންނަށް ހިތްވަރުދެއްވަމުންނެވެ.
ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތަކަށް މި ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ