ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވަގުތު އިތުރުކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެންކަމުގެ ތުހުމަތު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން އިތުރު އެއްގަނޑި އިރަށް ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައިވަނީ ޕީޕިއެމްއާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި، ސަރުކާރުން ނުފޫޒު ފޯރުވައިގެންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން އިން ބުނެފި އެވެ.
ޕީޕީއެމްއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މިއަދު ކުރިއަށްދާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން އިތުރު އެއްގަނޑި އިރަށް ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައިވަނީ ޕީޕިއެމްއާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށެވެ.
އެކަން ޕާޓީއިން ކުށްވެރިކޮށްފައިވާއިރު، ވޯޓުލުމުގެ ވަގުތު އިތުރުކުރަންވާނީ ހުރިހާ ޕާޓީތަކާއިއެކު މަޝްވަރާކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭ ހާލަތެއް އޮވެގެންކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ. މިކަން މިގޮތަށް ކޮށްފައިވަނީ އެމްޑީޕީއަށް މިއަދުގެ ބައި އިލެކްޝަނުން ނާކާމިޔާބީއާއި ކުރިމަތިވާތީ، އެކަން ފޫބެއްދުމަށް އިތުރު މީހުންނަށް ވޯޓުލާން ފުރުސަތު ދިނުމަށްތަކައި ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވައިގެންކަމަށް ޕީޕީއެމް ބުނެފައިވެއެވެ.
ޕީޕިއެމްގެ އިސްސަފުގައި ތިއްބެވި މެންބަރުންވެސް ވަނީ ޓުވީޓާގައި މިފަދަ ތުހުމަތުތައް ސަރުކާރުގެ މައްޗަށް ކުރައްވާފައެވެ. ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ”ސަންގާއި“ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ވޯޓުލާން ހަމަޖެހިފައިވާ މީހުންނަށްވުރެ ގިނަ މީހުން ވޯޓު ފޮށިތަކަށްވެސް ވޯޓުވެސް އަޅާފައިވާކަމަށެވެ. އަދި އިންތިހާބު ގަނޑުބަނޑުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ދޭހަވާފަދަ މޭރުމަރުމަކުން ޝިޔާމް ވަނީ ވާހަކަދައްކަވާފައެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުރިން ބާއްވާފައިވާ މިފަދަ ބައި އިލެކްޝަންސްތަކުގައި އީސީއިން އަމަލުކޮށްފައިވާ ގޮތާއި ހިލާފަށް މިފަހަރު އަމަލު ކުރުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ. އެގޮތުން ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުން ކުރިއަށްދިޔައިރު ކަނޑުގަދަވެ، ވިއްސާރަވެގެން އިތުރު ކޮށްދިނުމަށް ކޮމިޝަންގައި އެދުމުން އެއީ ގެންގުޅޭ ސިޔާސަތެއް ނޫންކަމަށް ބުނެ އެފަހަރު ވަގުތު އިތުރުކޮށްދީފައިނުވާކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ. ނަމަވެސް މިއަދު އެމްޑީޕީއިން ވޯޓުން ވަލިވާނެކަން ޔަގީންވުމުން ސަރުކާރުން އެދިގެން ވަގުތު އިތުރުކޮށްދިނުމުގެ ސަޔާސަތަކީ އީސީއިން އަމަލުކޮށްގެންވާނެ ސިޔާސަތެއް ނޫންކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ވޯޓުލާ ވަގުތު އިތުރުކޮށް އަދި ވޯޓުފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނިޓުގެ ތެރޭގައި ގުނަން ފަށާ ގޮތަށް އީސީގެ އިއުލާނުގައި ބުނެފައިވާ ހިނދު އަދި އިންތިހާބުތަކާއިބެހޭ ގާނޫނުގެ 54 ވަނަ މާއްސާގެ (ށ) ގައި ވޯޓު ފޮށި ބަންދު ކުރުމަށްފަހު އެ ވޯޓު ފޮށި އަލުން ހުޅުވާވީ އެންމެ އަވަހަކަށް ވޯޓު ގުނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، 17:00 ގައި ވޯޓުފޮށި ބަންދުކޮށް ރޯދަ ވީއްލައިގެން ވޯޓުފޮށި ގުނަން ފަށަގޮތަށް އީސީއިން ނިންމުމަކީވެސް ނަތީޖާއަށް ނުފޫޒު ފޯރުވަން ކުރާކަމެއްކަމުގައި ދެކޭކަމަށް ޕީޕިއެމްއިން ވަނީ ބުނެފައެވެ.
އެހެންކަމުން ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ހަމަހަމަކަމާއި، އިންސާފުވެރިކަމާއިއެކު މިފަދަ ކަންކަން ކުރިއަށް ގެންދިއުމަށް އީސީއަށް ޕީޕީއެމްއިން ވަނީ ގޮވާލާފައެވެ. އަދި މި އިންތިހާބަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރަށްވެސް ގޮވާލާފައިވެއެވެ. އަދި މިކަންކަން ވަރަށް ކައިރިން އިދިކޮޅުން ބަލަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ