މުހިންމު ކޮމިޓީތަކުގައި ބައިވެރިވާން ނުލިބޭކަމަށް ފާހަގަކޮށް މެމްބަރު ނަޝީދުގެ ކަންބޮޑުވުން

ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، މަޖިލީހުގެ ބައެއް މެމްބަރުންނަށް މުހިންމު ކޮމިޓީތަކުގައި ބަހެއް ވިދާޅުވާން ނުލިބޭކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާއިމެދު ތަޅުމުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ބައިވެރިވެވަޑައިގެން މެމްބަރު ނަޝީދުވަނީ މިހާރު މަޖިލީހުގެ ކަންކަން ބައްޓަންވެފައިވަނީ އެންމެ އިންސާފުވެރި ގޮތެއްގެ މަތިން ނޫންކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެންމެހާ ރައްޔިތުން ހަމަ ހަމަކަމަށް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަގާމަށް އައްޔަނުވުމަށް ޕާޓީއެއްގައި ޝާމިލުވުން ލާޒިމުނުވާކަމަށާއި މިނިވަން މެމްބަރެއްގެ ގޮތުގައިވެސް ވަޑައިގެންނެވުމުގެ ފުރުސަތު އޮތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު ނަޝީދު ވިދާޅުވީ، އެހެންނަމަވެސް މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ ގަވައިދުގެ ދަށުން މިނިވަން މެމްބަރުން އަދި އެހެން މެމްބަރުން ދެމެދު ހަމަ ހަމަ ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މާލިއްޔާތު ކޮމިޓީ ފަދަ މުހިންމު ކަންކަމާއި ހަވާލުވެވަޑައިގެން ތިއްބަވަން ޖެހެނީ ވަކި ބައެއްކަމަށެވެ. އޭނާ ވިދާޅުވީ އިގްތިސާދީ އަދި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައިވެސް ތިއްބަވަން ޖެހެނީ ވަކި މެމްބަރުންތަކެއްކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކޮމިޓީތަކުގައި ތިއްބަވަނީ ބޮޑެތި މެމްބަރުންތަކެއްކަމަށެވެ. އެހެންނަމަވެސް ”ސައިޒުން“ ބޮޑުވުމުގެ ސަބަބުން އެފަދަ ފުރުސަތެއް ފަހިވެގެންދާނަމަ އޭނާއަށްވެސް ލިބިވަޑައިގަންނަވަން ޖެހޭނެކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ކޮމިޓީތަކުގައި ތިއްބަވަނީ ކޮންމެވެސް އެހެން ގޮތަކުން ބޮޑެތި މެމްބަރުންތަކެއް ކަމަށާއި، ކޮމިޓީތަކުގައި ތިއްބަވަނީ ދާއިމީ ހައިސިއްޔަތަކުންކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އެންމެހާ މެމްބަރުންނަށް އެންމެހާ ކޮމިޓީތަކުންވެސް ޖާގަ ލިބިގެންދާފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް އޭނާ ހުށައެޅުއްވިއެވެ. މެމްބަރު ނަޝީދު ވިދާޅުވީ، މަޖިލީހުގައި ވަކި މެމްބަރުންތަކެއް ތަފާތު ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ މެމްބަރެއްވެސް މަޖިލީހަށް ވަޑައިގަތީ ފަސްހާސް ރައްޔިތުން ތަމްސީލުކޮށްދެއްވުމަށްކަމަށެވެ. އެހެންނަމަވެސް އޭނާ ފަދަ މެމްބަރުންނަށް ފުރުސަތު ލިބިވަޑައިނުގަންނަވާކަމަށާއި ކޮންމެ އަހަރެއްގައިވެސް ބަޖެޓު އެކުލަވާލެވިގެންދާއިރު ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންގެ ދާއިރާތަކަށް ބޮޑެތި ފައިދާތައް ލިބިގެންދާކަމަށް ނަޝީދު އިޝާރާތްކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ ފަދަ ކޮމިޓީއަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގެން ނުވާ މެމްބަރުންގެ ދާއިރާތަކަށް ފައިދާއެއް ލިބިގެން ނުދާކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ބައެއް ކޮމިޓީތަކަކީ ނުފޫޒު ގަދަ ކޮމިޓީތަކެއްކަމަށެވެ. އެހެންނަމަވެސް މިނިވަން މެމްބަރުންނަށް ލައްވާލަނީ މުހިންމު ނޫން ކޮމިޓީތަކުންކަމަށް އޭނާ ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މިނިވަން މެމްބަރެއްގެ ގޮތުގައިވެސް މަޖިލީހަށް ވަޑައިގަތުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ވަކި ކުޑަ ނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެންމެހާ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުގެ ގޮތުގައި ވިދާޅުވިނަމަވެސް ހަގީގަތުގައި އިއްޒަތެއް ލިބިގެންދަނީ ވަކި ބަޔަކަށްކަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ