ގާސިމަށް ފިއްތުންތަކެއް ކުރިމަތިކޮށްފި، ޕީޕީއެމް މެމްބަރުން މިތިބީ ގާސިމާއެކު: މައުމޫން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފިއްތުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި މި ދަނޑިވަޅުގައި ޕީޕީއެމްގެ އާންމު މެމްބަރުން ތިބީ އެމަނިކުފާނާއެކުގައި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދެވި މައުމޫނާ، ބައިއަތު ހިއްޕަވައިގެން ހުންނެވި ގާސިމް އިބްރާހިމަށް ކުރިމަތިވަމުންދަނީ ކޮންކަހަލަ ފިއްތުންތަކެއް ކަމެއް މައުމޫން ވިދާޅެއްނުވެ އެވެ. ޕީޕީއެމްގެ އޮފީސް ކުރިން ހިންގި ހ. ތެމާގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހިމަށް ފިއްތުންތަކެއް ކުރިމަތިވަމުންދާ ސަބަބު އެނވިވަޑައިގަންނަވާ ކަމަށެވެ. ގާސިމަށް ކުރިމަތިވަމުންދާ ފިއްތުންތަކަކީ ކޮބައިކަން ހާމަ ނުކުރައްވައި މައުމޫން ވިދާޅުވީ އެފަދަ ފިއްތުންތަކެއް ކުރިމަތި ކުރަމުންދަނީ ގާސިމްގެ ހިތްވަރު ބަލިކޮށްލައި އެމަނިކުފާނުގެ އަޒުން ބަލިކޮށްލުމަށް ކަމަށެވެ. ގާސިމަކީ "އެކަހަލަ ބޭފުޅެއް ނޫން" ކަމަށާއި އެމަނިކުފާނަކީ ހިތްވަރު ގަދަ، "މާ ވަރުގަދަ" އަޒުމެއްގައި ހުންނެވި ބޭފުޅެއް ކަމަށް މައުމޫން މިއަދު ވިދާޅުވި އެވެ. "ގާސިމަކީ ހިތްވަރު ގަދަ ބޭފުޅެއް. އެމަނިކުފާނުގެ މި ކުރިމަތިކުރަމުންދާ ކަންތައްތަކުން އަސަރެއް ނުކުރާނެ. ޕީޕީއެމްގެ މެމްބަރުން މިތިބީ ގާސިމާއެކު،" ރައީސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ގާސިމަށް ކުރިމަތިވަމުންދާ ފިއްތުންތަކަށް ހައްލު ހޯދައި ދިނުމަށް ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ގާސިމްގެ ވިޔަފާރީގެ ދަށުގައިވާ ތަންތަނުގައި މަސައްކަތް ކުރާ 5،000 މުވައްޒަފުން ތިއްބޭނެ ކަމަށާއި އެ މުވައްޒަފުންގެ އާއިލާތަކަށް ވެސް ދިމާވާ ދަތިތައް ހައްލު ކުރުމުގައި ވެސް ދެމިތިބޭނެ ކަމަށެވެ. "އެމަނިކުފާނުގެ އެއްވެސް އިގްތިސާދީ މަސައްކަތަކަށް ބުރުލެއް އަރާ ގޮތަކަށް އަޅުގަނޑުމެން އެއްވެސް ގޮތަކަށް ދުލެއް ނުދޭނަމޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނީ ގާސިމް އިބްރާހިމްގެ އަރިހުގައޭ. އަދި އެމަނިކުފާނު އެ ކުރައްވާ އިގްތިސާދީ މަސައްކަތަށް ބާރުދޭ ފަރާތެއްގެ ގޮތުގައޭ." ރައީސް މައުމޫން ވިދާޅުވި އެވެ. ގާސިމް އިބްރާހިމާ ރައީސް މައުމޫނާ ދެބޭފުޅުން ބައްދަލުކުރެއްވުމަށްފަހު ގާސިމް އިބްރާހިމް ވަނީ ރައީސް މައުމޫނަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ދެ ޕާޓީ ގުޅިގެން އެކި ލެވަލްގައި މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އެ ބައްދަލުކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މައުމޫނާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ