ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ، ތާރީހަށް ނަޒަރެއް!

ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތަކީ އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓެވެ. ރަށްތަކުގެ ސްކޫލްތަކުން މިއަދަށް ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. ދޯނިތައް ހަމަޖައްސައި، ލ. ގަމުގެ ޒޯން ސްޓޭޑިއަމަށް އަންނަން މުޅި ރަށް އޮތީ ތައްޔާރަށެވެ. މުބާރާތް އިންތިޒާމް ކުރާ އަތޮޅު ކައުންސިލުން އޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. ނުވަ ސްކޫލަކުން، އަތޮޅު ޗެމްޕިއަންކަމަށް ކުރާ ދަތުރު މިއަދު ފެށޭނެއެވެ.
މީގެ ކުރިން ވަނީ ތިން މުބާރާތެއް ބޭއްވިފައި
މިއަހަރު ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް މުބާރާތުގެ ނަމުގައި ކުރިއަށް ގެންދާ ލ. އަތޮޅު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތަކީ، އަތޮޅު ކައުންސިލުން އިސް ނަގައިގެން ކުރިއަށް ގެންދާ ހަތަރު ވަނަ އިންޓަ ސްކޫލް މުބާރާތެވެ. އިންޓަ ސްކޫލް މުބާރާތް ލ. އަތޮޅުގައި ފުރަތަމަ ބޭއްވިގެން ދިޔައީ 2015 ވަނަ އަހަރުއެވެ. އެފަހަރު ހަ ޓީމަކުން ބައިވެރިވެފައިވާ އިރު، ޗެމްޕިއަން ޓީމަކީ މާވަށު ސްކޫލެވެ.
އެފަހަރު ފައިނަލުގައި ލ. ގަމު ހަމަދު ސްކޫލް ކައިރިން މާވަށް ތަށި ގެންދިޔަ އިރު، މުބާރާތުގެ އެންމެ މޮޅު ކުުޅުންތެރިޔަކީ ހުސައިން މައިޝާން (މައްކި) އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ މައްކި އަކީ މިހާރު ލ. އަތޮޅުގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ނަމެކެވެ. އޭގެ އިތުރުން އެ މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ލ. ގަމު ފުޓްސަލް ޓީމުން ފެނިގެންދާ ރަޒާން އަބްދުއްސަމަދާއި ދަނބިދޫ ފުޓްބޯޅަ އަދި ފުޓްސަލް ތަރި އަލީ އިރުފާދު (އިރުއްޕެ) ހިމެނެއެވެ.
ދެހާސް ފަނަރަވަނަ އަހަރަށްފަހު ދެން ޖެހިގެން އައި 2016 ވަނަ އަހަރުވެސް މުބާރާތް ބާއްވާފައިވާ އިރު، އެފަހަރު ތަށި ނެގީ ލ. މާމެންދޫ ސްކޫލުންނެވެ. އެއީ މާވަށް ބަލިކޮށްފައެވެ. އެފަހަރުގެ މުބާރާތުން މިހާރު ދެވަނަ ޑިވިޝަނުގެ ކްލަބުތަކުންވެސް ފެންނަ ޒައިދާން އަބްދުﷲ (ޒައިއްކޮ) އާއި އިސްދޫގެ އަލީ މީސާގު އީސާ ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ.
ދެވަނަ މުބާރާތަށްފަހު، މެދުކެނޑުމެއް އައެވެ. އެ މެދުކެނޑުމަށްފަހު އަލުން އަނެއްކާވެސް ލ. އަތޮޅުގެ އިންޓަ ސްކޫލް މުބާރާތް ދެން ފެށީ މިދިޔަ އަހަރުއެވެ. އެއީ އާ ފެށުމަކުން މުބާރާތް ހިންގުން އިތުރަށް ފުޅާކޮށްގެން މަސައްކަތް ފެށި ފެށުމެކެވެ. ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީ، ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމާއެކު އެފަހަރު މުބާރާތް ބޭއްވީ ބޮޑު ކޮށެވެ.
މިދިޔަ އަހަރު މުބާރާތުގެ ތެރެއިން ---
ފޯރިގަދަ މެޗުތަކެއް ފެނިގެން ގޮސްފައިވާ އިރު، ރަށްރަށުގެ ރައްޔިތުން އެކީ އެކައްޗަކަށްވެ ޓީމަށް ސަޕޯޓުކުރިތަން ފެނިގެން ދިޔައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ލ. އަތޮޅު ތައުލީމީ މަރުކަޒުގެ މައްޗަށް ލ. މާބައިދޫގެ ލ. އަތޮޅު މަދަރުސާއިން ކުރި ހޯދައި ތަށި ގެންދިޔައެވެ.
މިއަހަރު ފޯރިގަދަވާނެ، މިއަހަރު މުބާރާތުގެ ގްރޫޕްތަކަކީ ކޮބާ؟ ގްރޫޕް އޭ: ލ. އަތޮޅު ސްކޫލް، ހަމަދު ސްކޫލް، މާވަށު ސްކޫލް، މާމެންދޫ ސްކޫލްގްރޫޕް ބީ: ލ. އަތޮޅު ތައުލީމީ މަރުކަޒު، ދަނބިދޫ ސްކޫލް، ކަލައިދޫ ސްކޫލް، އިސްދޫ ސްކޫލް، އިހައްދޫ ސްކޫލް
ލ. އަތޮޅަކީ ފުޓުބޯޅައިގައި ރަނގަޅު ކުޅުންތެރިންތަކެއް އުފައްދަމުންދާ އަތޮޅެއްގެ ގޮތުގައި ފަހަކަށް އައިސް ވަނީ ފާހަގަވެގެން ގޮސްފައެވެ. އެގޮތުން ގައުމީ ފުޓުބޯޅަ ޓީމާއި، ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުގައިވެސް ލ. އަތޮޅުގެ ޒުވާން ކުޅުންތެރިން ފާހަގަވެގެން ދެއެވެ.
އެ އަޒުމުގައި އަތޮޅު ކައުންސިލުން ބާއްވަމުންދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް، މިއަހަރުވެސް ފޯރިގަދަވާނެކަން އެނގިގެންދަނީ ޓީމުތަކުން މަސް ދުވަސް ކުރިން ވާން ފެށި ތައްޔާރީތަކާ އެކުގައެވެ. މޮޅެތި ކޯޗުންނާއެކު ޓީމުތަކުން ރަނގަޅު ވާދައަކަށް އޮތީ ތައްޔާރުވެފައެވެ. މިއަދު މުބާރާތް ފެށުންވެސް ކުލަ ގަދަވާނެއެވެ. ލ. ގަމު ޒޯން ސްޓޭޑިއަމަށް މުޅި ލ. އަތޮޅުގެ ސަމާލުކަން އޮތީ ހުއްޓިފައެވެ.
ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މިއަދާ މިރޭގެ މެޗުތައް
16:15 ލ. އަތޮޅު މަދަރުސާ - ހަމަދު ސްކޫލް
20:00 މާވަށު ސްކޫލް - މާމެންދޫ ސްކޫލް
21:30 ލ. އަތޮޅު ތައުލީމީ މަރުކަޒު - ދަނބިދޫ ސްކޫލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ