ދެކުނުގެ ތިން ސިޓީ ކަމަށްވާ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ސިޓީގެ ދަތުރުފުޅުން ފެނިވަޑައިގަތީ އިންތިހާބުގެ ނަތީޖާއަށް ވަރަށް ބޮޑު ބަދަލެއް އަންނަ ތަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް މިއަދު އައްޑޫ، ފުވައްމުލައް އަދި ތިނަދޫ އަށް ވަޑައިގަތެވެ. ރައީސް ވަނީ އައްޑޫ އާއި ފުވައްމުލަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައިފައެވެ. އަދި ތިނަދޫން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.
ތިނަދޫގައި ހުންނަވައި ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހިލާފަށް މިފަހަރު އެމްޑީޕީގެ ކެމްޕެއިން ޓީމްތަކުން މަސައްކަތް ކުރަމުން އަންނަނީ މާ ރޭވުންތެރިކަމާ އެކީގައި ކަމަށެވެ. އެކަމުގެ ނަތީޖާ ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަނީ މި ތިން ސިޓީން ވެސް ކުރިއާ އަޅާބަލާއިރު ބޮޑު ތަފާތަކުން ފެނިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެމަނިކުފާނަށް ކުރި ތާއީދު އަނބުރާ ގެންގޮސް، އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމުމާ ގުޅިގެން ރައީސް ވިދާޅުވީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އޮތީ ހުރިހާ ސިނާރިއޯއަކަށް ތައްޔާރުވެގެން ކަމަށް ވިދާޅުވިއެވެ.
"ދެން އެކަން އެ ދިޔައީ މާޒީއަށް. އަޅުގަނޑު ދަންނަވާނީ އެ ކުރެވުނީ އެންމެ ރަނގަޅު ގޮތް ނޫންކަން އެކަން އެ ކުރެވުނީ އެންމެ ރަނގަޅު ވަގުތުގައި ނޫން ކަމަށް. ހަމަ ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބު ބޮޑު ތަފާތަކުން ނެގޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވެސް އެބަ އޮތް ކަމަށެވެ.
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދެކުނުގެ ތިން ސިޓީގެ ތެރެއިން ރައީސް ސޯލިހަށް މެޖޯރިޓީ ނެންގެވުނީ އައްޑޫ ސިޓީން އެކަންޏެވެ. ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ސިޓީގެ މެޖޯރިޓީ ނަންގަވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒެވެ.
ރައީސް ވިދާޅުވަނީ ދެކުނުގެ ތިން އަތޮޅުގެ ނަތީޖާ އަނބުރާލެވޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ