އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި، މިއަދު ކުޅުނު މެޗުން، ބޫޓާން އަތުން ބަންގްލަދޭޝް 3-0 އިން މޮޅުވުމާ އެކު، މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ރާއްޖެ އަށް ފަހިވެއްޖެ އެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ފަހަތުން އަރައި 2-2 އިން ބަންގްލަދޭޝާ އެއްވަރުކޮށްފަ އެވެ.
އެ ގްރޫޕްގެ ދެ ވަަނަ މެޗުގައި، މިއަދު ބަންގްލަދޭޝް އިން ބޫޓާން ބަލިކޮށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ. އެ ގްރޫޕުން ސެމީ ފައިނަލުގެ އަނެއް ޖާގަ ލިބޭނެ ޓީމެއް ޔަގީންވާނީ ގްރޫޕްގެ ފަހު މެޗުގައި، އަންގާރަ ދުވަހު ރާއްޖެ އާއި ބޫޓާން ކުޅޭ މެޗުންނެވެ.
ބޫޓާނާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވެއްޖެނަމަ، ފުރުސަތެއް ނުލިބޭނެ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރާނަމަ، ތިން ގޯލަށް ވުރެ ފަރަގު ބޮޑުކޮށް ބޫޓާން އަތުން މޮޅުވާން ޖެހޭނެ އެވެ.
ދަތުރުފަތުރުގައި ދިމާވި ކުއްލި ކަމެއްގެ ސަބަބުން، މުބާރާތަށް ދާން އޮތް އެއް ފްލައިޓް ކެންސަލްވެ، ރާއްޖޭގެ ޓީމު މުބާރާތް ކުޅޭ އަރުނާލް ޕްރަދޭޝް އަށް ގޮސް ޓީމު ހަމަވީ ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ކުޅުނު މެޗަށް 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައި އޮއްވަ އެވެ. އެހެންވެ، މުބާރާތް ބާއްވާ ދަނޑުގައި ރާއްޖެ އަށް ޕްރެކްޓިހެއް ވެސް ނުކުރެވުނެވެ. ރާއްޖޭން މި މެޗު ކުޅޭ ދުވަސް ނޫނީ ވަގުތު ފަސްކުރަން ހުށަހެޅި ނަމަވެސް ސާފުން އެ ޕްރޮޕޯސަލް އަނބުރާފޮނުވާލި އެވެ.
އެކަަމަކު، އެ ހުރިހާ ހާލަތަކަށް ބަލާއިރު ވެސް، ރާއްޖޭން ފުރަތަމަ މެޗުގައި، ދެއްކި ކުޅުމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވަނީ ތައުރީފުކޮށްފަ އެވެ.
މިއީ، ސާފް އިން، 18، 19 އާއި 20 އަހަރުން ދަށަށް ހާއްސަކޮށް، ބާއްވާ ހަތް ވަނަ މުބާރާތެވެ. ސާފް އިން އެ އަހަރެއްގެ މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ، އޭއެފްސީ ކޮލިފައިން އަށް ވެސް ބަލައި، ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސާފް 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރު މުބާރާތް ބޭއްވީ 20 އަހަރުން ދަށަށެެވެ. އެ ގޮތުން، އެ މުބާރާތުގައި އިންޑިއާ އާއި ބޫޓާނާ ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝް އިން ބޫޓާން ބަލިކުރުމުން ރާއްޖެ އަށް ސެމީގެ ފުރުސަތު ސާފް 19 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝް އިން ބޫޓާން ބަލިކުރުމުން ރާއްޖެ އަށް ސެމީގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ