ބްރޯޑްކޮމްއަށް އައްޔަންކުރަން 6 ނަމެއް ރައީސް ހުށަހަޅުއްވައިފި، ލިސްޓުގެ ކުރީގައި ޒަމްއަތު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި ހަ ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. ބްރޯޑްކޮމް މެންބަރުކަމަށް އެމަނިކުފާނު ނަންތައް ހުށަހެޅުއްވީ، އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ. ރައީސް މުއިއްޒު ވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ ނަންތަކަކީ: ޒަމްއަތު އަހުމަދު ވަހީދު/ މަލަ، ގދ. ތިނަދޫ އިބްރާހީމް އަޝްރަފް/ ވ. މަށަވެލި މޫސާ ރިޟްވާން/ މ. ހާވިލާ ޒީނާ ޒާހިރު/ އަތިރިގޭ، ގދ. ގައްދޫ އަލީ ޔޫސުފް/ ބާރަނާ، ޅ. ހިންނަވަރު ޝިމްލާ އަހުމަދު/ އާސްޓްރަލްގެ، ސ. ހިތަދޫ ލިސްޓުގެ ކުރީގައި އިންނެވި ޒަމްއަތަކީ، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންދާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއަކަށް މަސައްކަތް ކުރައްވައިފައެވެ. އޭގެ އިތުރުން ބައެއް އަމިއްލަ މީޑިއާތަކުގައި ވެސް މަސައްކަތް ކުރެއްވެވިއެވެ. ޒަމްއަތު ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ހައްދަވައިފައެވެ. ޒީނާ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް ލިސްޓްގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި މި ސަރުކާރުގައި ފުރަތަމަ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ޒީނާ ވެސް ހިމެނެއެވެ. ނަމަވެސް، ޒީނާގެ ނަން އިނީ ރައީސް އިސްކަންދެއްވާ ތަރުތީބު ލިސްޓުގެ ހަތަރުވަނައިގައެވެ. މި ހަ ބޭފުޅުންގެ ތެރެއިން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު ކަނޑައަޅާނީ، އެ ބޭފުޅުން އިންޓަވިއުކުރުމަށް ފަހު، ކޮމިޓީން ޝަރުތު ހަމަވާ އަދި ގާބިލު މީހެއްކަމަށް ކަނޑައަޅާ މީހެކެވެ. އެއަށް ފަހު ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. މިއަދުގެ ޖަލްސާގައި އެ ނަންތައް އިއްވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ. ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މާރިޗު މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަނީ އެ ކޮމިޝަނުގެ މެންބަރު، ޝިފްލާ އިބްރާހީމް އައްޔަންކޮށްފައެވެ. އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި، ސޮފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ. އޭގެ ތެރެއިން ރައީސަކީ ސޮފާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ